މާލޭގައި ހަތް އަހަރު ކުރިން ހިނގި އެކްސިޑެންޓަކާ ގުޅިގެން، އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް

މާލޭ ބޮޑުތަކުރުފާނު މަގު: ހަތް އަހަރު ކުރިން ހިނގި އެކްސިޑެންޓަކާ ގުޅިގެން، އެއްލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ވަނީ ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ހަތް އަހަރު ކުރިން މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން، ބާރު ސްޕީޑުގައި ސައިކަލު ދުއްވި މީހާ، 115،200 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ، 2018 ވަނަ އަހަރުގެ ޖޫން މަހު، މާލޭ ބޮޑު ތަކުރުފާނުމަގު، އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އެއްރޭ ދަންވަރުގެ ވަގުތެއްގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވީ މައްސަލައެވެ.

މި އެކްސިޑެންޓާ ގުޅިގެން، ހދ. ކުޅުދުއްފުށީ މީހަކާ ދެކޮޅަށް ދައުލަތުން ކުރީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެއީ، އެ މީހާ ދުއްވި ސައިކަލުން އެކްސިޑެންޓްވެ، ށ. މަރޮށީ މީހެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާތީއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ދައުލަތުން ހުށަހެޅި މި މައްސަލަ ނިމުނީ މި ހަފުތާގައެވެ. ކޯޓުގައި ހަ އަހަރަށްވުރެ ގިނަ ދުވަސްވީ މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބުނު ކުޅުދުއްފުށީ މީހާވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

ދައުލަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމާއެކު އޭނާގެ އަދަބު ޝަރިއަތުންވަނީ ލުއިކޮށްދީފައެވެ. މި މައްސަލައިގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އަދަބު ލުއިކޮށް، އެ ހުކުމްވަނީ 115،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް ދީފައެވެ.

އެ ޖޫރިމަނާ ދައްކަން ކޯޓުން އަންގާފައި އޮތީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ، ގާޒީ އިބްރާހީމް އިހްސާނެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ވަރަށް އާންމުވެފައިވާއިރު، މި އަހަރު މިހާތަނަށް ފުލުހަށް އެންމެ ގިނައިން ހުށަހަޅައިފައި ވަނީ ވެސް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ.

މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގައިފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ. އަދި އެހެން އެކްސިޑެންޓުތަކުގައި މީހުންނަށް، ދާއިމަށް ހުންނަ ފަދަ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް