ނައިންޓީ ޕްލަސްއިން އިންތިޒާމުކުރާ ގޯލްޑް ކަޕް 2026 ގެ ހުރިހާ މެޗެއް މިފަހަރު ކ. ހިންމަފުށީގައި ކުޅެން ނިންމާ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ވަޅުޖެހިފައިވަނިކޮށް މިދިޔަ އަހަރު ބާއްވަން ފެށި ގޯލްޑް ކަޕު މިއަހަރު ހިންމަފުށީގައި ބާއްވަން ނިންމާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ހޯސްޓުގެ ގޮތުގައި ހިންމަފުށީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހަސަން ފާއިޒެވެ. މުބާރާތް ބާއްވާ ނައިންޓީ ޕްލަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގޯލްޑް ކަޕުގެ ފައުންޑަރު، އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީއެވެ.
އެއްބަސްުވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކައުންސިލް ރައީސް ފާއިޒް ވިދާޅުވީ މި ނިންމުން ނިންމުމުގަ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ފުޓުބޯޅައިގެ ފޯރި ގަދަކުރުމަށް ކަމަށެވެ.

90 ޕްލަސް ގޯލްޑް ކަޕް 2026 ގެ ހޯސްޓަކަށް ކ. ހިންމަފުށި ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން
"މުބާރާތް ބާއްވާނަމަ ހިންމަފުއްޓަށް ގިނަ ފައިދާތަކެއް ވާނެ، އަދި ރަށުގެ ފުޓުބޯޅައަށްވެސް މީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ،" ހަސަން ފާއިޒް ވިދާޅުވިއެވެ.
އުންމީދުކުރަނީ ގޯލްޑް ކަޕު ޓީމާއެކު މަޝްވަރާކުރެވުނު ގޮތަށް ހުރިހާ ޓީމަކަށް ރަނގަޅު އެކޮމޮޑޭޝަންތަކާއެކު ފެންވަރު ރަނގަޅު މުބާރާތަކަށް މި މުބާރާތްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގޯލްޑް ކަޕުގެ ފައުންޑަރ ގަލޮޅު ދަނޑުގައި މުބާރާތް ފެށީ ހައިޕް ކްރިއޭޓުކުރަން، ވިސްނުމަކީ މިއީ މުޅި ރާއްޖޭގެ އެންމެންގެ މުބާރާތެއްގެ ގޮތުގައި، މިދިޔަ އަހަރުވެސް ވިސްނާފަ އޮންނާނީ އަތޮޅުތެރޭގައި ހޯސްޓުކުރެވޭ ކަމަށްވާނަމަ ކުރިއަށްދާން، ވަރަށް ބޮޑު ސަޕޯޓެއް ހިންމަފުށިން ލިބުނު، މިދިޔަ އަހަރު މުބާރާތް ނިންމާފައި" ޝާޒް ވިދާޅުވިއެވެ.

90 ޕްލަސް ގޯލްޑް ކަޕް 2026 ގެ ހޯސްޓަކަށް ކ. ހިންމަފުށި ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ.
ނައިންޓީ ޕްލަސްއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގަ ދިނުމަށެވެ. ގަދަ އަށެއްގައި ހިމެނިގެން ކ. އަތޮޅުގެ ދެ ޓީމަކުން މިހާރު ވެސް ވަނީ މިފަހަރުގެ މުބާރާތުން ޖާގަ ހޯދައިފައެވެ. އެއީ މާފުއްޓާއި ގުރައިދޫއެވެ.
މިދިޔަ އަހަރުގެ ގަދަ އަށެއްގައި ހިމެނިގެން ދެން މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކު އަދި ޅ. ނައިފަރެވެ.
އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށް މުބާރާތުން ފުރުސަތު ދޭން ވަނީ ނިންމާފައެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަނުކުރަނީ އެ ދެ ސިޓީ އެވެ.
ނިމިދިޔަ ގޯލްޑްކަޕު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ އައްޑޫ ސިޓީއާއި ބ. އޭދަފުއްޓެވެ. ކާމިޔާބުކަމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު މި މުބާރާތް ނިންމާލާފައިވާއިރު، އައްޑޫ ސިޓީ އަދި އޭދަފުށި ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފުޓުބޯޅައަށް މަޝްހޫރު އޭދަފުއްޓެވެ.