ސަރުކާރު މުވައްޒަފުންގެ ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އެ މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ. އެހެންވެ، ކުދިން ކައިރިއަށް ދިޔުމަށް ލިބޭ ހުސްވަގުތު އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.
އެގޮތުން، ސަރުކާރު މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހުގައި، ވަޒީފާއަށް ނިކުންނަ ދުވަހުން ފެށީގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ދިނުމަށް ވަނީ އެ ބިލުގައި ހިމަނާފައެވެ. އެއީ، މުސާރައިން ނުކެނޑޭ ގޮތަށް، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެ ގޮތަށް ލުއިދިނުމުން ބެލެނިވެރިންނަށް ބޮޑު ލުޔަކަށް ވާނެއެވެ.
ސަރުކާރު މުވައްޒަފުންނަށް މިހާރު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ބަލާއިރު، މައިންނަށް ހަ މަސް ލިބެއެވެ. ބަފައިންނަށް ލިބެނީ އެއް މަހެވެ.