ކުދި މަތިންދާބޯޓު ޖެއްސޭ ގޮތް ހަދައި، ދެކުނުގެ 4 އަތޮޅު ގުޅާލަނީ

ކުދި މަތިންދާބޯޓު ޖެއްސޭ ގޮތް ހަދައި، ދެކުނުގެ 4 އަތޮޅު ގުޅާލަނީ -- ފޮޓޯ: މޯލްޑިވިއަން

ކުދި މަތިންދާބޯޓު ޖެއްސޭ ގޮތް ހަދައި، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލަން ނިންމައި އިއްޔެ އަގުތައް އާއްމުކޮށްފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކުރި ގޮތުގައި ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އެ އެއާލައިންގެ ދަތުރުތަކުން ގުޅާލަން ވަނީ ނިންމައިފައެވެ. އަދި އެ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހަތަރު އަތޮޅުގެ މެދުގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ކުދި ބޯޓުތައް، އެއްގަމު ރަންވޭތަކަށް ޖެއްސޭހެން ހެދުމަށްފަހުއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެއާޕޯޓު އެޅުމުގެ ބަދަލުގައި ކުދި މަތިންދާބޯޓުތަކަށް ރަށްރަށަށް ޖެއްސޭނެ ގޮތެއް ހޯދަން ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް މިފަހުން ވިދާޅުވެފައި ވަނިކޮށް ފަށާ ޚިދުމަތެކެވެ.

https://sun.mv/215757

އެގޮތުން ފުރަތަމަ ދަތުރުތައް ފަށާކަމަށް އިއުލާނުކުރި ދެކުނުގެ ހަތަރު އަތޮޅުތަކަށް ދަތުރުކުރާ އަގުތަކަކީ:

  • ގަން - ފުވައްމުލަކު: ކޮޅަކަށް 500 ރުފިޔާ
  • ގަން - ކާޑެއްދޫ: ކޮޅަކަށް 900 ރުފިޔާ
  • ގަން - ކޫއްޑޫ: ކޮޅަކަށް 900 ރުފިޔާ
  • ފުވައްމުލަކު - ކާޑެއްދޫ: ކޮޅަކަށް 650 ރުފިޔާ
  • ފުވައްމުލަކު - ކޫއްޑޫ: ކޮޅަކަށް 650 ރުފިޔާ

މޯލްޑިވިއަންއިން ބުނީ މިހާރު އެ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޚިދުމަތަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓެވެ. މި ބޯޓުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެއެވެ.

comment ކޮމެންޓް