ސިޑްނީ (11 ފެބްރުއަރީ 2026): ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވާ އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް އޮސްޓްރޭލިއާއަށް ދިޔުމާ ގުޅިގެން އޭނާއާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
މުޒާހަރާވެރިން ގޮވާލަމުންގެންދަނީ އިސްރާއީލުގެ ރައިސް އިސްހާގް ހެރްޒޮގަކީ ނުރައްކާތެރި ޓެރަރިސްޓަކަށްވުމުގެ އިތުރުން އޭނާއަކީ ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކަށް ފާޅުގައި ހިތްވަރު ދީފައިވާ މުޖްރިމެއް ކަމަށާއި އެފަދަ އަނިޔާވެރިއަކު އޮސްޓްރޭލިއާއަށް އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އޮސްޓްރޭލިޔާއިން އޭނާ ބޭރުކުރުމަށެވެ.
ހެރްޒޮގް އޮސްޓްރޭލިއާއަށް އައިކަމަށްވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސްގެ ދަޢުވަތަކަށެވެ.
ޔަހޫދީ އިސްރާއީލުން މިހާރު ވެސް ގެންދަނީ ޣައްޒާއަށް ބޮންއަޅައި ޣައްޒާގައި ބަނޑަށް ޖެހި ޔަތީމުވެފައިވާ ނިކަމެތި ކުޑަކުދިންނާއި ޣައްޒާގެ އެ ނޫން ވެސް އާންމުން ޝަހީދު ކުރަމުންނެވެ.
އިސްރާއީލުންވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރު ފުނޑާލައި 72 ހާހަށް ވުރެގިނަ އާންމުން ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންނަކީ ވެސް ޓެރަރިސްޓުން ކަމަށް ސިފަކުރަމުންނެވެ.
މުޒާހަރާ ވެރިން އަޑުއުފުލިގޮތުގައި އިންސާނީ ނަސްލެއް ނައްތާލަން ގަތުލުއާންމު ހިންގާ ގައުމެއްގެ ރައީސަށް ދައުވަތު ދީގެން އޮސްޓްރޭލިޔާއަށް ގެނައުމަކީ އިސްރާއީލުގެ ގަތުލުއާންމުތަކުގައި އޮސްޓްރޭލިއާ ބައިވެރިވުން ފަދަ ލާއިންސާނީ އަމަލެކެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް އަނގަބަހުން ކުށްވެރިކޮށްލުން ފިޔަވައި އެ ނޫން ކަމެއް އޮސްޓްރޭލިޔާއިން އިސްރާއީލާ ދެކޮޅަށް ކޮށްފައެއް ނުވެއެވެ.
ޣައްޒާގައި ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ދައުލަތަށާއި އިސްރާއީލުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައި އޮސްޓްރޭލިއާގައި އާންމުން ކިތަންމެ ވަރަކަށް މުޒާހަރާކޮށްފައިވީ ނަމަވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ޔޫރަޕާއި އެމެރިކާއެކޭ އެއްގޮތަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ފަސްޖެހިފައެވެ.
އޮސްޓްރޭލިއާއިން މިދިޔަ އަހަރު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް ބިނާކޮށްދިނުން ހައްގުކަމަށް ފައިވެއެވެ. ނަމަވެސް، ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އޮސްޓްރޭލިއާއިން ވަނީ ފަސްޖެހިފައެވެ.
ފަލަސްތީނުގެ ދައުލަތެއް އުފައްދަން އޮތް ދެ ބިމުގެ ތެރެއިން ހުޅަނގު އައްސޭރީގެ ރައްޔިތުން އަވައްޓެރި އުރުދުންއަށް ބޭރުކޮށް، ފަލަސްތީނު މީހުންގެ ގެދޮރުތަޅައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެ ބިންތަކުގައި ވަޒަންވެރި ކުރުވުމުގެ ޖަރީމާތައް އިސްރާއީލުން ހިންގަމުން ގެންދާއިރު ވެސް އެއިން ކަމަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޮސްޓްރޭލިޔާއިން ވަނީ ފަސްޖެހިފައެވެ.
އިސްރާއީލުގެ ސިފައިން ޣައްޒާގެ އާންމު ރައްޔިތުންގެ ނަސްލު ނައްތާލަމުން ގެންދިޔަނަމަވެސް އަދި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅައި ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުން މަރައި 300 އަށް ވުރެގިނަ ނޫސްވެރިން މަރާލުމުގެ އިތުރުން އިސްރާއީލުވަނީ ޣައްޒާގައި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ އދ. ގެ އުންރުވާ ޖަމާއަތުގެ 250 އަށް ވުރެގިނަ މުވައްޒަފުން ވެސް މަރާލައި ޣައްޒާގައިވާ އުންރުވާގެ އޮފީސް އިމާރާތް ވެސް ތަޅައި ބިމާ ހަމަކޮށްލައިފައެވެ.
މިއާ އެކު ވެސް އިސްރާއީލުގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތަކަށް ހެދުމަށް އޮސްޓްރޭލިއާއިން ވަނީ ފަސްޖެހިފައެވެ.
ނަމަވެސް، އޮސްޓްރޭލިއާ ދާދި ފަހުން ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ވާގިވެރިވާ އީރާނުގެ ސިފައިންގެ ލަޝްކަރެއްކަމަށް ރިވޮލޮއުޝަނަރީ ގާޑުންގެ ލަޝްކަރުތަކަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހަދާފައެވެ. ޔަހޫދީ ޓެރަރިސްޓް އެންޓިޓީ ކަމަށްވާ އިސްރާއީލުގެ ރައީސް، އިސްހާގް ހެރްޒޮގް އޮސްޓްރޭލިއާ ކުރާ ދަތުރާ ދެކޮޅަށް އިހުތިޖާޖުތައް ކުރަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން އޮސްޓްރޭލިއާގެ ސަލާމަތީ ބާރުތަކުންވަނީ ވަރުގަދަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ވެރިންނާއި އޮސްޓްރޭލިއާގެ ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައްވެ ސް ހިނގާފައެވެ.