ދެ މީހަކު މާބަނޑުވުމުން، އައިވީއެފް އެހީ ލިބޭ މީހުންގެ އަދަދު 35އަށް

ދަރިމައިވުމަށް ދޭ ފަރުވާއެއް ކަމަށްވާ, އައިވީއެފް ހެދުމަށް ދައުލަތުގެ އެހީއަށް އެދުނު މީހުންގެ ތެރެއިން އެހީ ލިބޭ މީހުންގެ ދާއިމީ ލިސްޓް މިއަދު އިއުލާން ކުރިއިރު ވަގުތީ ލިސްޓްގެ ތެރެއިން ބައެއް މީހުން މާބަނޑު ވެފައިވާތީ އެ ދެ ނަން އުނިވެއްޖެއެވެ.

މިދިޔަ މަހުގެ 21 ގައި, ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ އައިވީއެފްގެ ފަރުވާ އަމިއްލައަށް ކުރުމަށް ދަތިވެ، ދައުލަތުގެ އެހީއަށް އެދުނު 135 ދެމަފިރިންގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވެފައިވާ ކަމަށެވެ.

އެ ލިސްޓް އާއްމުކޮށް އެންސްޕާއިން ވަނީ ޝަކުވާ ހުށަހެޅުމަށް އޭރު ހުޅުވާލައިފައެވެ. އެއަށް ފަހު އެންސްޕާއިން މިއަދު ވަނީ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ.

އެންސްޕާއިން މިއަދު ބުނީ ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން 35 ފަރާތަށް އެހީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެހީ ހަމަޖެހިފައިވާ ފަރާތްތަކަށް މި މަހުގެ 11ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޓްރީޓްމެންޓް ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން މައުލޫމާތު ދޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.

https://www.sun.mv/216998

ކުރިން 39 މީހުންނަށް އެހީ ލިބޭ ގޮތަށް އޮވެފައި އެ އަދަދު 35 އަށް ދަށްވީ އެ ލިސްޓްގައި ހިމެނޭ ދެ މީހަކު މާބަނޑުވުމާ ގުޅިގެންނެވެ.

މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމުގެ އިންތިޒާމު ފަހިކޮށްދިނީ 2024ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެ ގޮތުން، ސަރުކާރުގެ ޚަރަދުގައި އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިދިނެވެ.

އެންސްޕާއިން ނޮވެންބަރުގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާޓިލިޓީ ކެއާ ފަންޑު މެދުވެރިކޮށް މި ދެ އަހަރުގެ ތެރޭގައި 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިވެދީފައިވެއެވެ. އޭގެ ތެރެއިން ފަރުވާ ކާމިޔާބުކޮށްފައިވަނީ 23 މީހުންނެވެ.

ސަތޭކަ މީހުންގެ ތެރެއިން މިހާތަނަށް 93 މީހުންނަށް ފަރުވާ ދެވިފައިވާއިރު، އެކި ސަބަބުތަކާ ގުޅިގެން ޕްރޮގްރާމަށް ޝަރުތު ހަމަވީ ބައެއް ދެމަފިރިން ފަރުވާ ފަށާފައިނުވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އޭރު ވިދާޅުވިއެވެ.

މި ވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް