އިންޑިއާ ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން އިންޑިއާ ބަލިކުރި މެޗަށްފަހު ޓީމުގެ ކެޕްޓަން އިންމި އާއެކު ޓީމުގެ ކުޅުންތެރިން-- ފޮޓޯ: ސިޑިބަރި

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށް ބެލެވުނު އިންޑިއާ ބަލިކޮށް ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަމާ ގާތަށް ޖެހިއްޖެއެވެ.

ތައިލެންޑްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު އިންޑިއާގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އިންޑިއާއިން އަވަސް ކުޅުމަކާއެކު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ރާއްޖެއިން ވަނީ އޭގެފަހުން މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.

ރާއްޖެއިން ލީޑު ނެގި ލަނޑު ޖެހީ ކެޕްޓަން މުޙައްމަދު އިމްރާާން (އިންމި) އެވެ. އޭގެ ފަހުން އަބްދުﷲ ޝާފިއު (ޝާއްޕެ) ރާއްޖެއަށް ލީޑު ފުޅާކޮށްދިން އިރު، ތިންވަނަ ލަނޑު ޖެހީ އަލީ ޝަމާލް ޢަބްދުﷲ އެވެ. އަދި ހަތަރުވަނަ ލަނޑު އިންމި ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ޖެހީ އަހުމަދު ހަމީދެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތީ ޖުމްލަ 9 ޕޮއިންޓާއެކު އެވެ. އަދި ފައިދާ 16 ލަނޑާއެކު އެވެ.

އެންމެ އުނދަގޫ މެޗެއްގެ ގޮތުގައި މުޅި ރާއްޖެއިންވެސް ގަބޫލުކުރީ އިންޑިއާ މެޗެވެ. ނަމަވެސް މި މެޗު ކާމިޔާބުކުރުމާއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ތަށި ހޯދުމަށް ބޮޑު އުންމީދެއް ލިބިފައެވެ.

ޖުމްލަ ހަ މެޗުގެ ތެރެއިން މިހާތަނަށް ތިން މެޗުން މޮޅުވެފައެވެ. މި މެޗުން ބަލިވި އިންޑިއާއަށް މުބާރާތުގައި އަދި މޮޅެއް ނުލިބެއެވެ. އެ ޓީމު ވަނީ ނޭޕާލާ ބަންގްލަދޭޝް އަތުން އެއްވަރުވެފައެވެ. ބަލިވީ ރާއްޖެ އަތުންނެވެ.

ރާއްޖެ އަށް ދެން އޮތީ ބުރާސްފަތި ދުވަހު ނޭޕާލާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ބޫޓާނާ ކުޅޭ މެޗުގެ އިތުރުން އަންނަ ހަފްތާ ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު