އެލައިޑުން މި އަހަރު އެންމެ އިސްކަން ދޭނީ ދުޅަހެޔޮކަމާ ގުޅޭ ހަރަކާތްތަކަށް

މި އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި އެލައިޑް އިންޝުއަރަންސުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ އެލައިޑަށް 41 އަހަރު ފުރިފައެވެ. އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، އެ ކުންފުނިން ވަނީ މިދިޔަ އަހަރު ކުންފުނިން ހޯދި ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުވާލައި، މި އަހަރަށް ކުންފުނިން ކަނޑައަޅާފައިވާ ކަންތައްތައް ހިއްސާކޮށްފައެވެ.

އެގޮތުން މި އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނާޝިޕްތަކާއި، ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރު ވެސް އެ ކުންފުނީގެ ޙިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ. އަދި ހަމަމިއާއެކު، އެލައިޑުން މަސައްކަތް ކުރަމުންދާނީ މާލީގޮތުން ފުއްދުންތެރިކަން ލިބިފައިވާ 'އޭ-ރޭޓެޑް' ރީ-އިންޝުއަރަރަންސް ކުންފުނިތަކާއެކުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

"ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ," އެލައިޑުން ބުންޏެވެ.

އެ ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު ވަނީ ރަސްމީކޮށް ދައްކާލާފައެވެ.

މީގެ އިތުރުން އަހަރާ ދުވަހާ ގުޅިގެން އެ ކުންފުނިން ވަނީ ޙާއްސަ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންއެއް އިއުލާންކޮށްފައެވެ. މި ޕްރޮމޯޝަންގައި 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަގާ މީހުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް، ޕޮލިސީ ނަގާ ފުރަތަމަ 41 މީހުންގެ މެދުގައެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެއެވެ.

ހަމައެއާއެކު އެލައިޑުން މިއަދު ވަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026" ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފުލުހުންނާ ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ މި މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށް އެލައިޑުން ބުނެއެވެ.

މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ޙުސައިން ލުވައިޒެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

މިދިޔަ އަހަރު ވެސް އެލައިޑުން ވަނީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފައެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40" އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ރައްކާ" ކެމްޕޭން ހިމެނެއެވެ.

މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025" ގެ ސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން އެ ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިން އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.

މިދިޔަ އަހަރު، އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފައެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފައެވެ.

comment ކޮމެންޓް