އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާތައް މާދަމާ އޮމާންގައި ބާއްވަން ނިންމައިފިއެވެ.
މަޝްވަރާތައް ކުރިއަށް ގެންދާން ނިންމާފައިވާކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"އެމެރިކާއާ އެކު ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ހުކުރު ދުވަހުގެ ހެނދުނު 10 ޖަހާއިރު މަސްކަޓްގައި ފެށުމަށް ވަނީ ތާވަލްކޮށްފައި،" އަރަޣްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަތަރާއި ތުރުކީ އަދި މިސްރުގެ މެދުވެރިން ވަނީ މަޝްވަރާކުރާނެ މުހިންމު އުސޫލުތަކުގެ އޮނިގަނޑެއް ހުށަހަޅާފައެވެ.
މަޝްވަރާތައް ކުރާނެކަން ކަށަވަރުވި ނަމަވެސް ދެ ފަރާތުން އެއްބަސްވާ އެޖެންޑާއަކަށް ނާދެވޭ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުން ވަނީ ހުޅަނގުގެ ގައުމުތަކާ އެކު ދިގު މުއްދަތަކަށް ކުރިއަށް ގެންދާ ނިއުކްލިއާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހަނިކުރުމަށް ބާރުއަޅާފައެވެ.
ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ތަފާތު ވިސްނުމެއް ހުށަހަޅައި، އީރާނުން ބައްދަލުކުރަން ބޭނުންނަމަ އެމެރިކާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ މައްސަލަތަކުގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި މެދުއިރުމަތީގައި ހަތިޔާރު އެޅި ޕްރޮކްސީ ގްރޫޕްތަކަށް ދޭ އެއްބާރުލުމާބެހޭ ވާހަކަތައްވެސް މަޝްވަރާތަކުގައި ހިމަނަން ޖެހޭނެ ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ނިއުކްލިއާ މައްސަލައާ ގުޅޭ މަޝްވަރާތަކަށް އީރާނުން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ނިއުކްލިއާ ނޫން މައްސަލަތައް ހައްލުކުރުމަށް އެމެރިކާ ބާރުއެޅުމަކީ މަޝްވަރާތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އީރާންގެ މީޑިއާތަކުން ރިިޕޯޓުކުރާ ގޮތުގައި އެ ގައުމުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާނީ ޚާރިޖީ ވަޒީރު އަރަޣްޗީއެވެ. އޭނާގެ އިތުރުން ސީނިއާ ޑިޕްލޮމެޓުން ކަމަށްވާ މާޖިދު ތަޚްތު-ރަވަންޗީ އާއި ކާޒިމް ޣަރީބްއަބާދީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.
މަޝްވަރާތައް ކުރުމަށް ދެ ގައުމުން އެއްބަސްވެފައި ވަނީ އީރާންގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލި ގޮތުން އީރާނަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވި އިންޒާރުތަކަށްފަހުއެވެ.