އައްޑޫ ސިޓީ ހިތަދޫ ފުލެޓު އެގާރަ ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ހާދިސާގެ މައުލޫމާތު އެމްއެމްޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ، ރޭ ދަންވަރު 04:10 ހާއިރެވެ.
އެ މައުލޫމާތު ލިބުުމުން އެ ސަރަހައްދަށް ގޮސް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ، ރޭ 04:25 ހާއިރެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ހާދިސާގައި އަނދާފައި ވަނީ، ދެ ސައިކަލެކެވެ.
އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން އެނގޭ ގޮތުގައި، އެ ސައިކަލުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެ ސަރަހައްދުގައި ހުރި ބައެއް ގަސްތަކަށް ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ.
ނަމަވެސް، އެ ސައިކަލުތަކުގައި ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މީގެކުރިން ވެސް ސައިކަލާއި ކާރު ފަދަ ތަކެތި އަނދައި، ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. އަދި، ބައެއް ފަހަރަށް އެ ފަދަ މައްސަލަތަކުގައި ގަސްދުގައި މީހުން އެތަކެތީގައި ރޯކުރި ކަމަށް ތުހުމަތުކުރެވިފައި އެބަހުއްޓެވެ.