އިޤުރާރުވީމޭ ލޯބިން - 05

އިޤުރާރުވީމޭ ލޯބިން -

"މިރޭ ދާނިޔާއާ ދާނިޔާގެ އާއިލާ މިގެއަށް އަންނާނެ."

ރިހާމް ބޯ ޖަހައިލިއެވެ. އޭނަ ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ބަލައިލިއެވެ. ޝާފިޔާއާއި، ރަޝީދަށްވެސް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ރިހާމްގެ ފަރާތުން މި ފަހުން ފެންނަ އަމަލުތަކުގެ ސަބަބުން އެމީހުން ތިބެނީ ނުލާހިކު ހަމަޖެހިފައެވެ. އެއީ މާކުރިން ފެށިގެންވެސް އެމީހުން ބޭނުންވާ ގޮތެވެ. ރިހާމްއާއި އައިރާގެ ކައިވެންޏާ އެ ދެމީހުން ކުރެ އެކަކުވެސް ޤަބޫލެއް ނޫނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އައިރާއަކީ ރިހާމްއާ އެއްހަމައެއްގައި ގުނާލެވޭނެ ކުއްޖެއްކަމުގައި އެމީހުން ޤަބޫލެއް ނުކުރެއެވެ. ރިހާމްގެ ޙަޔާތާ ގުޅެން ޖެހޭނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޒުވާނެކެވެ. ރަނގަޅު ޢާއިލާއަކުން އައިސްފައި ހުރި ކުއްޖެކެވެ. އެމީހުންގެ ދިރިއުޅުމާ އެކަށީގެންވާ ކުއްޖެކެވެ. މުޖްތަމަޢުގެ އިނގިލިތައް އެ ކުއްޖަކާ ދިމާލަށް ދިއްކުރެވޭ އަންހެން ކުއްޖެއް ނޫނެވެ. އެ ކުއްޖަކު ވާން ޖެހޭނީ އެހެން އެންމެންގެ އިޙްތިރާމް ލިބިފައިވާ ކުއްޖަކަށެވެ. އައިރާގެ ހުރީ ކޮން ސިފަތަކެއް ހެއްޔެވެ؟ އެއިން އެއްވެސް ސިފައެއް ނެތެވެ. އައިރާގެ ސަބަބުން އެމީހުންގެ ޢާއިލާގެ ނަމާއި އަބުރާ ޢިއްޒަތަށް ހުތުރުވުން ނޫންކަމެއް ނުވާނެއެވެ.

"މަންމަ އުފާކުރަން ދަރިފުޅަށް ވިސްނުނީތީ..." ޝާފިޔާ ބުންޏެވެ. އޭނަ ބޭނުންވަނީ ރިހާމް ލައްވާ މިއަދުން މިއަދަށްވެސް އައިރާ ވަރިކުރުވާށެވެ. އެހެންނަމަވެސް، އެކަން އޭނަ ފަސްކޮށްލީއެވެ. ކޮންމެ ކަމެއްވެސް ރާވަން ޖެހޭނީ ނިކަން ޙިކުމަތްތެރި ކަމާއެކުގައެވެ. މިހާރު ބާޒީ އެވަނީ އޭނަގެ އަތުތެރޭގައެވެ. އެޅޭ އެންމެ ކަތިފިޔަވަޅަކުން ބާޒީ އޭނަގެ އަތުން ގެއްލޭކަށް ޝާފިޔާ ބޭނުމެއް ނޫނެވެ. އޭނަ ބޭނުންވާގޮތަށް ކަންތައްތައް ވާން ފެށިނަމަވެސް، އަދިވެސް ކެތްތެރިވާން ޖެހެއެވެ. އޭނަ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަން ކުރެވޭނީ އޭރުންނެވެ.

"ކިހާ އިރަކުތަ އެމީހުން އަންނަނީ؟" ރިހާމް ސުވާލުކޮށްލިއެވެ.

"ރޭގަނޑު އައްގަޑި ބަޔަށް ގަޑި ކީ..." ރަޝީދު ޖަވާބު ދިނެވެ.

"މަންމަމެން ހުރިހާ ކަމެއްވެސް މިކުރަނީ ދަރިފުޅަށް ރަނގަޅަކަށް." ޝާފިޔާ އިތުރުކޮށްލިއެވެ. "ކޮންމެ ގޮތަކުން ބެލި ނަމަވެސް، ދާނިޔާއަކީ އައިރާއަށްވުރެ އެތަކެއް ގުނައެއް ރަނގަޅު ކުއްޖެއް. އާޢިލާއަކީވެސް ޤަދަރުވެރި ޢާއިލާއެއް. ދާނިޔާއާ ދަރިފުޅު ގުޅުމަކީ ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ގޮތް." ރިހާމްއަށް ބަލައިލުމަށްފަހު، ޝާފިޔާ ބުނެލިއެވެ.

ރިހާމް ބޯ ޖަހައިލިއެވެ. ޝާފިޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމުން އޭނަގެ ހިތަށްވެސް ފިނިކަން ގެނެސް ދިނެވެ. އައިރާއާއި ދާނިޔާއާ ހާސްބައި ތަފާތުކަން ޚުދު ރިހާމްއަށްވެސް އެނގެއެވެ. ދާނިޔާ އެހުރި ހިސާބަށް އައިރާއަށް ދުވަހަކުވެސް ނާދެވޭނެއެވެ. އެކަން ޚުދު އޭނައަށްވެސް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް އައިރާއާ ދޭތެރޭ ކަންތައް ކުރެވޭ ގޮތުން ބައެއްފަހަރު އުނދަގޫވެއެވެ. ރިހާމްގެ މޫނުމަތި ކޮންމެވެސް ވަރަކަށް މިލައިގެން ދިޔަތަން ޝާފިޔާއަށް ފެނުމުން އޭނަ އަނެއްކާވެއް ވާހަކަ ދައްކަން ފެށިއެވެ.

"ދަރިފުޅުގެ ޚިޔާލު ބަދަލުވަނީތަ އަނެއްކާ؟" ޝާފިޔާ ސުވާލުކޮށްލިއެވެ. އެއާއެކު ރިހާމް ނޫނެކޭ ބުނެ ބޯ ހޫރައިލިއެވެ.

"ނޫން މަންމާ... އެކަމަކު އައިރާ..." ރިހާމްއަށް ބުނެވުނީ އެހާ ވަރަށެވެ. ބާކީ ބައި ދުލުކުރީގައި އޮށްވާ ޝާފިޔާ ވާހަކަ ދައްކަން ފެށުމުން ޖެހުނީ އެ ބަސްތައް ދިރުވައިލާށެވެ.

"ކީއްކުރަންތަ އެ އައިރާގެ ވާހަކަ ތިފެށީ. އެ އަންހެނާގެ ވާހަކަ ދައްކައިގެން މި އުފާވެރިކަން ޚަރާބު ކޮށްނުލާބަލަ." ޝާފިޔާ ހިތްހަމަނުޖެހުނެވެ. އައިރާގެ ނަން އަޑުއިވުމުން އެކަނިވެސް އޭނަ ނުރުހުންވިއެވެ.

"ދާނިޔާއަކީ ރަނގަޅު ކުއްޖެއް. އޭނަ ރިހާމް ދެކެ ކިހާ ލޯބިވޭ. އެންމެ ކުރިން ފެށިގެންވެސް އޭނަ އުޅުނީ ރިހާމް އާ ހެދި. ރިހާމް އެ އައިރާއާ ކައިވެނި ނުކުރިނަމަ، މަންމަމެން ބޭނުންވާ ގޮތަށް މިއަދު ރިހާމް އުޅޭނީ ދާނިޔާއާ އިނދެގެން." ޝާފިޔާ އިތުރުކޮށްލިއެވެ. ރިހާމް އިސްޖަހައިލިއެވެ. އޭނަ އިތުރަކަށް އެއްވެސް އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ.

*****

މަޢްރިބު ނަމާދު ކޮށް ނިމިގެން މުސައްލަ ނެގުމަށްފަހު ގޮސް ކޮޓަރީގައި ހުރި ޗެސްޓް ޑްރޯވަރ މަތީގައި، އައިރާ މުސައްލަ ބޭއްވިއެވެ. އެއަށްފަހު އޭނަ ނުކުތީ ސިޓިން ރޫމަށެވެ. ފްރިޖްމަތީގައި ހުރި ބާސްކެޓް ނެގުމަށްފަހު އޭގެން ނެގި ޕެނެޑޯލް ގުޅަ ކައިލީ އިންތިހާއަށް ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. ވިންދު ޖަހާފައި ރިއްސަމުން ދިޔަ ގޮތުން އޭނައަށް ބޮލުގައިވެސް ހިފައްޓައިލެވުނެވެ. އައިރާ ހުރީ ހުންވެސް އައިސްފައެވެ. ސޯފާގައި އިށީނުމަށްފަހު އޭނަ ރިހާމްއަށް ގުޅައިލިއެވެ. ފޯނެއް ނުނަގައެވެ. އެންމެފަހުން އައިރާ މެސެޖެއް ކޮށްލިއެވެ. އޭނަ ވަރަށް ބަލިކަމަށާއި އޭނަ ގާތަށް މިރޭ އައިސް ދިނުމަށް އެދިއެވެ. މެސެޖު ކުރިތާ ގިނައިރެއްނުވެ ރިހާމްގެ ޖަވާބެއްވެސް އޭނައަށް ލިބުނެވެ. މިރޭ ބިޒީކަމަށާއި، ނުދެވޭނެކަމުގައި ބުނެފައި ރިހާމް ފޮނުވާފައި އޮތް މެސެޖު ކިޔާލުމާއެކު، އައިރާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނަ ބޭނުންވީ އެތެރެ ހަށީގައި އުފެދުނު އިޙްސާސްތައް ހިންދައިލާށެވެ.

"އަހަރެން ބައްޔޭ ރިހާމް... ޑޮކްޓަރަށް ދައްކަން ދާން ބޭނުން..." އައިރާ ދެވަނަ މެސެޖެއް ފޮނުވައިލިއެވެ. ރިހާމްގެ ޖަވާބަކަށް އޭނަ އިންތިޒާރުކުރި ނަމަވެސް ދިހަ މިނެޓް ފާއިތުވެގެން ދިޔައިރުވެސް، ރިހާމް އޭނައަކަށް ރިޕްލައިއެއް ނުކުރިއެވެ. އެންމެފަހުން އައިރާ، އަނެއްކާވެސް ރިހާމްއަށް ގުޅިއެވެ. މިފަހަރު ރިހާމް ފޯނު ބިޒީކޮށްލީއެވެ. އިރުކޮޅަކުން އައީ މެސެޖެކެވެ. އޭނަ ބިޒީކަމަށާއި، ބޭސްކައިގެން އަރާމުކޮށްލުމަށް ބުނެއެވެ. އެހާ ކަންތައް ބޮޑު ނުކުރުމަށްވެސް ބުނެފައި އޮތެވެ.

އައިރާއަށް ހިތިގޮތަކަށް ހިނިތުންވެވުނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އިންތިހާ ތަކުލީފާ ވޭނެވެ. ރިހާމްއަކީ އޭނަގެ ފިރިމީހާއެވެ. މިއަދު ރިހާމްގެ ހިތުގައި އޭނައާ މެދު ކުޑަވެސް ޙަމްދަރުދީއެއް ނެތީހެއްޔެވެ؟ އޭނަ ބަލިވެ ކަމަށް ބުނުމުންވެސް އަޅާނުލީ ކީއްވެހެއްޔެވެ؟

"ވައި އާރ ޔޫ ޑުއިން ދިސް ރިހާމް؟ ވައި؟" ވައި އަޑުން އައިރާއަށް ބުނެވުނެވެ. އެހިތުގެ ތަކުލީފުތަކަށް މިފަހަރަކު އޭނައަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން އެ ހިތުގެ ޝިކާޔަތުތައް ކަރުނައިގެ މުތީތަކެއްގެ ސިފައިގައި އޭނަގެ ދެލޮލުން ބޭރުވާން ފެށިއެވެ. އިތުރަށް ކާނެ ބޭހެއްވެސް ނެތެވެ. އޭނަ ދެންމެ އެ ކެއީ އެންމެފަހު ބޭސް ގުޅަކަމުން، އިޝާ ފަހުން ބޭސް ގަންނަން ފިހާރައަށް ދާން އައިރާ ނިންމިއެވެ.

އިޝާ ނަމާދުކޮށް ނިމިގެން ތެދުވި ގަޑީގައި ކޮންމެވެސް ވަރަކަށް ބޮލަށް އެނބުރުން އެރިއެވެ. ގޮސް އެނދުގައި އިށީނުމާއެކު އައިރާއަށް ދެލޯ މަރާލެވުނެވެ. ކަރުދޮށުގައި އަތް ލިއިރު ހުމުގެ އަސަރު ހުއްޓެވެ. މީހާ ހަމައަކަށް އެޅިލިހެން ހީވުމާއެކު ފާޚާނާއަށްވަދެ މޫނު ދޮންނަ ތަށި ކައިރީގައި ހުއްޓުމަށްފަހު މޫނު ދޮވެލިއެވެ.

ފާޚާނާއިން ނުކުތުމަށްފަހު، އާދައިގެ އަބާޔާއެއް ލަމުން އައިރާ ކުޑަކޮށް ތައްޔާރުވެލިއެވެ. ގެ ކައިރީގައި ކްލިނިކަކާއި ފާރމަސީއެއް ހުރެއެވެ. އޭނަ ނިންމީ ޑޮކްޓަރަށްވެސް ދައްކާލާށެވެ. ހަޔާތުގައި އޭނަ ބަރޯސާ ވާންވީ ކާކަށް ހެއްޔެވެ؟ އިތުބާރުކުރަން ވީ ކާކަށްހެއްޔެވެ؟ ހިމާޔަތާ ރައްކާތެރިކަމަށް އެދެންވީ ކާކުގެ ކިބައިން ހެއްޔެވެ؟ ދުނިޔެއާ މެދު އޭނަގެ ހިތުގައި މިއަދު ވަނީ ހުސް ޝަކުވާއެވެ. ދުނިޔެއަކީ ހާދަ ނާއިންސާފުވެރި ތަނެކެވެ. ހާދަ ރަޙުމެއް ނެތް ތަނެކެވެ.

*****

ގަޑިން އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ޒަހްރާން ސޯފާގައި އިށީނދެލައިގެން ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމައްޗަށް ދެފައި އަރުވާލައިގެން އިންއިރު އޭނަގެ ނަޒަރު ވަނީ ފޯނަށް ހުއްޓިފައެވެ. ހުޅުވާފައި ހުރި ޓީވީން އޭރު ކޮންމެވެސް ފުޓުބޯޅަ މެޗެއް ދައްކަމުން ދިޔަ ނަމަވެސް، އެއަކަށް އޭނަގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ފޯނުން މެސެޖު ކުރަމުން ދިޔައީ އެމެރިކާގެ ނިއުޔޯކް ސިޓީގައި އުޅުނުއިރު އެތަނުން ދިމާވި އެމެރިކާ އަންހެން ކުއްޖަކާއެވެ.

"އައި މިސް ޔޫ ޓޫ..." އަނގައިން އިޝާރާތްކުރަމުން ޒަހްރާން ލިޔެލިއެވެ. އެއަށްފަހު އޭނަ އެ އަންހެން ކުއްޖާއަށް މެސެޖު ފޮނުވައިލިއެވެ. އިރުކޮޅެއް ނުވެ އެ މެސެޖުގެ ޖަވާބުވެސް ޒަހްރާނަށް ލިބުނެވެ. އޭގައި އޮތީ ދެން ދިމާވާނީ ކޮން އިރަކުތޯއެވެ. އޭނަ މިފަހުން އެންމެ ބޮޑަށް "އެންޖޯއި" ކުރީ ޒަހްރާންއާ އެކުގައިކަމުގައެވެ. ޒަހްރާންއަށްފަހު އެހެން މީހަކާ އެކީގައި ތަނަކަށް ދާހިތްވެސް ނުވާކަމަށް ބުނެފައެވެ. އަދި ހަމަ ރަނގަޅަށްވެސް ޒަހްރާން ދެކެ ލޯބިވެވިއްޖެ ކަމުގައެވެ. ޒަހްރާން ފޮނުވައިލީ ރަތްކުލައިގެ ހިތެކެވެ. އޭނަ ތުމުން ރާގެއް އަޅުވައިލަމުން، އަނެއްކާވެސް އެހެން އަންހެން ކުއްޖެއްގެ ކޮންވަރޒޭޝަން ހުޅުވައިލިއެވެ. އެ އަންހެން ކުއްޖާ ކޮށްފައިވާ ފަންސާހަކަށް މެސެޖު ފެނުމުން، ފޫހިވެ ޗޮކެއް ކަނޑާލަމުން އެ ކޮންވަރޒޭޝަން ޑިލީޓްކޮށްލިއެވެ. ޒަހްރާން އެންމެ ފޫހިވީ، އޭގައި އޭނައާ ނުލާ ނޫޅެވޭނެކަމަށާއި ޒަހްރާންގެ ލޯބި ނުލިބިއްޖެނަމަ ދުނިޔޭގައިވެސް ނުހުންނާނެކަމުގައި ބުނެ ކޮށްފައިވާ މެސެޖުތައް ފެނުމުންނެވެ. އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ދީފައިވާ އިންޒާރުތައް ފެނުމުންނެވެ. އެއީ ހަމަ އޭނައަށް ބިރުދައްކަން ފޮނުވާފައިވާ މެސެޖުތަކެކެވެ.

"އައި ޑޯންޓް ކެއަރ..." ރީތި ރާގަކަށް އެހެން ބުނެލުމާއެކު އޭނަ އަނެއްކާވެސް އެހެން ކުއްޖަކާ ވާހަކަ ދައްކަން ފެށިއެވެ. ހީވަނީ ފޫހިވެ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭހެންނެވެ. އެހެން އޮއްވާ އޭނައަށް އަޔާޝްގެ ކޯލެއް ލިބުނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން، އޭނަ ވާހަކަ ދެއްކިއެވެ.

"ކީކޭ ދޮންބޭ؟" ޒަހްރާން ބުނެލިއެވެ.

"ކާރު ފޮނުވަންވެގެން. ގޭގަތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.

"ހޫމް... ފޮނުވާ..." ޒަހްރާން ބުނެލިއެވެ. އޭނަ ފޯނު ބާއްވަމުން ތެދުވިއެވެ. ބަނޑުހައިކަން އިޙްސާސްކުރެވެމުން ދިޔަލެއް ބޮޑުކަމުން، ކައްކާ ބަޔަށް ގޮސް، ކަޕް ނޫޑުލްސްއެއް ހަދައިގެން ކެއެވެ. އެއަށްފަހު، ގަނެފައި ހުރި ކޯކު ދަޅުތަކުން ދަޅެއް ހިފައިގެން އައިސް ސޯފާގައި އިށީނދެ ދަޅު ކަނޑައިލިއެވެ. އެތި ފޮދެއް ބޮއިލުމަށްފަހު، މޭޒުމަތީގައި ދަޅު ބަހައްޓަމުން ޒަހްރާން ފޯނަށް ބަލައިލިއެވެ. އޭރު ވަޓްސްއެޕުން އޭނައަށް ކޯލެއް އަންނަމުން ދިޔައެވެ. ޓީވީގެ އަޑު މަޑުކޮށްލަމުން، ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެކޮޅުން ވާހަކަ ދެއްކީވެސް އިނގިރޭސި އަންހެން ކުއްޖެކެވެ. ޒަހްރާންވެސް އޭނަގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ.

"ދެން ނޭނގެ ތިކޮޅަށް ދާނެ ދުވަހެއް..." އިނގިރޭސިން ޒަހްރާން ބުނެލިއެވެ. އޭނައަށް ޑްރައިވަރު ގުޅީ އެވަގުތެވެ. ބިޒީވެއްޖެކަމުގައި ބުނެ ފޯނު ބާއްވަމުން ޒަހްރާން ޑްރައިވަރުގެ ކޯލަށް ޖަވާބު ދިނެވެ. ޑްރައިވަރު ހުރީ ތިރީގައި ކަމަށް ބުނުމުން ސޯފާއިން ތެދުވެ ލައިގެން ހުރި ގަމީހަށް ބަލައިލިއެވެ. ވަޅުފެހިކުލައިގެ ގަމީސް ވަނީ ރޫ އަރާ ފުރިފައެވެ. ބޯ ކަހައިލުމަށްފަހު، ގަމީހަށް ކުޑަކޮށް ދަމައިލުމަށްފަހު އޭނަ ގޮސް ގެއިން ނުކުތެވެ. ލިފްޓުން ތިރިއަށް ދިޔައިރު، ޑްރައިވަރު ހުރީ އޭނަގެ އިންތިޒާރުގައެވެ. އެއީ އޭނަގެ ބައްޕަގެ ޑްރައިވަރެއްގެ ގޮތުގައި ވަރަށް ޒަމާން ވަންދެން އުޅެފައިވާ އިންޑިޔާ މީހެކެވެ. ނަމަކީ ރާޖޫއެވެ. ރާޖޫއަށް ޒަހްރާން ފެނުމާއެކު ހިނިތުންވެވުނެވެ. އޭނައަށްވެސް ޒަހްރާން އެފެހުނީ ވަރަށް ދުވަސް ފަހުންނެވެ.

"ރާޖޫ... ކޮބާ ތަޅުދަނޑި." ޒަހްރާން އެ ދިމާލަށް އައި ގޮތަށް ބުނެލިއެވެ. ރާޖޫ ޒަހްރާން އަތަށް ތަޅުދަނޑި ދިއްކޮށްލިއެވެ.

"ރަނގަޅުތަ؟" ރާޖޫއަށް ފަރިތަކަމާއެކު، ދިވެހިން ވާހަކަ ދައްކަން އެނގެއެވެ.

"ރަނގަޅު. ރާޖޫ ކިހިނެއް؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"ރަނގަޅު." އެހެން ބުނެލިތަނާ އަޔާޝްގެ ފޯނު ކޯލެއް ރާޖޫއަށް ލިބުނެވެ.

"މިހާރު ހަވާލުކުރަނީ." ފޯނު ނެގުމާއެކު ރާޖޫ ޖަވާބު ދިނީ އަޔާޝްކުރި ސުވާލަށެވެ.

"ތެންކްސް..." އެހެން ބުނެލާފައި ރާޖޫގެ ކޮނޑުގައި ޖަހާލުމަށްފަހު ޒަހްރާން ހިނިތުންވެލިއެވެ. އެވަގުތު އޭނަގެ ފޯނުވެސް ރިންގުވެއްޖެއެވެ. ގުޅީ އަޔާޝްއެވެ. ފޯނު ކަންފަތުގައި ޖަހަމުން، އޭނަ ވާހަކަ ދައްކަމުން ވަށައިގެން ބަލައިލިއެވެ. އެ އެޕާރޓްމެންޓުތައް ހުންނަނީ ހުޅުމާލޭ ފޭސްޓޫއާ ވަންއާ ދެމެދު އޮންނަ ބްރިޖުތަކާ ދިމާލުގައެވެ. އެއީ ދާދިފަހުން އެ ދިމާލުގައި އިމާރާތްކުރި އެޕާރޓްމެންޓުތަކެކެވެ. ހިތްފަސޭހަ މަންޒަރުތަކެއް އެހިސާބުން ފެނެއެވެ.

ޒަހްރާން ކާރު އޮތްތަން ބަލާފައި، ޑްރައިވަރު ފޮނުވާލާފައި ގޮސް ގެއަށް ވަންނަން ވެގެން ލިފްޓަށް އޮބައިލިއެވެ. ހަތްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމުން ތަޅުދަނޑި އަތުން އަނބުރަމުން އޭނަ ނުކުތެވެ. މާބޮޑު ވިސްނުމެއް ނެތިއެވެ. އެހެންނަމަވެސް ފެނުނު މަންޒަރުން މަޑުޖެހެވުނެވެ.

ޑޮކްޓަރަށް ދައްކާފައި އައިސް ދޮރުގެ ލޮކްކޯޑު ޖަހާލުމަށްފަހު ދޮރު ހުޅުވާލުމާއެކު، އެތެރެއަށް ވަންނަން އުޅުނު އައިރާގެ ބޮލަށް އެނބުރުން އެރުމާއެކު އޭނައަށް ދޮރުކަނީގައި އަތް ޖައްސައިލެވުނެވެ. ހީވަނީ ވެއްޓެން އުޅޭ ހެންނެވެ. މޫނުމައްޗަށްވެސް އަނދިރިވާން ފެށިއެވެ. އަތުގައި އޮތް ބޭސްކޮތަޅު އަތުން ދޫވެގެން ދިޔައެވެ. އެހިނދު ލިފްޓު ހުޅުވުނު އަޑު އިވުނު ނަމަވެސް، އެނބުރުން އަރަމުން ދިޔަގޮތުން އެނބުރި ބަލައިލާނެ ހިތްވަރެއްވެސް އޭނައަކަށް ނުލިބުނެވެ. މީހާގެ ހަށިގަނޑުން އެކީ ވަރު ދޫވެގެން ދާހެން ހީވާން ފެށިއެވެ. އެންމެފަހުން އޭނައަށް ދޮރުން އަތް ދޫކޮށްލެވުނެވެ. ހަމައެއާއެކު އަރި އަޅާލާގޮތްވިއެވެ.

އެ މަންޒަރު ފެނުނު ޒަހްރާނަށް އެ ދިމާލަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. ދެވަނަ ސިކުންތުގައި އައިރާ އޮތީ އޭނަގެ އަތުތެރޭގައެވެ. އޭރު އައިރާގެ ލޯ ދިޔައީ މަޑުމަޑުން މެރެމުންނެވެ. އައިރާގެ ހަށިގަނޑު ޒަހްރާންގެ އަތް މައްޗަށް އެކީގައި ދެމުމުގެ ކުރިން އެ ދުލުން ކޮންމެވެސް ނަމެއް ކީކަން އެނގުނު ނަމަވެސް ސާފެއް ނުވިއެވެ. އެ ހަށިގަނޑުގެ ހޫނުކަން ޒަހްރާންއަށް އިޙްސާސްވިއެވެ. އޭނައަށް އައިރާގެ މޫނަށް ބަލައިލެވުނެވެ. އައިރާގެ ސޫރަ އޭނައަށް ރީއްޗަށް ފެނުމާއެކު، ރަނގަޅަށް އެ މޫނަށް ބަލައިލަން ބޭނުންވިއެވެ. އެއީ މައުސޫމް މޫނެކެވެ. ރީތި ކުއްޖެކެވެ. އެހެންނަމަވެސް، އެ މޫނުމަތީގައިވަނީ ވަރުބަލިކަމެކެވެ. އެސްފިޔަތަކުގައި ކޮންމެވެސް ވަރެއްގެ ތެތްކަމެއް ވީއިރު، ލޯ ކައިރީގައިވެސް ދުޅަކަމެއް ހުއްޓެވެ. ވަގުތުގެ ނާޒުކު ކަމާއެކު އައިރާ އަތްދަނޑި މައްޗަށް އުފުއްލާލައިގެން ޒަހްރާންއަށް މަޖުބޫރުވީ ގެއަށް ވަންނާށެވެ. އައިރާގެ އެޕާރޓްމެންޓުގެ ދޮރު ހުރީ ހުޅުވިފައިކަމުން، އޭނަ އައިރާ ގޮވައިގެން އެގެއަށް ވަނެވެ. ސިޓިން ރޫމު ސޯފާގައި އައިރާ ގެންގޮސް ބޭއްވުމަށްފަހު، ވަށައިގެން ބަލައިލިއެވެ. ގޭގައި އިތުރު މީހަކު ނޫޅޭކަން ޒަހްރާންއަށް ޔަޤީންވިއެވެ. ކައްކާ ބަޔަށް ވަދެލުމަށްފަހު، ބިއްލޫރިތައްޓެއް ނަގާ ސިންކުން ފެންފޮދެއް އަޅައިލިއެވެ. އެއަށްފަހު، އޭނަ އެ ތަށި ހިފައިގެން ގޮސް އައިރާގެ ކައިރީގައި މަޑުކޮށްލިއެވެ. އަތަށް ފެންފޮދެއް އަޅައިލުމަށްފަހު، އައިރާގެ މޫނަށް ފެންތައް ބުރުއްސައިލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު، ވެސް އައިރާ ލޮލެއް ނުހުޅުވިއެވެ. ޒަހްރާނަށް އައިރާގެ ނަމެއް ވެސް ނޭނގެއެވެ. އެ ދުވަހު އީލާފް ކައިރިންވެސް އޭނަ އައިރާގެ ނަން އޮޅުން ފިލުވާފައެއް ނުވެއެވެ.

"ހެލޯ.... ހޭ...." އައިރާއަށް ބަލަން ހުރެފައި ޒަހްރާން ގޮވައިލިއެވެ. އޭނަ ހުރީ ޖެހިލުންވެފައި ކަންނޭނގެއެވެ. އައިރާ އޮތީ ހުން އައިސްފައިކަން އޭނައަށް އެނގުނެވެ. ގޮވާލަންވެގެން އަތް އުފުއްލާލާފައިވެސް އޭނަ މަޑުޖެހިލިއެވެ. ބޯ ކަހާލުމަށްފަހު މަޑުމަޑުން ގުދުވެލުމަށްފަހު އައިރާގެ ކޯތާފަތުގައި އޭނަ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. އަދި ގޮވައިލިއެވެ.

ތަދުވެގެން އުޅޭހެން އައިރާ ކުކުރައިލިއެވެ. އޭނަ ދެލޯ ހުޅުވަން މަސައްކަތްކުރިއެވެ. އެވަގުތު ކަރުނަތައް ހޯސްލާފައި އޭނަގެ ދެލޮލުން ފައިބައިގެން ދިޔައެވެ. އެ މަންޒަރު ފެނުނު ޒަހްރާންގެ މެއަށް ފާޑެއްގެ ގޮތެއް ވެލިއެވެ. ވީ ކީއްކަން ބުނެދޭނީ ކިހިނެއްކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. ހީވީ މޭތެރޭގައި އޮތް ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލުމަށްފަހު، ހިނގަން ފެށިގެންނެވެ. އެ ކަރުނަތަކާއެކު އެ އަންހެން ކުއްޖާގެ އަނގައިން ނުކުތް ވޭނީ އާހުން ވެސް ޒަހްރާންގެ ހިތަށް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ.

"ހޭ... އޯކޭތަ؟" ޒަހްރާން، ވާހަކަ ދެއްކިއެވެ. އޭނަ އަތުން އަނެއްކާވެސް އައިރާގެ މޫނުގައި ފެންފޮދެއް ހާކައިލިއެވެ. އައިރާ ކުޑަކޮށް ތެޅިގަތް ގޮތުން އޭނައަށް ފިނިވީކަން ޒަހްރާންއަށް ދެނެގަނެވުނެވެ.

"އެންބިއުލާންސްއަށް ގުޅަންވީ ކަންނޭނގެ." ޒަހްރާނަށް ހިތާ ހިތުން ބުނެވުނެވެ. އޭނަ ފޯނު ނަގާފައި ނަންބަރު ހޯދަން ވެގެން އުޅެނިކޮށް އައިރާ އެސްފިޔަތައް ތަޅުވައިލިއެވެ. އަދި އެއަށްފަހު ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ޒަހްރާންއަށް ވަގުތުން ހަރަކާތް މަޑުޖައްސައިލެވުނެވެ. އެބުނި އެއްޗެއް ނޭނގުމުން އޭނަ އައިރާއާ ދިމާލަށް ކަންފަތް ދިއްކޮށްލިއެވެ.

"ރި... ރިހާމް...." މިފަހަރު އައިރާގެ ދުލުން ނުކުތް ބަސްތައް ޒަހްރާންއަށް ރީއްޗަށް އަޑު އިވުނެވެ. ހަމައެއާއެކު އަތް ހަރަކާތްކޮށްލާފައި އައިރާ އޭނަގެ އަތުގައި ހިފެއްޓިއެވެ.

"ރިހާމް...." ޒަހްރާނަށް އެނަން ތަކުރާރުކޮށް ކިޔާލެވުނެވެ. އޭނައަށް އައިރާ ހިފައްޓާފައިވާ އަތަށް ބަލައިލެވުނެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލި އައިރާ ފެނި އަތް ދަމައިގަންނަން އުޅުނު ނަމަވެސް، އައިޒާ އެ އަތަށް ބާރުކޮށްލުމުން މިފަހަރުވެސް ޒަހްރާން މަޑުޖެހިލިއެވެ. އައިރާ ހޭލަނީކަން އޭނައަށް އެނގުނެވެ.

އައިރާއަށް ބަލަހައްޓައިގެން ކުޑަކޮށް ގުދުވެލައިގެން އޮތް ޒަހްރާންގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު