މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން ވަކިކުރި، އިސްމާއިލް ސާޖިދު، އޭނާ މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުއްޓާ ސާޖިދު މަގާމުން ވަކިކުރީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ 29ގައެވެ. މިދިޔަ އޮގަސްޓް މަހު އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރި ސާޖިދު ސަސްޕެންޑް ކުރީ ޑިސެމްބަރު މަހެވެ.
ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެމްއޭގައި އެ މައްސަލަ ބެލި ކޮމިޓީން ވަނީ ސާޖިދު ޖިންސީ ފުރައްސާރަ ކުރި ކަމަށް ސާބިތުވާ ކަމަށް ނިންމައިފައެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން، އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ވެސް އެ ކޮމިޓީން ވަނީ ނިންމައިފައެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، ކޮމިޓީގެ އެ ނިންމުން އެމްއެމްއޭގެ މެނޭޖްމެންޓަށް އެންގުމާއެކު، ވަގުތުން ނިންމުން ތަންފީޒުކޮށް، ސާޖިދު މަގާމުން ވަކިކުރީއެވެ.
އެކަމަކު، އޭނާގެ އަބުރު ކަތިލައި، މަގާމުން ވަކިކުރީ މުވައްޒަފަކަށް ފިޔަވަޅު އެޅުމުން ކަމަށް ސާޖިދުވަނީ ވިދާޅުވެފައެވެ. ސާޖިދު ނެރުނު ބަޔާނެއްގައި ވަނީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ސާބިތުވާ ކަމަށް މައްސަލަ ބެލި އެމްއެމްއޭގެ ކޮމިޓީން ނިންމާފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވަނިކޮށް ކަމަށް ތުހުމަތުކޮށްފައެވެ.
އެ ދޮގުތައް ސާބިތުކުރެވޭ މިންވަރަށް ކޮމިޓީއަށް ކިތާބީ ހެކި ހުށަހަޅާފައިވީ ނަމަވެސް، މައްސަލަ ނިންމާފައި ވަނީ، އެ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ މައްސަލަ ހުށަހެޅި މަގުސަދާމެދު ސުވާލު އުފެދޭ ހާލަތްތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، އޭނާ މަގާމުން ވަކިކުރީ އެފްއައިޔޫގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކޮށްގެން ނުވާނެ ބައެއް ކަންކަން މުވައްޒަފަކު ކޮށްފައިވާތީ، އޭނާއަށް ފިޔަވަޅު އެޅުމުން ކަމަށް ސާޖިދު ވަނީ ވިދާޅުވެފައެވެ.
"ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފު ކޮށްގެން ނުވާނެ ބައެއް ކަންކަން އެ މުވައްޒަފު ކުރުމުން އެ މުވައްޒަފާމެދު ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކުރުމަކީ މިއަދު މި އަނިޔާ ލިބުމުގެ އެއް އަސާސް ކަމަށް އަޅުގަނޑަށް ބެލެވޭ," ސާޖިދު ވިދާޅުވިއެވެ.
ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ.