މެލޭޝިޔާ ކައިރިން 129 މިލިއަން ޑޮލަރުގެ ތެޔޮ އަތުލައިގެންފި

މެލޭޝިޔާ ކައިރިން ގަވާއިދާ ޚިލާފަށް ތެޔޮ ބަރުކުރަމުންދިޔަ ދެ އުޅަނދު. ފޮޓޯ/މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓް އެޖެންސީ

ގަވާއިދާ ހިލާފަށް 129 މިލިއަން އެމެރިކާ ޑޮލަރު (160 މިލިއަން ސިންގަޕޫރު ޑޮލަރު) ގެ އަގުހުރި ސާފުނުކުރާ ތެޔޮ ބަދަލުކުރި ކަމަށް ޝައްކު ކުރެވޭ ދެ އުޅަނދު ހިފަހައްޓާފައިވާ ކަމަށް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މެލޭޝިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ، މެރިޓައިމް އެންފޯސްމެންޓް އޭޖެންސީން ބުނީ، ޕެނަންގް ބަނދަރުގެ އުތުރުގައި އޮތް ދެ އުޅަނދު، އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަރުކުރަނިކޮށް ހިފެހެއްޓީ ޖެނުއަރީ 29 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ ދެ އުޅަނދު ހިފެހެއްޓި ޕެނަންގްގެ މުޑާ ހެޑް ސަރަހައްދަކީ، ގަވާއިދާ ޚިލާފަށް ތެލުގެ ވިޔަފާރި ހިންގާ ކަމަށް ފާހަގަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރާނެ ކަން މެލޭޝިޔާ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހު ހާމަކޮށްފައިވެއެވެ.

"އިންސްޕެކްޝަނެއްގައި ދެ އުޅަނދު ވެސް ބަނދަރުކޮށްފައި ހުރިތަން ފެނުމުން ހުއްދަ ނެތި ޓްރާންސްފާ ކުރި ކަމުގެ ޝައްކު އުފެދިފައި ވަނީ." ޕެނަންގްގެ މެރިޓައިމް ޑިރެކްޓަރު މުހައްމަދު ސުފީ މުހައްމަދު ރަމްލީ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އުޅަނދުތަކުން 512 މިލިއަން ރިންގިޓުގެ އަގުހުރި ސާފުނުކުރާ ތެޔޮ އަތުލައިގެންފައިވާ ކަމަށެވެ.

އެ އުޅަނދުތައް އަތުލައިގަތްއިރު، 53 ފަޅުވެރިން ތިއްބެވެ. އުޅަނދުތަކުގެ ކެޕްޓަނުން ތަހުގީގު ކުރާ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް މެރިޓައިމް އެންފޯސްމަންޓް އޭޖެންސީން ބުންޏެވެ.

އެއީ ކޮން ގައުމަކުން ބޭރުކުރި ތެލެއް ކަމާއި ދަތުރުކުރި ތަންތަނާބެހޭ އެއްވެސް މައުލޫމާތެއްވެސް މިހާތަނަށް ލިބިފައި ނުވި ނަމަވެސް މުހައްމަދު ސުފީ ވިދާޅުވީ، އެ 53 ފަޅުވެރިންނަކީ ޗައިނާ، މިޔަންމާ، އީރާން، ޕާކިސްތާން އަދި އިންޑިއާގެ ރައްޔިތުން ކަމަށެވެ.

comment ކޮމެންޓް