ދުނިޔޭގައި އެންމެ މަގުބޫލު އެއް އޯޕަން ސޯސް ޓެކްސްޓް އެޑިޓާ ކަމަށްވާ ނޯޓްޕެޑް ++ ގެ ސޮފްޓްވެއާ އަޕްޑޭޓްތައް ހެކްކޮށް، ޗައިނާ ސަރުކާރާ ގުޅުންހުރި ހެކަރުންތަކެއް އެތައް މަހެއް ވަންދެން ޖާސޫސްކޮށްފައިވާކަން އެ ސޮފްޓްވެއާ އުފެއްދި ފަރާތުން ކަށަވަރުކޮށްދީފިއެވެ.
ނޯޓްޕެޑް ++ އުފެއްދި ޑޮން ހޯ އާދިއްތަ ދުވަހު ޝާއިޢުކުރި ބްލޮގް ޕޯސްޓެއްގައި ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް މި ހަމަލާތައް ކުރިއަށް ގޮސްފައިވެއެވެ. ސެކިއުރިޓީ ތަޖުރިބާކާރުންގެ ދިރާސާތަކަށް ބިނާކޮށް އޭނާ ހާމަކުރި ގޮތުގައި، މިއީ ޗައިނާ ސަރުކާރަށް ވާގިވެރިވާ ލޯޓަސް ބްލޮސަމް ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން ދީފައިވާ ހަމަލާއެކެވެ.
ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ރެޕިޑް ސެވަން އިން ބުނާ ގޮތުގައި، މި ހެކަރުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކާއި، ޓެލެކޮމް، އޭވިއޭޝަން، މުހިންމު އިންފްރާސްޓްރަކްޗާ އަދި މީޑިއާ ދާއިރާގެ ޖަމިއްޔާތަކަށެވެ.
ހަމަލާ ދިން ގޮތް:
މި ހަމަލާ ފުރަތަމަ ހޯދި ސެކިއުރިޓީ ރިސާޗާ ކެވިން ބޯމަންޓް ބުނި ގޮތުގައި، ހެކަރުން ވަނީ ނޯޓްޕެޑް ++ ގެ ވެބްސައިޓް ހޯސްޓްކޮށްފައިވާ ސާވާގައި ހުރި ބަގެއްގެ (ވަލްނަރަބިލިޓީ) ބޭނުން ހިފައިފައެވެ. މީގެ ސަބަބުން، ސޮފްޓްވެއާ އަޕްޑޭޓް ކުރަން އުޅޭ ބައެއް ޔޫޒަރުން، ހެކަރުން ހިންގާ މަކަރުވެރި ސާވާއަކަށް ރީޑައިރެކްޓް ކުރެވެއެވެ. އެ ސާވާ މެދުވެރިކޮށް ޔޫޒަރުންގެ ކޮމްޕިއުޓަރަށް ވައިރަސް ފޮނުވާލައި، ހެކަރުންނަށް އެ ކޮމްޕިއުޓަރުތަކުގެ ފުރިހަމަ ކޮންޓްރޯލް ލިބެއެވެ.
ޑޮން ހޯ ބުނި ގޮތުގައި، މި މައްސަލަ ނޮވެމްބަރު މަހު ހައްލުކޮށްފައިވީ ނަމަވެސް، ހެކަރުންނަށް ސާވާއަށް ވަދެވޭ ގޮތަށް އޮތް ފުރުސަތު އެއްކޮށް ބަންދުކުރެވުނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ.
މި ހާދިސާއާ ގުޅިގެން ޑޮން ހޯ ވަނީ ޔޫޒަރުންގެ ކިބައިން މާފަށް އެދިފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް މިހާރުން މިހާރަށް ނޯޓްޕެޑް ++ ގެ އެންމެ ފަހުގެ އަޕްޑޭޓް ޑައުންލޯޑް ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާއަކީ 2019 އާއި 2020 ވަނަ އަހަރު ރަޝިޔާގެ ހެކަރުން ސޯލާވިންޑްސް އަށް ދިން ހަމަލާއާ އެއްގޮތް ހަމަލާއެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ސޯލާވިންޑްސް ހަމަލާގައިވެސް ހެކަރުން ވަނީ ސޮފްޓްވެއާ އަޕްޑޭޓެއްގެ ތެރެއަށް ވައިރަސް ލައިގެން އެމެރިކާ ސަރުކާރުގެ މުހިންމު އިދާރާތަކަކަށް ވަދެފައެވެ.