އެއްބައިވަންތަ ކަމުގެ ސަރުކާރުގައި އެމްޑީޕީން ބައިވާން ބޭނުންވެގެން ހުށަހެޅީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ މަކަރުވެރި ރޭވުމަކުންތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީ އަށް އާންމުންގެ ބަޔަކު ސޮއި ކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިޔާތުގައި އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އެމްޑީޕީން ބައިވެރިމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.
"ނަޝީދުގެ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން، މަކަރުވެރި ރޭވަމެއްގެ ތެރޭން ހުށަހެޅޭ ކަމެއްތޯ ފުންކޮށް ވިސްނަން ޖެހޭނެ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ،"ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވީ އެމްޑީޕީން މިހާރުގެ ސަރުކާރުގައި ބައިވެރިވުމަށް ހުށަހެޅީ އެ ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސްކޮށްފައިވާ އުސޫލުތަކެއްގެ ތެރެއިންތޯ ބެލުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އަލަށް މިސަރުކާރުގައި ބައިވެރިވާ އެ ޕާޓީގެ ލީޑާޝިޕްގައި ވެސް ތިބެން ޖެހޭނީ އާ ލިޑަޝިޕެއް ކަމަށެވެ.
"އެމްޑީޕީ ސަރުކާރުން މި ކޯލިޝަން ސަރުކާރުގައި ބައިވުމަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމުގައިވާ ނަމަ އެ ޕާޓީގެ ގަރާރަކުން ފާސްކުރެވި ކަނޑައެޅިފައިވާ އުސޫލުގެ މަތީން އެ ޕާޓީގެ އާ ލީޑަޝިޕަކާ އެކީގައި ހުށަހަޅަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ ޑީޑީ ވިދާޅުވީ އެމްޑީޕީން މި ސަރުކާރުގައި މިއަދު ބައިވެރިވާނެ ކަމަށް ބުނެފައި މާދަމާ އެއާ އިދިކޮޅަށް ކަންތައް ނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.
"މި މަހު 30 ވަނަ ދުވަހުގެ ]ކޯނީގެ[ ރިޕޯޓު ނެރުމާ ގުޅިގެން އެއާ ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެމަނިކުފާނު ކޯނީގެ ރިޕޯޓު ގަބޫލު ކުރައްވާ ކަމަށް. އެކަމު ހަމަ އެހެން ވިދާޅުވެފައި ސަރުކާރާއި ރައްޔިތުނަށް ފުރައްސާރަ ކުރަކުން ބަޣީއެއް ގޮވަމުން އެފަދަ ނާތަހްޒީބު ކަންތައް ކުރިތަން އަޅުގަނޑުމެނަށް ފެނިގެން ހިނގައްޖެ،"ޑީޑީ ވިދާޅުވި އެވެ.
ރޭގެ ރަސްމިޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ މިހާރުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ބުނަމުންދާ އިރު ނަޝީދު އިސްކޮށް ހުންނަވައިގެން ހިންގި ހަރަކާތްތަކުގައި ލިބިފައިވާ ގެއްލުންތަކަކީ އަގު ކުރެވޭނެ ގެއްލުންތަކެއް ނޫން ކަމަށާއި އެކަންތައްތަކާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ.