މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގެ އެޖެންޑާގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތި، އަދި ޖަލްސާގެ ކޯރަމް ވެސް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ވެސް، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުގެ ގިނަ ޖަލްސާތަކުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެޖެންޑާ އިއްވުމާއި ފާސްކުރުމާއި، މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މޭޔަރު ދަންނަވާލަން އޮތް ވާހަކައެއް އޮތް ނަމަ އެ ވާހަކައެއް ދެންނެވުމެވެ. މިއީ ހަމަ އާންމު ގޮތެއްގައި ކޮންމެ ޖަލްސާއަކު ވެސް އަމަލުކުރަމުން އަންނަ ގޮތެވެ.
ނަމަވެސް، މާލޭގެ އެއްވެސް މައްސަލައެއް، އެއްވެސް ކައުންސިލަރެއްގެ ފަރާތުން ހުށަހަޅާފައި ނެތެވެ. އަދި، 18 ކައުންސިލަރުން ތިއްބަވާ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވީ އަށް ކައުންސިލަރުންނެވެ.
ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިޚާބުކަމަށްވެފައި، އަދި މިހާރު ތިއްބެވި ބައެއް ކައުންސިލަރުން އިތުރު ދައުރަކަށް ވާދަކުރައްވާތީ އޭގެ ތެރެއިން ބައެއް ކައުންސިލަރުން ޖަލްސާއަށް ހާޒިރުނުވެވޭއިރު، އަދި މާލޭގެ މައްސަލަތައް އެޖެންޑާކުރަން ހުށަނާޅާއިރު، އަލުން ކައުންސިލަރުކަމަށް ވަޑައިގަންނަވަން އުޅުއްވާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިޙް ވަނީ ސުވާލު އުފައްދަވައިފައެވެ.
ސައިފް 'ސަން'އަށް މިއަދު ވިދާޅުވީ، އިޖުރާއީ ގަވައިދުގައިވާ ގޮތުން މަގުބޫލު އުޒުރެއްނެތި ކައުންސިލަރުން ޖައްސަޖައްސައިގެން ދެ ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ، ލިޔުމުން އެ ކައުންސިލަރަކަށް މޭޔަރު ނަސޭހަތްތެރިވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި، ތިން ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ ލިޔުމުން އެ ކައުންސިލަރަކަށް މޭޔަރު އިންޒާރުކުރެއްވުމަށް ފަހު، އެ މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ފިޔަވަޅު އެޅޭނީ ޖެހިޖެހިގެން ކައުންސިލްގެ ދެ ޖަލްސާއަށް ހާޒިރުނުވާނަމަ ކަމަށާއި، އެގޮތަށް ކައުންސިލަރުން ހާޒިރުނުވާނަމަ އެލްޖީއޭއަށް އަންގަވާނެ ކަމަށް ކައުންސިލަރުންނަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް، ކައުންސިލަރުން ޖެހިޖެހިގެން ދެ ދުވަހު ޖަލްސާތަކަށް ހާޒިރުނުވެ ނުދާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.
"އަށާރަ ކައުންސިލަރުން އެބަތިބި، އެ ބޭފުޅުން މިތަނަށް އެއްވެސް އެއްޗެއް، ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނުގެންނަނީ. ކައުންސިލަރުންގެ ޒިންމާއެއް ރައްޔިތުންގެ ކަންކަން މިތަނަށް ގެނެސް ވާހަކަދައްކައި ހައްލުހޯދައި އެޖެންޑާކުރުމަކީ،" އޭނާ ވިދާޅުވިއެވެ.
ބައެއް ކައުންސިލަރުން ބަރާބަރަށް ހާޒިރުވެވަޑައިނުގަންނެވުމުގެ ސަބަބުން އެތައް ޖަލްސާއެއް ކެންސަލްކުރަން ޖެހޭތީ ޢާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެ ގޮތުން، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައިހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާ އެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ.
މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ފާއިޒެވެ.
އޭގެ ކުރިން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ބޭއްވިފައެއް ނުވެއެވެ.