ގެސްޓުހައުސް އެޅުމަށް ކ. ހުރާއިން ޖުމްލަ 25 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ.
އެ ބިންތައް ދޫކުރަނީ، ހުރާއިން އަލަށް ހިއްކާފައިވާ ސަރަހައްދުންނެވެ.
ވަކިން ކުރި ދެ އިއުލާނުގައިވާ ގޮތުގައި، ފަތުރުވެރިކަން ތަރައްގީކުރުމަށް ގެސްޓުހައުސް އަޅަން އެ ބިންތައް ދޫކުރަނީ 50 އަހަރަށެވެ.
އެކަމަކު، އޭގެތެރެއިން އަށް ބިމަކަށް ކުރިމަތިލެވެނީ، ހުރާގައި ރަށްވެހިވެފައިވާ މީހުންނަށް އެކަންޏެވެ. ބާކީ 17 ބިމަކަށް ކޮންމެ މީހަކަށް ވެސް ކުރިމަތިލެވެއެވެ.
ހުރާއިން ދޫކުރާ އަށް ބިމަށް ހުށަހަޅާ ބިޑު ފޯމެއްގެ އަގަކީ، 10،000 ރުފިޔާ ކަމަށްވާއިރު، އެ ބިންތަކުގެ ބިޑު ބަލައިގަތުމަށް އެދޭ ފޯމުތައް ބަލައިގަނެ، ދޫކުރާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ 12:30ގެ ނިޔަލަށެވެ.

ކ. ހުރާ --- ފޮޓޯ: ބުކިންގ.ކޮމް
އޭގެއިތުރަށް، އެ ބިންތަކުގެ ބީލާމާ ގުޅޭ މައުލޫމާތު ބައްދަލުވުން އޮންނާނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 10:00ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައެވެ.
ގެސްޓުހައުސް ތަރައްގީކުރާނެ ބަޔަކު ހޯދަން އިތުރަށް އިއުލާނުކުރި 17 ބިމުގެ ބިޑު ފޯމުގެ އަގަކީ، 25،000 ރުފިޔާއެވެ. އެ ބިންތައް ހޯދުމަށް ބިޑު ފޯމު ދޫކުރާނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:30ގެ ނިޔަލަށް ހުރާ ކައުންސިލް އިދާރާއިންނެވެ.
ފަތުރުވެރިކަން ތަރައްގީކުރުމަށް ގެސްޓުހައުސް އަޅާނެ ބިންތަކެއް ކުއްޔަށް ދޫކުރަން އިއުލާނުކުރިއިރު، ހުރައަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. މާލެ އަތޮޅުގައި އޮންނަ ރަށަކަށް ވާތީ، ހަފުތާ ބަންދުގައި އެ ރަށަށް ޗުއްޓީއަށް ދާ މީހުން ވެސް މަދެއް ނޫނެވެ.
އެ ރަށުގައި އުޅޭ ބިދޭސީން ހިމެނޭހެން، ޖުމްލަ 1,654 މީހުން އުޅޭ ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކައެވެ.