މަޓީގެ ހުސްވެފައިވާ ޗެއާމަންކަމަށް ޗަމްޕާ އަފީފް

ޗަމްޕާ ޙުސައިން އަފީފް: މަޓީގެ އާ ޗެއާމަންކަމަށް އަފީފް އައްޔަންކުރީ މިއަދު -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުސްވެފައިވާ ޗެއާމަންކަމުގެ މަގާމަށް ޙުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ 36ވަނަ އަހަރީ އާންމު ޖަލްސާގައިވަނީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އާ ދައުރަކަށް އިންތިޚާބުކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި އެ ދާއިރާ ކުރިއަރުވަން އެތައް މަސައްކަތެއް މިހާރުވެސް ކުރައްވަމުން ގެންދަވާ އަފީފް ނިމިދިޔަ ދައުރުގައި ހުންނެވީ މަޓީގެ ޗެއާމަންގެ ނައިބުކަމުގެ މަގާމުގައެވެ.

މަޓީގެ ޗެއާމަންކަމުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކޮށްދެއްވި އެއް ބާނީ ކަމަށްވާ އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށެވެ.

ފާހަގަކުރެވޭ ގޮތުގައި، މަޓީގެ 36ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވި ކުރުނބާ މޯލްޑިވްސްއަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ ރިސޯޓެވެ. ކުރުނބާ ވިލެޖުގެ ނަމުގައި އެ ރިސޯޓު 1986 ގައި އަލުން ތަރައްގީކުރައްވައި ރާއްޖޭގެ ފުރަތަމަ ފަސް ތަރީގެ ރިސޯޓަކަށް ހެއްދެވުމުގައި އެމްޔޫ މަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

comment ކޮމެންޓް