ދޫވެފައިވާ ފަރުޟު ރޯދައެއް ވާނަމަ އަވަހަށް ޤަޟާކޮށް، ރަމަޟާން މަހަށް ތައްޔާރުވާން ޚުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒަށް ހުކުރު ނަމާދުކުރަން މީހަކު އަރަނީ: ދޫވެފައިވާ ފަރުޟު ރޯދައެއް ވާނަމަ އަވަހަށް ޤަޟާކުރަން ގޮވާލައިފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދޫވެފައިވާ ފަރުޟު ރޯދައެއް ވާނަމަ އަވަހަށް ޤަޟާކޮށް، ރަމަޟާން މަހަށް ތައްޔާރުވާން މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޝަޢުބާން މަހު ކުރެވޭ ހެޔޮ ޢަމަލު"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ އަހަރެމެން ވޭތުކުރަމުން މިދާ ޝަޢުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށާއި މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށެވެ. އެހެންކަމުން މި މަހު ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވެ، ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ. އަދި މި މަހަކީ ގިނަގުނަ ޘަވާބާއި މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރަމަޟާން މަހަށް ތައްޔާރުވެ، ރޯދަހިފާން ތަމްރީނުވާ މަސްކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މާތް ނަބިއްޔާ ޝަޢުބާން މަހު، ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތައް އެކަލޭގެފާނު ކުރެއްވި ކަމަށެވެ. ނަމަވެސް ހެޔޮ ޢަމަލުކުރުމުގައި، ކީރިތި ރަސޫލާ އިރުޝާދުދެއްވައިފައިވާ މިންގަނޑެއް ވާ ކަމަށާއި، އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެން ނަމަވެސް ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލާއިރު އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މުސްލިމެއްގެ ޙަޔާތުގައި ކުރާ ހުރިހައި ޢަމަލުތަކެއް ވެސް ކީރިތި ރަސޫލާގެ ސުންނަތާ އެއް ގޮތަށްކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީ ވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިޤުތިދާވުމަކީ މުސްލިމުން އިސްކަންދޭންޖެހޭނޭ ކަމެއް ކަމަށާއި، އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރާށެވެ! ހާރުކެއުމާއި، ރޯދަވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ދަސްކުރާށެވެ! ރޯދަ ގެއްލޭ ގޮތްތަކާއި، ގެއްލޭ ރޯދަ ޤަޟާކުރުމުގެ ޙުކުމްތަކާއި، ފިދުޔަދޭން ޖެހޭ ޙާލަތްތަކާއި އޭގެ މިންވަރުތައް ދަސްކުރާށެވެ! ބަލިމީހުންނާއި ޢުޛުރުވެރީން، ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކާއި އެ ނޫން ޙާލަތްތައް ދެނެގަންނާށެވެ! އަދި ތިޔަބައިމީހުންގެ އަނބިދަރީންނަށް އެ ޙުކުމްތައް ދަސްކޮށްދޭށެވެ! ހުކުރު ޚުތުބާ

އެފަދައިން ނަސޭހަތްތެރިވެ ޚުތުބާގައި ބުނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށޭން އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވީމާ ރޯދަހިފުމެއް ނެތް ކަމަށެވެ. ނަމަވެސް އާދަވެ ސުންނަތް ރޯދަ ހިފަމުން އަންނަ މީހަކު، ނުވަތަ ވާޖިބު ރޯދައެއް ހިފާންޖެހިފައިވާ މީހަކު އެ ދުވަސްތަކުގައި ރޯދައަށް ހުރުމަކީ، ހުއްދަކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މުރާދަކީ ހޯމަ ބުރާސްފަތީގައި ރޯދަ ހިފާން އާދަވެފައިވާ މީހާ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހާ އެއިން ދުވަހެއް ދިމާވިޔަސް އެ ދުވަހު ރޯދައަށް ހުރުކަމީ ހުއްދަކަމެއް ކަމަށެވެ.

ޝަޢުބާންމަހަކީ ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސްކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވެއެވެ. އޭގެ ކުރީން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލްއަޤްޞާއެވެ.

ޚުތުބާގައި ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެ، ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލުމަށް އެދިފައެވެ. އަދި ރަމަޟާންމަހަކީ، އިސްރާފުކުރުން ގިނަ މަހަކަށް ނުހެދުމަށާއި، ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހެދުމަށް ވަނީ ގޮވާލައިފައެވެ. އަދި ރޯދަމަހު ޞަދަޤާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަނެ، ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެން ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ހަމައެއާއެކު ޚުތުބާގައި ވަނީ ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ނަސޭހަތްތެރިވެފައެވެ.

ރަމަޟާންމަހަކީ، ކީރިތި ޤުރުއާނުގެ މައްސަރުކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެ މަހަކީ ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ މަހަކަށް ހަދައި، ހުރިހާ ޢަމަލުތަކެއް ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާ އެއް ގޮތަށް ބައްޓަންކުރަން އެދިފައެވެ. އަދި ރޯދަމަހަކީ ގިނަގުނަ ދީނީ ދަރުސްތައް ދެވޭ މަހެއް ކަމުން އެ ދަރުސްތަކަށް ވަގުތު ހުސްކޮށް، އެ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެހެނީ އިންސާނުންނަކީ އަބަދާއި އަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް