ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. އެކުންފުނިން ވަނީ މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެ ކަމަށް ބުނެފައެވެ.
އެގޮތުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މުއްދަތާއި ވަގުތުތަކަކީ،
މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.
ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، ކަސްޓަމަރުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެެވެ. އެގޮތުން:
- ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.
- ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެއެވެ.
- ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެއެވެ.
- ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.
- ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެއެވެ.
- ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުންނެވެ.
އެބޭންކުން ވަނީ އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނޭ ކަމަށް ބުނެފައެވެ.