މޮސްކޯ (11 ފެބްރުއަރީ 2026): ރަޝިއާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައެއް ފަށާފައިވާ ކަމަށާއި މިކަމުގައި އެމެރިކާ އިންޑިއާއަށް ޕްރެޝަރު ކުރާކަމަށް ވިދާޅުވެ މިކަމާ އަޅައިނުލައި ރަޝިއާ ނޯންނާނެކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވެއްޖެއެވެ.
ލާވްރޯވް ވިދާޅުވީ އެއްކޮޅުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ރަޝިއާގެ އެހީތެރިކަން ބޭނުންކަމަށް ބުނެ އެމެރިކާ އެކަމަށް ޕްލޭން ހަދައި ރަޝިއާގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރާއިރު އަނެއްކޮޅުން އެމެރިކާ ވަނީ ރަޝިއާގެ އިގްތިސާދު ހީނަރުކޮށްލުމަށްޓަކައި ރަޝިއާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި ކަމަށެވެ.
ލާވްރޯވް ވިދާޅުވިގޮތުގައި އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނާތީ އެކަން ހުއްޓާލުމަށް އެމެރިކާ ގެންދަނީ އިންޑިއާ އަށް ބޮޑެތި ޕްރެޝަރުތަކެއް ކުރަމުންނެވެ. ނަމަވެސް އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ގެންދާކަމަށާ އެކަން ހުއްޓާލުމާބެހޭގޮތުން އިންޑިއާއިން ރަޝިއާއަށް އެއްވެސް އެއްޗެއް އަދި ނާންގާކަމަށް ލާވްރޯވް ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން ރަޝިއާގެ ތެޔޮ ގަންނަ އެހެން ގައުމުތަކަށް ވެސް އެކަން ހުއްޓާލުމަށް އެދި އެމެރިކާ ޕްރެޝަރު ކުރަމުން ގެންދާކަމަށް ވިދާޅުވެ މިކަން މިގޮތަށް ކުރާނަމަ ރައްދުގައި ރަޝިއާއަށްވެސް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިކަން އެމެރިކާ ދަންނަންޖެހޭނެކަމަށް ލާވްރޯވް ވިދާޅުވިއެވެ.
ލާވްރޯވް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާ ރަޝިއާގެ ތެޔޮގަތުން ހުއްޓާލާނަމަ އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް 50 އިންސައްތައިން 18 އިންސައްތައަށް ކުޑަކުރާގޮތަށް އިންޑިއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިއްޖެކަން ހާމަކުރައްވާފައެވެ.
ރަޝިއާގެ ތެޔޮގަތުން ހުއްޓާލިކަން އިންޑިއާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިންޑިއާ އިއްޔެވަނީ އެމެރިކާ އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް މާކަނޑުތަކުގައި ތެޔޮވިއްކާ ޝެޑޯ ފްލީޓްގައި ހިމެނޭ 100 އަށް ވުރެގިނަ ތެޔޮ ޓޭންކަރުތަކުގެ ތެރެއިން ތިން ޓޭންކަރެއް ހިފަހައްޓާފައެވެ.
މި ތިން ޓޭންކަރު ހިފެހެއްޓީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް އެ ޓޭންކަރުތައް ވަނުމުންކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ޓޭންކަރުތަކުގައި ހުރީ ރަޝިއާގެ ތެޔޮކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.
މުހައްލިލުން ބުނާގޮތުގައި މިއީ އިންޑިއާގެ މުދަލުން އެމެރިކާ ނަގާ ޓެރިފް ކުޑަކުރުމަށްޓަކައި އެމެރިކާ ރުއްސުމުގެ ގޮތުން އިންޑިއާ އެޅި ފިޔަވަޅަކަށް ވެދާނެއެވެ. ނަމަވެސް ރަޝިއާގެ ތެޔޮގަތުން ހުއްޓާލުމަކީ އިންޑިއާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ.
އެއީ ރަޝިއާގެ ތެޔޮ ހެޔޮއަގެއްގައި އިންޑިއާއަށް ލިބޭއިރު މިކަމުން ބޮޑުފައިދާއެއް އިންޑިއާއަށް ވާތީއެވެ. އަނެއް ސަބަބަކީ ރަޝިއާގެ ޓެކްނޮލޮޖީގެ އެހީގައި ރަޝިއާއާ ގުޅިގެން ފަސިންޖަރު މަތިންދާބޯޓާއި އަސްކަރީ ޖެޓް އުފެއްދުމުގެ މަސައްކަތް އިންޑިއާ ފަށާފައިވާއިރު ރަޝިއާ އާ އޮންނަ ގުޅުންތަކަށް ލޮޅުން އެރުމަކީ އިންޑިއާ ބޭނުންވާނެ ކަމަކަށް ނުވާތީއެވެ.
ތިންވަނަ ކަމަކީ ރަޝިއާގެ ތެޔޮގަތުމުން އިންޑިއާގެ ތަކެތި ރަޝިއާއަށް ވިއްކުމަށް ރަޝިއާގައި ބޮޑުބާޒާރެއް އޮތުމެވެ. ޚާއްސަކޮށް އިންޑިއާގެ ބޭހާއި ފޮއްޗާއި އަންނައުނުގެ ބޮޑުބައެއް ގަންނަނީ ރަޝިއާ ކަމަށް ވާތީއެވެ.
އަދި އިންޑިއާ ސިފައިންގެ ހަތިޔާރުގެ ގާތްގަނޑަކަށް 70 އިންސައްތަ އަކީ ރަޝިއާގެ ހަތިޔާރުކަމަށްވާއިރު އޭގެ ސްޕެއާ ޕާޓްސް ލިބޭ ހަމައެކަނި ގައުމަކީ ރަޝިއާ ކަމަށް ވުމެވެ. ރަޝިއާގެ ސްޕެއާ ނުލިބި އިންޑިއާގެ ސިފައިންނަށް ދެކޮޅު ޖެއްސޭނެ އެއްވެސް ގޮތެއް އަދި ނެތްކަން މުހައްލިލުން ދެކެއެވެ.
ވީމާ، އެމެރިކާއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތަކާ ދާދި އެއްވަރުގެ ގުޅުންތަކެއް ރަޝިއާއާއެކު ބޭއްވުމަކީވެސް އިންޑިއާއަށް މުހިއްމު ކަމެއްކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ރަޝިއާއާއި އިންޑިއާގެ ގުޅުންތަކުގެ ތެރެއަށް ވަނުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުދެއްވާނެކަމަށް ވިދާޅުވެ ކުރިން ވާހަކަ ދައްކަވާފައެވެ.