އެޕަލްގެ ކެމެރާ ފީޗާތަކަށް ސެމްސަންގުން ފާރަލަނީ

"ވޭރިއަބަލް އެޕާޗާ" ފީޗާއަކީ ފުރަތަމަ ސެމްސަންގުން ބޭނުންކުރި ފީޗާއެއް ---

އެޕަލްގެ ކުރިއަށް އޮތް އައިފޯން 18 ގައި ހިމެނުމަށް ތައްޔާރުވަމުންދާ "ވޭރިއަބަލް އެޕާޗާ" ކެމެރާ ފީޗާއަށް ސެމްސަންގުން ވަރަށް ގާތުން ފާރަލަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެޕަލްއިން މި ފީޗާ ތައާރަފުކުރުމާއެކު، ސެމްސަންގުންވެސް އެ ކުންފުނީގެ ފްލެގްޝިޕް ފޯނުތަކަށް މި ބަދަލު ގެނައުމަށް މިހާރު ވަނީ ރޭވުންތަކެއް ރާވާފައެވެ.

މިއަހަރު ފަހުކޮޅު ބާޒާރަށް ނެރޭ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގައި ހިމެނޭ މި އާ ފީޗާގެ ސަބަބުން، ކެމެރާގެ ސެންސަރަށް ވަންނަ އަލި ކޮންޓްރޯލް ކުރުމުގެ ފުރިހަމަ އިހުތިޔާރު ޔޫޒަރުންނަށް ލިބިގެންދާނެއެވެ. މިއީ ފޮޓޯގްރަފީގެ ފެންވަރު އާ ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ކުރިއެރުމެކެވެ.

ސެމްސަންގާއި އެޕަލްއިން ކެމެރާއަށް ސަމާލުކަން ދޭއިރު ގޫގުލް ފަދަ ކުންފުނިތަކުން ސަމާލުކަންދެނީ ބެޓްރީގެ ކޮލިޓީއަށް ---

ހަގީގަތުގައި ވޭރިއަބަލް އެޕާޗާ އަކީ މީގެ އަހަރުތަކެއް ކުރިން ސެމްސަންގުން އެ ކުންފުނީގެ ފޯނުތަކުގައި ބޭނުންކުރި ޓެކްނޮލޮޖީއެކެވެ. ނަމަވެސް އެ ފީޗާ ބޭނުންކުރުން ހުއްޓާލާފައި އޮތުމަށްފަހު، އެޕަލްއިން މި ޓެކްނޮލޮޖީ އަލުން ގެންނަން އުޅޭކަމުގެ ޚަބަރާއެކު ސެމްސަންގުން މިހާރު ވަނީ މިފަދަ ޔުނިޓްތައް ހޯދުމަށް އޯޑަރުތަކެއްވެސް ދީފައެވެ.

ސެމްސަންގުން އަންނަ އަހަރު ނެރޭ ގެލެކްސީ އެސް26 އަލްޓްރާގައި "ވައިޑާ އެޕާޗާ" އެއް ހިމެނުމަށް ނިންމާފައިވީ ނަމަވެސް، އެޕަލްއާ އެއްވަރުކުރުމުގެ ގޮތުން ގެންނަ ވޭރިއަބަލް އެޕާޗާ ފެނިގެންދާނީ އެންމެ އަވަހަށްވެސް 2027 ވަނަ އަހަރުގެ ގެލެކްސީ އެސް27 ސީރީޒްއިން ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ފާއިތުވި ދެ އަހަރު ދުވަހު ފޯނު އުފައްދާ ކުންފުނިތަކުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާކެޓް ކުރުމަށެވެ. ނަމަވެސް މިހާރު އަލުން ކެމެރާގެ ހާޑްވެއާ އާއި ސެންސަރުތަކަށް ސަމާލުކަންދޭން ފަށާފައިވާކަން އައިފޯން 17 ގެ ސެލްފީ ކެމެރާއަށް ގެންނަ ބަދަލުތަކުންނާއި ސެމްސަންގްގެ އާ ރޭވުންތަކުން އެނގިގެންދެއެވެ.

ކެމެރާގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، އެޕަލް، ސެމްސަންގް އަދި ގޫގުލް ފަދަ ކުންފުނިތަކުން އަދިވެސް އެންމެ ބޮޑު ކުރިއެރުމެއް ބޭނުންވެފައިވަނީ ފޯނުތަކުގެ ބެޓެރީގެ ގާބިލުކަން އިތުރުކުރުމުގައި ކަމަށް ގިނަ ބަޔަކު ދެކެއެވެ.

comment ކޮމެންޓް