ރާއްޖޭގައި ފުޓުބޯޅަ ވަޅުޖެހެން ދަނިކޮށް އަނބުރާ އެ ފޯރި ގެނައި ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ދެވަނަ މުބާރާތް ކ. ހިންމަފުށީގައި ބާއްވަން ނިންމި ބޮޑު ނިންމުމަކީ ތާރީހީ ނިންމުމެކެވެ.
މިއީ މާލެ ސިޓީގައި މުބާރާތްތައް ބާއްވަން ބަރޯސާވެފަ އޮތް އޮތުމަށް އަންނަ ބޮޑު ނިމުމެކެވެ. ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ މި ބޮޑު މުބާރާތާއެކު ކުރިއަށްދާން އެ ރަށުން ނިންމާނީ ގިނަ ކަންތައްތަކެއް ބެލުމަށްފަހުކަން ކަށަވަރެވެ.
"ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ މި ބޮޑު ނިންމުން ނިންމުމުގެ އެންމެ ބޮޑު އަމާޒަކީ ރަށުގެ ފުޓުބޯޅައިގެ ފޯރި ގަދަކުރުން ކަމަށާއި، މެޗުތައް ކުޅެން ރަށަށް އަންނަ ޓީމުތަކުގެ ސަބަބުން ރަށުގެ އިގްތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.
"މުބާރާތް ބާއްވާނަމަ ހިންމަފުއްޓަށް ގިނަ ފައިދާތަކެއް ވާނެ، އަދި ރަށުގެ ފުޓުބޯޅައަށްވެސް މީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރަނީ،" ހަސަން ފާއިޒް ވިދާޅުވިއެވެ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ހޯސްޓަކަށް ކ. ހިންމަފުށި ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން
މީގެއިތުރުން ފާއިޒް ވިދާޅުވީ ޓީމުތަކަށް ރަނގަޅު ފެންވަރެއްގެ އެކޮމޮޑޭޝަނާއި ޓީމުތަކުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއެކު ހިތްހަމަޖެހޭ މާހައުލެއްގައި މެޗުތައް ކުޅެވޭނެކަމުގެ ޔަގީންކަން މުބާރާތުގައި ވާދަކުރާ ޓީމުތަކަށްދޭ ކަމަށެވެ.
"އުންމީދުކުރަނީ ގޯލްޑްކަޕް ޓީމާއެކު ކުރި މަޝްވަރާތަކާ އެއްގޮތަށް މުބާރާތުގަައި ވާދަކުރާ ޓީމުތަކަށް ރަނގަޅު އެކޮމޮޑޭޝަނެއް ފޯރުކޮށްދެވޭނެ ކަމަށް، އަދި ޓީމުތަކުން ބޭނުންވާ ކަންކަން ފޯރުުކޮށްދެވޭނެކަމަށް، މީގެސަބަބުން ރަށުގެ އިގްތިސާދަށްވެސް ހެޔޮ އަސަރުކުރާނެ، ހާއްސަކޮށް ރަށުގެ ފުޓުބޯޅަ ކޮމިއުނިޓީއަށް މީގެ ފައިދާކުރާނެ" ފާއިޒް ވިދާޅުވިއެވެ.
ހިންމަފުށީގެ ކައުންސިލާއި ރައްޔިތުންނާއި މުޅި ކޮމިއުނިޓީ ގުޅިގެން ރަނގަޅު ހިދުމަތްތަކެއް ޓީމުތަކަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ކައުންސިލުން ދެއެވެ.
މުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ 25 އިން އޯގަސްޓު 30 ގެ ނިޔަލަށެވެ. ހިންމަފުށީގައި މީގެކުރިން ވަނީ މުބާރާތުގެ ކޮލިފައިން ބުރެއް ކުޅެފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
ޖުމްލަ 28 ޓީމަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭއިރު، ހާއްސަ އިންވިޓޭޝަނެއްގެ ދަށުން ކުުޅުދުއްފުއްޓާއި ތިނަދޫ ސިޓީއަށް ބައިވެރިވުުމުގެ ފުރުސަތު ލިބޭނެއެވެ. ބާކީ 18 ޖާގައަކީ 18 އަތޮޅުން އެއް ޓީމެވެ. އަދި ކޮންމެ އަތޮޅަކުން އެއް ޓީމަށް ވުރެ ގިނައިން ބައިވެރިވެއްޖެނަމަ، އެ އަތޮޅަކުން ވާދަކުރާނެ ޓީމެއް ކަނޑައަޅާނީ، ކޮލިފައިން މަރުހަލާއަކުންނެވެ.
ޖުމްލަ 42 މެޗު ކުޅޭގޮތަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެމެޗު ކުޅޭނެއެވެ.