މަސްވެރިކަން ހިމެނޭހެން 3 ދާއިރާއެއް ތަރައްގީ ކުރުމަށް، ސަރުކާރަށް ލަފާ ދޭ ކޮމިޓީތަކަށް މީހުން ހޯދަނީ

މަސްމާރުކޭޓު: މަސްވެރިކަން ހިމެނޭހެން 3 ދާއިރާއެއް ތަރައްގީ ކުރުމަށް، ސަރުކާރަށް ލަފާ ދޭ ކޮމިޓީތަކަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ އިގުތިސާދަށް މުހިންމު ތިން ދާއިރާއެއް ތަރައްގީ ކުރުމަށް ސަރުކާރަށް ލަފާ ދޭ ތިން ކޮމިޓީއެއް އެކުލަވާލައި، އެ ތިން ކޮމިޓީއަށް މެންބަރުން ހޯދަން މިރޭ އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ވަނީ، ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ކޮމިޓީތައް އެކުލަވާލަނީ މަސްވެރިކަމާއި ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއިން ކަމަށެވެ. އެއީ ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީއާއި ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީއާއި ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީއެވެ.

އޭގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ކޮމިޓީގައި، އެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުގެ މެންބަރަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޢިލްމީ ނުވަތަ ފަންނީ ތަޖުރިބާކާރަކާއި އެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުން މެންބަރެއް ހިމެނޭނެއެވެ.

އެ ކޮމިޓީން ދޭނެ ލަފާތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ހުރި ހުރަސްތައް ދެނެގަނެ، އެކަށީގެންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ލަފާ ހިމެނެއެވެ.

ރާއްޖޭގެ ރިސޯޓެއް: ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރަން ލަފާދޭނެ ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމައިފައި -- ފޮޓޯ/މޯލްޑިވްސް.ނެޓް

ހަމައެއާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އިންވެސްޓްމަންޓް އިންސެންޓިވް މެކޭނިޒަމްތައް ތަޢާރުފުކުރުމާއި، ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ގާއިމުކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން ހިމެނޭނެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ލަފާ ދޭ ކޮމިޓީގައި ދެ މަސްވެރިންނާއި ދެ އޮޑިވެރިންނާއި ދެ ކެޔޮޅުންނާއި މަސްވެރިކަމާއި މެރިކަލްޗާގެ ޢިލްމީ، ފަންނީ ދެ ތަޖުރިބާކާރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން ތިން މެންބަރުން ހިމެނޭނެއެވެ.

އެ ކޮމިޓީން ލަފާ ދޭނެ ކަންތައްތަކުގެ ތެރޭގައި:

  • މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
  • ދުނިޔޭގެ މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާ ޑައިވާސިފައިކުރުމަށް އަލަށް ތަޢާރުފުކުރެވެން ހުރި ކަންކަމާއި، އެ ދާއިރާގެ އިނޮވޭޝަން ކުރިއެރުވުމަށް ޓެކްނޯލޮޖީ ބޭނުންކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން
  • މަސްވެރިކަމާއި މެރިކަލްޗާގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، އެ އުފެއްދުންތަކުގެ ފެންވަރު ކަށަވަރުކުރާނެ ނިޒާމުތައް ގާއިމުކުރުމއާއި ހަރުދަނާކުރުމާ ގުޅޭގޮތުން ލަފައާއި މަޝްވަރާ ދިނުން.

ތިން ވަނަ ސިނާއަތް ކަމަށްވާ، އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ލަފާ ދޭ ކޮމިޓީގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ޖަމާއަތްތަކުން ތިން މެންބަރުންނާއި ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގެ ދާއިރާއާއި އާކިޓެކްޗާގެ ދާއިރާއާއި ކުއެންޓިޓީ ސާވޭއިންގެ ދާއިރާއިން މެންބަރުން ތިބޭނެއެވެ.

ކޮންސްޓްރަކްޝަން ސައިޓެއް: އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީކުރަން، ސަރުކާރަށް ލަފާ ދޭ ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމައިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ކޮމިޓީން އިމާރާތްކުރުމުގެ ދާއިރާ ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އިމާރާތްކުރުމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އިންވެސްޓްމަންޓް އިންސެންޓިވް މެކޭނިޒަމްތައް ތަޢާރުފުކުރުމާ ގުޅޭ ގޮތުން ލަދާ ދޭނެއެވެ.

އެ ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 16 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް ރައީސް އޮފީހުންނެވެ.

ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، މަސްވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ ދިވެހީން ހަރަކާތްތެރިވެއެވެ.

comment ކޮމެންޓް