އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި، ގާފަރު، އިސްދޫ، މަހިބަދޫއަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅު ޗެމްޕިއަން ތިމަރަފުށިން އުފާފާޅުކުރަނީ-- ފޮޓޯ: އިމޭޖަސް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އަތޮޅު ބުރުގެ ޗެމްޕިއަންކަަން ތ. ތިމަރަފުއްޓާއި ކ. ގާފަރު، ލ. އިސްދޫ އަދި އދ. މަހިބަދޫން ހޯދައިފިއެވެ.

މުބާރާތުގެ އަތޮޅު ބުރުގައި ހިމެނޭ ހަތަރު އަތޮޅެއްގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، އަތޮޅު ބުރުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދީ ރޭ ކިނބިދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ތިމަރަފުށީގެ ދެ ލަނޑު ޖެހީ އާދަމް ނާސިހު (އާދަންނާ) އާއި އަހުމަދު އަފްލާޒެވެ. ކިނބިދޫގެ ހަމައެކަނި ލަނޑު ޖެހީ އަތޮޅު ބުރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމުވެސް ހޯދި މުހައްމަދު ޝާފިއުއެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފްލާޒެވެ.

މުބާރާތުގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގާފަރުން އުފާފާޅުކުރަނީ-- ފޮޓޯ: އިމޭޖަސް

މުބާރާތުގެ ކ. އަތޮޅުގެ ޗެމްޕިއަންކަަން ގާފަރުން ހޯދީ މާފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ އަތޮޅު ތަށި އެ ރަށުން ހޯދި ހަތަރުވަނަ ފަހަރެވެ. މެޗުގައި ގާފަރުގެ ދެ ލަނޑު ޖެހީ ކ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދި ސާމިން މުހައްމަދު ނަސީރުގެ އިތުރުން އަލީ މާއިސް (މައްޓު) އެވެ.

އަތޮޅުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަށް ހޮވުނީ މާފުށީގެ ހުސައިން ރިފާނާއި ދިއްފުށީގެ އަހުމަދު މާޒިންއެވެ.

އެންމެފަހުގެ ޗެމްޕިއަން އިސްދޫން ތަށި ދިފާއުކުރީ މިދިޔަ އަހަރުވެސް ފައިނަލުގައި ވާދަކުރި ގަމާ ވާދަކޮށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

މުބާރާތުގެ ލ. އަތޮޅު ޗެމްޕިއަންކަން ހޯދި އިސްދޫ ޓީމު-- ފޮޓޯ: އިމޭޖަސް

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 1-1 ގައެވެ. އެހެންކަމުން ޕެނަލްޓީގައި އިސްދޫން ކުރި ހޯދާފައިވަނީ 7-6 ގެ ނަތީޖާއަކުންނެވެ.

ގަމުން ފުރަތަމަ ލީޑު ނެގި މެޗުގައި ލަނޑު ޖެހީ އަހުމަދު އަޖުވަދެވެ. އޭގެފަހުން އިސްދޫއަށް އެއްވަރުކޮށްދިނީ އަލީ ހުމޭޒެވެ. ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އަލީ މީސާގު އީސައެވެ.

މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ހޯދީ އޮމަދޫގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަހިބަދޫ-- ފޮޓޯ: އިމޭޖަސް

މަހިބަދޫގެ ގޯލްތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ޝުއައިދު ސައީދުގެ އިތުރުން މުހައްމަދު އަފްލާމް އަލީ، އިބްރާހީމް ޝާތިރުގެ އިތުރުން އިސްމައީލް ނަޒީރެވެ. އޮމަދޫގެ ދެ ގޯލްވެސް ޖެހީ އަބްދުﷲ ނާހިލްއެވެ.

އދ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ދަނގެތީގެ އަހުމަދު ސުދައިސް އަލީއެވެ. އަދި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޮމަދޫގެ އަލީ ޝާޒް ހިލްމީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު