މިދިޔަ ހަފުތާ ބަންދުގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.
މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާކަންހާއިރު ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.
އެއީ 21 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 35 އަހަރުގެ ދެ މީހެކެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް ދިހަ ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ވަކިވަކިން ހުރި ކޯޓު އަމުރުތަކުގައިވާ ގޮތުން މި ހަތަރު މީހުންވެސް ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ފަހުން އެކި ކުށްކުށުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ އަދަދު ވަނީ އިތުރުވެފައެވެ.