ޕްރޮފެސަރު ހަސަން އުގައިލް ހޯސްޓު ކުރައްވާ އެޗްއާރު ނޮލެޖް ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އިން ކުރިއަށް ގެންދާ މި ސެޝަން އޮންނާނީ މާދަމާ ރޭ 8:30 އިން 9:45 އަށް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ.
"އިން ކޮންވަޒޭޝަން ވިތް ޕްރޮފެސާ ހަސަން އުގެއިލް" ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އެކަމަކު، ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެއެވެ.

"އެޗް.އާރް ނޮލެޖް ޝެއާ" އަކީ ކޮންމެ ދެ މަހަކުން އެއްފަހަރު ނުވަތަ ކޮންމެ ތިން މަހަކުން އެއްފަހަރު، އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ހިއުމަން ރިސޯސް ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެމްއޭއެޗްއާރްޕީ އިން ހިންގާ ސިލްސިލާ ހަރަކާތެކެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭ މުހިންމު މައުޟޫޢުތަކަށް އަމާޒުކޮށްގެން، އާ ކަންތައްތައް ދަސްކުރުމާއި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ފަހަރުގެ ސެޝަނުގައި، ހަތަރު ކަމަކަށް އަލިއަޅުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ލީޑަޝިޕްގެ މުސްތަޤުބަލާއި މަސައްކަތުގެ މާޙައުލަށް އަންނާނެ ބަދަލުތަކާއި މުސްތަޤުބަލުގެ މަސައްކަތްތެރިންގެ ކިބައިގައި ހުންނަންޖެހޭ އާ ހުނަރުތަކުގެ އިތުރަށް ކުރިއަށް އޮތް 10 ނުވަތަ 20 އަހަރުގެ ތެރޭގައި އަންނާނެ ބަދަލުތަކަށް އިދާރާތަކާއި ފަރުދުން ތައްޔާރުވާނެ ގޮތް ހިމެނެއެވެ.
މި ސެޝަނުގެ ސަބަބުން، ޓެކްނޮލޮޖީއާއި އިންސާނީ ޤާބިލިއްޔަތު ކަމާއި ލީޑަޝިޕުން މަސައްކަތުގެ މާޙައުލަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ކަމަށް އެމްއޭއެޗްއާރުޕީން ބުނެއެވެ.