ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓި، އެމްޕީއެލް މުވައްޒަފަކު މަރުވެއްޖެ

އެމްޕީއެލް ސަރަހައްދު: ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މުވައްޒަފަކު ވަނީ މަރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު ޕޯޓްސް ކުންފުނި އެމްޕީއެލްގެ މުވައްޒަަފަކަށް ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެއެވެ.

އެމްޕީއެލްއިން ބުނީ، ޑިއުޓީގައި ހުރި މުވައްޒަފަކު ފިޓުޖެހިގެން މޫދަށް ވެއްޓުނީ ކަމަށެވެ. އެ މީހާ މަރުވީ، މޫދުން ނަގައިގެން ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:46 އެހާކަންހާއިރެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި ޑިއުޓީގައި ހުއްޓާ މަރުވީ އެމްޕީއެލްގެ މުވައްޒަފު، ގއ. ދެއްވަދޫ، ދެކޮނުގެ، އަމީން ޢަބްދުލްޙަމީދެވެ. އޭނާ މަރުވިއިރު އުމުރުން 30 އަހަރެވެ.

ފުލުހުން ބުނީ، ފިޓުޖެހިގެން އެ މީހާ ވެއްޓުނީ ދެ ޓަގުބޯޓު ދޭތެރެއަށް ކަމަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

އެމްޕީއެލްއިން ވަނީ އެންމެހާ މުވައްޒަފުންގެ ނަމުގައި ނިޔާވި މުވައްޒަފުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް