މާހެފުން: އިސްރާފްވާ މިންވަރަށް ބޮޑު ކެއުންގަނޑެއް މުހިއްމުތަ؟

އާއްމުކޮށް މާހެފުންތަކުގައި ފެންނަން ހުންނަ ކެއުމުގެ ބާވަތްތައް--ފޮޓޯ/ލޮނުމެދު

ދިވެހި ބަހުގެ ރަދީފުގައި "މާހެފުން" މި ބަސް މާނަކޮށްފައި އޮތީ ރޯދައަށް ކުރިމަތިކޮށް އެ މަސް ފެށުމުގެ ކުރިން އެ މަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާޢަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުމެއްގެ ގޮތުގައެވެ.

އިހު ޒަމާނުގައި މާހެފުން އާދަވެގެން ބާއްވަނީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު އާއްމުންގެ ދިރިއުޅުން ހަލޮބޮލި "ބިޒީ" ދިރިއުޅުމަކަށް ބަދަލުވަމުން އަންނާތީ މާހެފުމުގެ ހަރަކާތްތައް ރޯދަ މަސް ފެށުމުގެ ހަފުތާ ދެ ހަފުތާ ކުރިން ބާއްވަން ފަށައެވެ.

ރޯދަމަހާ ކައިރިކޮށް ދިވެހީންގެ އާދަކާދަތަކުގެ ތެރޭ ހިމެނޭ އެންމެ މުހިއްމު އެއް ހަރަކާތް ކަމަށްވާ މާހެފުމުގެ ކެއުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ކެއުމުގެ ބާވަތްތަކަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ.

އިހުޒަމާނުގެ މާހެފުންތަކުގައި އާއްމުކޮށް ހުންނަ ކެއުމުގެ ބާވަތްތަކަކީ ބޮނޑިބަތާއި، އާރުހާއި، މަހާއި ކާށި ނަމަވެސް މިހާރުގެ މާހެފުންތަކުގެ އައިޓަމްތަކުގެ ލިސްޓު ވަރަށް ވެސް ދިގެވެ.

މާހެފުމަކަށް ތައްޔާރުކޮށްފައިވާ ދިވެހި ކެއުމެއް--ފޮޓޯ/ފޭސްބުކް

އޭރުގެ މާހެފުންތަކުގައި ހުންނަ އައިޓަމްތައް މަދުވެފައި އިސްރާފް ނުވާ މިންވަރަށް ކެއުންތައް ތައްޔާރު ކުރުމަށާއި ޚަރަދަށް ބެލުމަށް ވެސް ދިވެހީން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރު ވަރަށް ތަފާތެވެ.

އިހުގައި ކައި އުޅުނު ބައެއް ބާވަތް މިހާރު ބާޒާރުން ލިބެން ނެތުމަކީ ވެސް މިހާރު ފަސޭހައިން ލިބެން ހުންނަ ކެއުންތައް މާހެފުމުގެ ސުފުރާ މަތިން ފެންނަ މިންވަރު އިތުރުވެފައިވާ ސަބަބެއް ކަމަށް ވެސް ވެދާނެއެވެ.

އާއްމުކޮށް މާހެފުމުގެ ސުފުރާމަތިން ފެންނަން ހުންނަ ބާވަތްތަކަށް ބަލާލާއިރު ބޮނޑިބަތް، ފޮނި ފާރޮށި، ކަދުރު، ވަޅޯ މަސް، ކުޅި ފާރޮށި، މާފުށް، ގަބުޅި ސަޓަނި، ހަނާކުރި މަސް އަދި ކޮންމެވެސް ވައްތަރެއްގެ އާރުސް ހިމެނެއެވެ.

ދިވެހީން މާހެފުމަކަށް އިންސާފްކުރަނީ--ފޮޓޯ/ފޭސްބުކް

މި ކެއުންތަކުގެ ލިސްޓަށް އައިޓަމްތައް އިތުރުވެ ބޮޑެތި ކެއުންތަކުން މާހެފުމަށް ތައްޔާރުކުރާ ސުފުރާ ފުރިފައިވާ މަންޒަރަކީ ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުތެރޭ ފެންނަން ހުރި މަންޒަރެވެ. އޭގެތެރޭގައި އެކި ވައްތަރުގެ ބަތް، ރިހާކުރު ދިޔަ، ރިހަ، ފޮނި ކެއުމުގެ އެކި ބާވަތްތައް އަދި އެކި ކަހަލަ ބުއިންތައް ހިމެނެއެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލި ތަކެތީގެ އަގު މައްޗަށްދާ ކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ދިވެހީން ކުރަމުން އަންނައިރު ވަރަށް އާދައިގެ ގޮތަކަށް ނިންމާލެވެން އޮތް މާހެފުމުގެ އާދަކާދައަށް ބޮޑު ބަދަލެއް ގެނެސް ބޮޑެތި ކެއުންތައް އޭގައި ހިމެނުން އެއީ ކޮންމެހެން މުހިއްމުކަމެއް ބާވައޭ ހިތަށް އަރައެވެ.

މިފަދަ ކެއުންތައް ތައްޔާރުކުރާއިރު އިސްރާފް ކުރެވޭ މިންވަރު މަދުކޮށް ކެއުންތައް ތައްޔާރު ކުރުމަކީ ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.

މާހެފުމަށް ޓަކައި ބާއްވާ ހާއްސަ ހަރަކާތުގެ ތެރެއިން އާއިލާގެ މެމްބަރުން އެއް ތަނަކުން ބައްދަލުވެ ރަހްމަތްތެރިން އެކީގައި ވަގުތު ހޭދަކޮށްލަން ލިބޭ ފުރުސަތާ އެކު ވަރަށް އުފާވެރި މާހައުލެއްގައި އެންމެންވެސް ވަގުތު ހޭދަކޮށްލަނީ އުފާވެރި ފޮނި ހަނދާންތަކެއް ފަހަށް ރައްކާކޮށްލުމަށެވެ.

ރަނގަޅެވެ. އެހެންނަމަވެސް ދިވެހީންގެ އާދަކާދައިގެ މާހެފުމުގެ ސަގާފަތް އިހު އޮތް ގޮތަށް އޭގެ އަސްލު ނުގެއްލޭނެހެން އަންނަން އޮތް ޖީލުތަކަށް އެ ސަގާފަތް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއެކެވެ.

comment ކޮމެންޓް