ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނު 24 އަހަރުގެ ބިދޭސީއެއްގެ މަރުގެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ތިލަފުށިން, މި ނިމުނު ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ޖެނުއަރީ 28ވަނަ ފުލުހުން ވަނީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ބުނެފައެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, އުމުރުން 24 އަހަރުގެ އަމީން މިއާއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް "ސަން"އާ ހިއްސާކުރަމުން ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.
އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަމީންމިއާގެ މަރާ ގުޅުވާ އެކި ވާހަކަ ދެކެވެމުން އަންނައިރު، ރަސްމީކޮށް ފުލުހުން އެ ވާހަކަތައް ކަށަވަރު ނުކޮށްދެއެވެ. މި މަރާއެކު ބިދޭސީ މަސައްކަތްތެރިންނާއި، ލޭބަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ މުހިންމުކަމުގެ ބަހުސް ވެސް އަންނަނީ ކުރެވެމުންނެވެ.