Last Updated: 3 minutes 22 seconds ago

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާން އިއްވެވުން

ބުލޮގު ޚުލާސާ

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވަނީ އެ މަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާ ކަންތައްތަކުގެ ތެރޭގައި ގައުމުގެ ހާލަތާއި، މި އަަހަރުގެ ބަޖެޓުން ކުރަން އޮތް މަސައްކަތްތައް ހިމެނެއެވެ.

10:56

އެ މަނިކުފާނުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައި ވެސް އަދުލުވެރިކަން ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވި. އަދި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ފަށައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ތަމްރީނު ކުރަން މިދިޔަ އަހަރު ފެށިކަން ރައީސް ފާހަގަކުރެއްވި. އެ ޕްރޮގްރާމް މި އަހަރު ފުޅާ ކުރާނެ ކަމަށް ވެސް ރައީސް އިއުލާންކުރެއްވި

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ވަކި ހާލަތެއްގައި، ހޯމްސްކޫލިން ކުރިއަށްގެންދެވޭ ގޮތް ހަދާނެ ކަމަށް ރައީސް ވިދާޅުވި. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ސިވިލް ސާވިސްގައި މަސައްކަތް ކުރާނަމަ، ގޭގައި މަސައްކަތް ކުރަން ނުވަތަ ވޯކް ފްރޮމް ހޯމް އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވި.

10:48

މިހާތަނަށް ތައުލީމީ ދާއިރާގައި އަޅާނުލާ ހުރި ކަންކަން މި ސަރުކާރުން ރަނގަޅު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި.

ރައީސް ރިޔާސީ ބަޔާން އިއްވަވަނީ --- ފޮޓޯ/ ރައީސް އޮފީސް
10:44

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިން އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް ހުރީ 53 މެގަވޮޓްގައި ކަމަށާއި ނަމަވެސް މި ސަރުކާރުން ދެ އަހަރު ތެރޭ 110 މެގަވޮޓް އިތުރުކޮށްފައިވާ ކަމަށް

10:40

ރައީސް ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް. އެފަދަ މަސްވެރިންނަށް މަންފާއެއް ލިބޭނީ ޕެކިން ފެސިލިޓީއެއް ހުރުމުން ކަމަށާއި އެކަމަށްޓަައި 100 ޓަނުގެ ފެސިލިޓީއެއް ހުޅުމާލޭގައި އެޅުމަށް، މި އަހަރުގެ މެދުތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި

10:38

ރައީސް ރިޔާސީ ބަޔާން ދެއްވަމުން ގެންދަވާއިރު، އެމްޑީޕީން އެކި ފަހަރު މަތިން ތާޅަފިލި ފުމެ، އަޑުގަދަކޮށްފައިވޭ

10:36

މާލެ ސަރަހައްދުގައި ފެން އުފެއްދުން އިތުރުކުރުމަށް ކުރާ މަސައްކަތުން، މި އަހަރު ފެން އުފެއްދުން 25 ޕަސެންޓް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި

10:35

އެ މަޝްރޫއުގެ ދަށުން ތަރައްގީ ރިސޯޓުތަކުން ލިބޭ ފައިސާ، އައިޑީ ކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި. އަދި އަންދާޒާ ކުރެވެނީ އެ އިންވެސްޓްމެންޓުން 2030އިން ފެށިގެން ޖަމާވާނެ ކަމަށާއި، ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވި. އެގޮތުން މިސާލަކަށް، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި. އިތުރު ތަފުސީލް:
https://sun.mv/217596

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން މިހާރު ނިންމައިފައިވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރުމަށް
10:24

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން މިދިޔަ އަހަރު ޚާއްސަ މަސައްކަތްކޮށް، ޝަންގްރިއްލާ ހުޅުވައި، ހެރެތެރެގައި ވެސް އިންޓަގްރޭޓެޑް ޓޫރިޒަމް ކުރިއަށްގެންދިޔުމަށް ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި.

ފަތުރުވެރިކަމުގެ ދާއިރާއަށް އަަހަރުތަކެއްވީއިރު، ދިވެހީންގެ ޖީބަށް ސީދާ ފައިސާ ވަންނާނެ ގޮތެއް ކުރީގެ ސަރުކާރަކުން ހަމަޖައްސައިފައިނުވާ ކަމަށް ރައީސް ވިދާޅުވި. އެ މަނިކުފާނު ދެކެވަޑައިގެންނަވާ ގޮތުގައި، ފަތުރުވެރިކަމުން ސީދާ ދިވެހީންނަށް ފައިސާ ލިބެން ޖެހޭ ކަމަށް ވިދާޅުވި.

10:22

ރައީސް ވިދާޅުވީ 2023ގައި އެއްވެސް ރިސޯޓެއް ހުޅުވިފައި ނުވާ ކަމަށާއި ނަމަވެސް، މިދިޔަ ދެ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް 6،000އަށްވުރެ ގިނަ އެނދު އިތުރުކޮށްފައިވާ ކަމަށް. މި އަހަރު އިތުރު ހަތް ރިސޯޓު ހުޅުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވި.

10:21

ވަޒީފާ އުފެއްދުމުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވިގެން ކަމަށާއި، އެކަމަށް ޓަކައި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަނުން 250،000އަށް ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ނަގައިފައިވާ ކަމަށް ރައީސް ވިދާޅުވި.

އަދި ބިދޭސީން އަލުން ގަވައިދަށް ފެއްތުމަށް ހުޅުވާލި ފުރުސަތުގައި، 3800އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި. ކުރަނގި އޮޕަރޭޝަންގެ ތިން ވަނަ ފިޔަވަހި ވެސް މުސްތަގުބަލުގައި ފަށައި، ފުލުހުން ނުކުމެ، މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި.

10:16

ޒުވާނުން ތަމްރީނު ކުރުމަށް ކުރާ މަސައްތަކުން ގިނަ އަދަދެއްގެ ވަޒީފާ އުފައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި މިދިޔަ އަހަރު އުފެއްދި، ޕްރައިވެޓް ސެކްޓަރުގެ 7،000އަށް ވުރެ ގިނަ ވަޒީފާ ހިމެނޭ ކަމަށް ރައީސް ވިދާޅުވި.

10:14
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވެވުން -- ފޮޓޯ/ ރައީސް އޮފީސް
10:11

މަދު ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަސް ކިޔާ ގައުމަކަށް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި. ތަފުސީލް:

https://sun.mv/217592

10:05

ރައީސް ވިދާޅުވީ، މަތީ ފަންތީގެ ދިވެހި އަދި ބޭރުގެ ވިޔަފާރިއަށް ވެސް ފަހި ފުރުސަތުތައް ދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށް. އެގޮތުން މިދިޔަ އަހަރު 54 ފޮރިން އިންވެސްޓްމެންޓް ރާއްޖެއަށް ގެނެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
10:02

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގަން ލުއިތައް ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވި. އަދި އެއީ އައިޓީ ހަބަކަށް ހެދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށް އެ މަނިކުފާނު ވިދާޅުވި.

10:01

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމާ ގުޅޭ, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވުން. އިތުރު ތަފުސީލް:

https://sun.mv/217594

09:59
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުން -- ފޮޓޯ/ ރައީސް އޮފީސް
09:57

އެސްއެމްއީ ކުރިއަރުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިން ޕޭމެންޓް ސިސްޓަމެއް ނެތުން ކަމަށާއި، އެކަމަށް ރާއްޖެއަށް ތައާރަފު ކުރާ ޕޭޕަލްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި. އަދި ދިވެހި އުފެއްދުމެއް ކަމަށްވާ ސްވިފްޓް ވެސް މިހާރު، ބައިނަލްއަގުވާމީ ޕޭމެންޓް ނިޒާމެއްގެ ގޮތުގައި ތައާރަފުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި.

09:54

ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ދާއިރާއަށް އިސްކަންދީގެން މި ސަރުކާރުން ކުރިއަށްދާ ކަމަށް. މިހާތަނަށް 349 މިލިއަން ރުފިޔާ އެސްއެމްއީތަކަށް ދޫކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި.

ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލްތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދެއްކި ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަހަރުވެފައިވާ 882 މިލިއަން ރުފިޔާގެ ބިލްތަކަށް، މިހާތަނަށް 469 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ބެސް ރައީސް ވިދާޅުވި

09:52
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
09:51

ސުކޫކުގެ 150 މިލިއަން ޑޮލަރު ދައްކަނީ އެސްޑީއެފުން ކަމަށާއި، ބާކީ ބައި ރީފައިނޭންސް ކުރުމަށް މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ފާއިތުވި ސަރުކާރުތަކުން ޖެއްސި 'ދަރަނި ދަންތުރައިން' ސަލާމަތް ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި. އަދި އޭޕްރިލް މަހުގެ ދަރަނި ދައްކާނީ ދަރަނީގެ ދެމެހެެއްޓެނިވިކަން ކަށަވަރުވާ ގޮތަށް ކަމަށް ރައީސް ވިދާޅުވި

މީގެ އިތުރުން، ދައުލަތުން ދަރަނި ދައްކަން އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އެސްޑީއެފް ތަރައްގީކުރަމުން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

09:47

އައިއެމްއެފްއިން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން 2023ގައި ތައްޔާރުކުރި ރިޕޯޓުގައި އޮތީ ދަރަނި ނުދެއްކުމުގެ ބިރު ބޮޑު ކަމަށް ކަނޑައަޅައިފައި. ރައީސް ވިދާޅުވީ މި ސަރުކާރުން އައިސް އިގުތިސާދީ ފިޔަވަޅު އަޅައި، ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން މިހާރު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ފާހަގަކުރާ ކަމަށް.

09:47

މިދިޔަ އަހަރު އެސްޑީއެފަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލު ލިބުނުކަން ފާހަގަކުރެއްވި. މިދިޔަ އަހަރު ތަންފީޒު ކުރި ޑޮލަރު ސިޔާސަތުގެ ސަބަބުން، އެމްއެމްއޭއަށް 492 މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރި ކަމަށާއި އެއާއެކު ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އެރި ކަމަށް ރައީސް ވިދާޅުވި. އެއީ ރާއްޖޭގެ ތާރީޚުގައި އެންމެ މައްޗަށް ރަސްމީ ގްރޮސް ރިޒާވް ދިޔަ އަހަރު ކަމަށް އެ މަނިކުފާނު އިއުލާންކުރެއްވި

09:41

މިދިޔަ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބަޖެޓު ސާޕްލަސްގައި ހިފެހެއްޓިކަން ރައީސް ފާހަގަކުރެއްވި. ޖުމްލަ އާމްދަނީއާއި ހިލޭ އެހީއަށް 38 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި، މި އަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވި.

09:41

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބޮޑު ދަރަނި ނަގައި، ފައިސާ ޗާޕުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މި ސަރުކާރުން އިގުތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަން ޖެހުނު ކަމަށް.

09:40
އެމްޑީޕީ މެންބަރުން، އަޑުގަދަކޮށް، އިދާރީ މޭޒު ކައިރިއަށް އެއްވުން --
09:38

އެމްޑީޕީގެ މަޖިލިސް މެންބަރުން ތާޅަފިލި ފުމެ، ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފި. އެ މެންބަރުން ވަނީ ރައީސްގެ ޕޯޑިއަމް ކައިރިއަށް އެއްވެފައި.

09:35

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވި ކަމަށް ރައީސް އިއުލާންކުރައްވައިފައި. އަދި ރާއްޖޭގެ ސަރަހައްދުތަކުގެ އޮފީހެއް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި.

ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަން ވެސް ރައީށް އިއުލާންކުރެއްވި.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގެއްލުނު ސަރަހައްދު ހޯދަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް މިހާރު ފަށައިފިން
09:32

އިޓްލޮސްއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމައިފައިވާ ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ، އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި. އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށާއި، އެ ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ރައީސް ވިދާޅުވި. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި

09:28

ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވި. ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ރައީސް ވިދާޅުވި.

09:26

ރައީސް ވިދާޅުވީ ޚާރިޖީ ސިޔާސަތުގައި އިސްކަން ދެނީ އަވަށްޓެރިންނާއި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރަން ކަމަށާއި، އެންމެ އިސްކަން ދެނީ ދިވެހީންގެ މަސްލަހަތު އިސްކުރުމަށް ކަމަށް ވިދާޅުވެފައި. ރާއްޖެ މަދު ގައުމަކަށް ބަރޯސާވެފައި އޮތުން ކުޑަކޮށް، ރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަސް ކިޔާ ގައުމަކަށް ހަދައިފި ކަމަށް އެ މަނިކުފާނު ވިދާޅުވި

09:25

ބަނދަރުތައް ރައްކާތެރިކުރުމަށް، އޭވިއޭޝަން ސެކިއުރިޓީގެ ނަން ބަދަލުކޮށް، އެ އިދާރާގެ ދަށަށް ބަނދަރު ރައްކާތެރިކުރުން އިތުރުކުރިކަން ރައީސް ފާހަގަކުރެއްވި. އެ ކޮމާންޑަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ރައީސް ވިދާޅުވި

09:23

ސިފައިންގެ ތަމްރީނާއި ތައުލީމަށް ކުރާ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްގެ އައްޑޫ ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް ރައީސް ވިދާޅުވި. އަދި ފަޔާ އެންޑް ރެސްކިއުއާއި އެމާޖެންސީ ޚިދުމަތް ހަރުދަނާ ކުރުމަށް ބޮޑެތި ކުރިއެރުން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި. އެ ހުރިހާ ކަމަކަށް ޚާއްސަ އިސްކަމެއް ދީ މި އަހަރު ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި

09:21
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް
09:19

މި އަހަރު ދިވެހީން އަޚުލާގަށް އިސްކަންދީ، އިޙުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައި އެކަން އަށަގެންނެވުމަށް މަސައްކަތް ކުރާނެ. އެކަމަށް ބޭނުންވާ ގާނޫނު ހެދުމުގެ މަސައްކަތް ފަށައި، މި އަހަރު ބިލު ތައާރަފު ކުރާނެ ކަމަށް ރައީސް ވިދާޅުވި

09:18

ރައީސް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ތަޅުމުގައި ކަށިގަނޑު ފުމެން ފަށައިފި

09:16

ރައީސް ތަންފީޒު ކުރައްވާނީ އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެކުލަވާލައިފައިވާ ސިޔާސަތެއް

09:15

ޒަކާތުގެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުން އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބި، ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި

09:13

މި އަހަރުގެ ހައްޖާ ގުޅޭ ކަންކަން ސައުދީ އަރަބިއާގައި 100 ޕަސެންޓު ފުރިހަމަ ކުރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ރައީސް ވިދާޅުވި

09:11

ހާފިޒުންގެ އަގު ވަޒަންކޮށް، ގުރުއާން ހިތުދާސް ކުރުމަށް ހިތްވަރު ދިނުމަށް ހާފިޒުންނަށް ދޭ ފައިސާގެ އަދަދު މިދިޔަ އަހަރު 2،000އިން 4،000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް ފާހަގަކުރެއްވި.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ތަމްރީނު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ކުރާނެ ކަމަށް ރައީސް އިއުލާންކުރެއްވި

09:09

ވޭތުވެދިޔަ އަހަރު 74 މިސްކިތް އަޅައި، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔަ ކަމަށް ރައީސް ވިދާޅުވި. އަދި މިދިޔަ އަހަރު، 19.4 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި ކަމަށާއި މި އަހަރު އެ މަސައްކަތަށް 15 މިލިއަން ހަމަޖައްސައިފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

09:07

ފާއިތުވި އަހަރު ގައުމުގެ އެތައް ކަމެއް އިސްލާހުކޮށް، ތަރައްގީކޮށް ކުރިއަރުވައިފައިވާ ކަމަށް ރައީސް ވިދާޅުވި. އިތުރު ކަންކަން މި އަހަރު ކުރިއަށްގެންދާނެ ގޮތް ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

09:07

ރައީސް ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި

09:06

މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ޖަލްސާ ފައްޓަވައިދެއްވައިފި. އަދި ރިޔާސީ ބަޔާން އިއްވަވަން ރައީސަށް ދައުވަތު ދެއްވައިފި

09:03

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފައިވާ ހަމައެކަނި މަސައްކަތަކީ ރިޔާސީ ބަޔާން އިއްވެވުން

09:01

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ ފަށައިފި

08:52

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މަޖިލީހަށް ވަޑައިގެންފި. މަޖިލިސް ކުރިމަތީގައި ރަތްދޫލަ މަތީގައި ރައީސަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ