ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މެދުނުކެނޑި 16 އަހަރު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މެދުނުކެނޑި 16 އަހަރު -- ފޮޓޯ: ދިރާގު

ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމަށް ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 16 އަހަރު ވެއްޖެއެވެ.

ދިރާގުން ވަނީ މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ 2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އެގޮތުން 2025 ވަނަ އަހަރު، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 15 އެޕްރެންޓިސްއަކަށް ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައިވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދުއެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިރާގުން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމު ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މި ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމުކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދާކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ، މަސައްކަތްތެރިކަމާ ގުޅޭގޮތުން ތަމްރީނު ދިނުމުގައި ފާތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ނަމޫނާ ދައްކައިފައި ވާކަން ފާހަގަކުރައްވާފައެވެ.

އަދި ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ގެންގުޅޭ ބަދަލެއްނުވާ ސިޔާސަތުތަކާއި އިސްތިރާޖްތަކުން ހުނަރުވެރި މަސައްކަތްތެރިންތަކެއް ވަޒީފާގެ ބާޒާރަށް ނެރެދިނުމަށް ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ 2025 ވަނަ އަހަރުގެ ދަސްވެނިންނަށާއި މި އަހަރު އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާއާއި ހުނަރު އަދި މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި އެ ކަމުގެ ސަބަބުން ކެރިއަރު އިތުރަށް ތަރައްގީވެ އިތުރު ކާމިޔާބީތައް ހާސިލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް