ފުރަތަމަ ނަޝީދު، ދެން ސިފައިންނާ ފުލުހުން!

ފޯނީ ސައްލާއެއްގައި (ފޯނުން ކުރާ މަޝްވަރާ) އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މެންބަރަކު އަޅުގަނޑު ގާތުގައި ކޯނީގެ ރިޕޯޓުގެ ވާހަކަ ފެށުމުން އަޅުގަނޑު ދެންނެވީމެވެ. ވެދިޔަތަން މަރުވީ ނޫން ހެއްޔެވެ؟ ދެން އެ ވާހަކަ ނުދައްކަމާ ހެއްޔެވެ؟ އެއާ އެކު އެބޭފުޅާ ވިދާޅުވީ ފެބުރުވަރީ ހަ ވަނަ ދުވަހާއި ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތަކާ ގުޅޭ ގޮތުން ފުލުހުންނާމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ ކަމަށާއި އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. މިދެންނެވި ބޭފުޅާއަކީ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަޅުގަނޑަކީ އެބޭފުޅާ ވާކަލާތު ކުރައްވާ މަޖިލިސްތަކުގައި އިންނަ މީހަކީމެވެ. އެކަމަކު މިނިސްޓަރު އެހެން ވިދާޅުވެގެން އަޅުގަނޑު ހައިރާނެއް ނުވެ އެވެ. އަދި އެވާހަކަ އަޅުގަނޑަކަށް އަޑެއް ވެސް ނީވެ އެވެ!

***

މަގުމައްޗަށް ނުވަތަ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެއްސަށް ނުވަތަ ފާރަށް ކުޅު ޖެހުމަކީ ކުށެއް ކަމަށް ގާނޫނު ބުނެ އެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރު ބައްލަވައިލައްވާށެވެ. މަގުމައްޗަށް ކުޅު ޖަހައިފި ނަމަ އެ ގާނޫނުގެ ދަށުން އެ މީހަކަށް އަދަބު ދޭން ޖެހެ އެވެ. އެހެންނަމަވެސް މަގުމައްޗަށް ކުޅުޖަހައިގެން މިހާތަނަށް ދިވެއްސަކަށް އަދަބުދީފައެއް ނުވެ އެވެ. ހަމަގައިމު ވެސް އަޅުގަނޑަކަށް އެ އަޑެއް ނީވެ އެވެ!

މަގުމައްޗަށް ކުޅުޖެހުމަކީ ހުރިހާ ދިވެހީން އާދަވެ ކޮށް އުޅޭ ކަމަށްވާއިރު، އަދި އެކަން މަނާ ކުރާ ގާނޫނަށް އަމަލު ކުރަމުން ނުދާނަމަ އެއީ ދިވެހިރާއްޖޭގައި ހިނގާ ގާނޫނެއް ނޫނެވެ. އަދި އެ ގާނޫނަކީ ބާރު ކެނޑިފައިވާ، ނުވަތަ ބާރެއް ނެތް ގާނޫނެކެވެ. އެފިކަސީއެއް ނެތް ގާނޫނެކެވެ. މިކަން މިގޮތަށް އޮވެފައި، މަގުމަތި ބަލަހައްޓާ ފުލުހަކު، އޭނާ ރުޅި އަންނަ މީހާ ފޮޓަލަށް (ހޮޓަލަށް) އަރައި ދުފައިގެން ނުކުމެ ރަތްކުޅު ބުރުވާލާ ތަނުން، އީދަށް ކުކުޅު ހިފާ ހެން، އެމީހާ ހިފައި ހައްޔަރުކޮށް، އެއްކަލަ ކުޅާ ބެހޭ ގާނޫނު ބުނާ އަދަބު ދިނުން ވާނީ ބޭ އިންސާފުން ކުރެވޭ ކަމަށެވެ. ސަބަބަކީ އެންމެތަކުން މިތިބީ އެ ގާނޫނު ފައިދަށުލައި، މަގުމައްޗަށް ކުޅުޖެހުން ޖާއިޒު ކަމަކަށް ހަދައިގެނެވެ. ގާނޫނުގައި ވަކި ކަމެއް ނުކުރާން ލިޔެ، އެ ގާނޫނާ ހިލާފަށް ކަންކަން ކުރަމުން ދިއުމަކީ ރަށްވެހީން، އެ ގާނޫނުގެ ބާރު ކަނޑުވައިލުމެވެ. މިހާލަތް އަމިއްލައަށް ލިބިގަތުމުން ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ ގާނޫނުގެ "އެފިކަސީ" ގެއްލުވައިލުމޭއެވެ. މިއަކީ އަޅުގަނޑު ކިޔާ އެއްޗެއް ނޫނެވެ. މިއީ ދިއްދޫގައި އަތޮޅު އޮފީހަށް "މަސް ކިރުވި" މައްސަލައިގައި އެ ގާނޫނީ ވަކީލު ކޯޓުގައި ދެއްކެވި ގާނޫނީ ހުއްޖަތެވެ. އަޅުގަނޑަކަށް އެ އަޑެއް ނީވެއެވެ!

ފަހެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓައި އެންމެތަކުންގެ މައްޗަށް ހަމަހަމަކަމާ އެކު ގާނޫނު ހިންގާން ދިވެހި ރައްޔިތުން މަތިކުރާ ވެރިޔާ އެވެ. ހާކިމާއެވެ. ވަލިއްޔުލް އަމުރެވެ. ހަމަ އެއްވެސް ގާނޫނެއްގެ އެފިކަސީ ގެއްލުނަ ނުދީ، ތަނުތިބީންގެ މައްޗަށް ހަމަހަމަކާއެކު ހިންގާން އޭނާއަށް ލާޒިމުވާ ހުއްޓެވެ. މިދެންނެވި ވާހަކަ ތެދު ކުރާން ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ އަކުރު (ނ) އާއި އެ މާއްދާގެ އަކުރު (ރ) އަށް ދާށެވެ. -- ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ދިވެހި ދައުލަތް ހިންގުމުގެ އެންމެހައި އުސޫލުތައް ކަނޑައަޅާނީ މި ގާނޫނު އަސާސީން ކަމަށް ވީ ހިނދު މި ގާނޫނު އަސާސީ ދަމަހައްޓައި ދިފާއުކޮށް، ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުން މަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެ ކަމަށެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރާން ވާނެ ކަމަށެވެ. އެ މާއްދާގެ އަކުރު (ރ)ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. -- އަޅުގަނޑަކަށް އެ އަޑެއް ނީވެ އެވެ!

ދެން ފަހެ، މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން 1183 ދުވަހު ކުރެއްވި މުހައްމަދު ނަޝީދު، ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ ބަދަލުގައި އެ ގާނޫނުތައް މުގުރައި، ގާނޫނުތަކުގެ ތަރުތީބު މުޅިން އޮޅުވާލައި ގާނޫނުތަކުގެ ހީރަސް ކަނޑަމުން ދިޔަ ހިނދު ގާނޫނީ ހޫކުމަތުގެ އެފިކަސީ ދިޔައީ ގެއްލެމުންނެވެ. މިކަން ސާބިތުކޮށްދެނީ ކޯނިކޯންޏަށް ނުކުތް ހިއުމަން ރައިޓް ކޮމިޝަންގެ ރިޕޯޓާއި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓާއި ފަނޑިޔާރުގެތަކުގެ އަމުރުތަކާއި ހުކުމްތަކުންނެވެ. އަޅުގަނޑަކަށް އެ އަޑެއް ނީވެއެވެ!

ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވަކިގޮތަކަށް އަމަލު ކުރާން ބުނާއިރު ވެސް އެކަންކަމަށް އެމަނިކުފާނު ކުރެއްވީ އިންކާރެވެ. ދެއްވީ ބީރު ކަންފަތެވެ. ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓްގައި ތަޅު އެޅުވި އެވެ. އަމިއްލަފުޅަށް ސުޕްރީމް ކޯޓަށް ފަނޑިޔާރުން ލެއްވި އެވެ. ގާނޫނާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން ހިސޯރުކުރިއެވެ. ސިޔާސީ ވެރީން ހައްޔަރު ކުރުއްވައި އެކަހެރި ކުރެއްވި އެވެ. ފަނޑިޔާރަކު ފޮރުވައިގެން ގެންގުޅުއްވި އެވެ. ކުރެއްވި ކުށްތަކާ ގުޅިގެން ކޯޓްތަކުން ކުރި ހުރިހާ އަމުރަކަށް ޖެއްސެވީ ގޮމެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ އެގޮތް މަތިން ކަން ކުރެއްވީމާ އޭގެ މާނައަކީ ގާނޫނުގެ ވެރިކަން ނަގަހައްޓާންޖެހޭ އެންމެ މަތީ ވެރިޔާ ގާނޫނު އަސާސީ އާއި އެތައް ގާނޫނެއްގެ އެފިކަސީ ގެއްލުވައިލީ އެވެ. އަޅުގަނޑަކަށް އެ އަޑެއް ނީވެއެވެ!

ގާނޫނު ނަގަހައްޓައި ހަމަ އެންމެނަށް ހަމަހަމަކޮށް ގާނޫނު ހިންގާން ޖެހޭ ވެރިޔާ ކުށް ކުރައްވައި ގާނޫނުތަކުގެ އެފިކަސީ ގެއްލުވައިލެއްވީ އެވެ. ގާނޫނުގެ ހިމާޔަތާއި ރައްކާތެރިކަމުން މުޖުތަމައު މަހުރޫމް ކޮށްލެއްވީ އެވެ. ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތަނުގައި އޮންނާން ޖެހޭ ތަރުތީބާއި ހަމަޖެހުމާއި އެކުލެވުން ރޫޅައިލެއްވީ އެވެ. މިހިސާބަށް ގާނޫނުގެ ވެރިކަން ކަންފަތިވެގެން ދިޔައިރު ވެސް އެމަނިކުފާނާއި އަދި އެކަންކަމުގައި އެމަނިކުފާނާ ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް އެއްވެސް އަދަބެއް ދެވިފައެއް ނުވެ އެވެ. އެކަން އެގޮތަށް އޮވެ، ފެބުރުވަރީ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހާއި އަށްވަނަ ދުވަހު ސިފައިންނާއި ފުލުހުންގެ ތެރެއިން ގާނޫނާ ހިލާފު ކަންތައްތަކެއް ކުރި ބަޔަކު ހޯދައިގެން އަހުވަ ދައްކާން އުޅެގަތުމަކީ ގާނޫނީ ހަމަ ބާއްވާފައި، ނެޗުރަލް ޖަސްޓިސްގެ އުސޫލުން ބެލިއަސް ގަބޫލު ކުރެވޭނެ ހަމައެއް ނޫނެވެ. އެފަދަ ކަމެއް ވާނީ ބޭއިންސާފުން ކުރެވޭ ކަމަކަށެވެ. މަގު މައްޗަށް ކުޅު ޖެހުމާ ބެހޭ ގާނޫނު ވަކި ފަރުދެއްގެ މައްޗަށް ހިންގާން އުޅުން ފަދަ ކަމަކަށެވެ.

އަޅުގަނޑު މިދެންނެވި ކަންކަން މިގޮތްމަތިން ހިނގާފައިވާ ނަމަ އެކަން ހިނގާފައި ވަނީ ގާނޫނުގެ އެފިކަސީ ގެއްލުވާލައިގެން ރައީސް ނަޝީދު ކުރެއްވި އެތައް އެތައް ކަމެއްގެ ބަނޑުން ވިހޭ ދަރިއެއްގެ ގޮތުގަ އެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަލައި އެބަޔަކަށް އަދަބު ދޭންވާނީ ފުރަތަމަ ކުށްކުރި މީހާގެ ކަންތައް ނިންމާފަ އެވެ. އެހެންވީމާ ހޯމް މިނިސްޓަރު އެހެން ވިދާޅުވެގެން އަންތަރީސްވާކަށް ނުޖެހެ އެވެ. އަދި އަޅުގަނޑު މިހެން ބުނެގެން ގުއް ކިޔާފައި ހޯބޯލަވައި ގޫހަރިޖަހާނެ (މާނައެއް ނެތް ޒުވާބު ކުރުން) ބަޔަކު ނުކުންނާނެ އެވެ. އެކަމަކު އަޅުގަނޑަކަށް އެ އަޑެއް ވެސް ނީވޭނެ އެވެ. އަޅުގަނޑީ ފަހަތުން ހޭރޭ ...ށް ކަހަރުވަކެކޭ ވެސް ހީ ނުކޮށް ދާ މީހާ އެވެ. އެފިކަސީއެއް ނެތަތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް