އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި ކުރިއަރާފައިވާ އޯޕަންއޭއައިއިން އެ ކުންފުނީގެ 'ޗެޓްޖީޕީޓީ ޕްލަސް' ސަބްސްކްރިޕްޝަން އެއް މަސް ދުވަހަށް ހިލޭ ބޭނުންކުރުމުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއީ އެ ކުންފުނީގެ މައި ސަބްސްކްރިޕްޝަން ޕްލޭން މިގޮތަށް ހިލޭ ދޫކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ މަދު ދުވަސްކޮޅަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މި ފުރުސަތު މިހާރު އިންޑިއާއާއި އެމެރިކާގެ ބައެއް ޔޫޒަރުންނަށް ލިބޭކަން ޓެކްނޮލޮޖީ ޚަބަރުތައް ފަތުރާ ވަސީލަތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ތިބި މީހުންނަށް ވެސް އެ މީހަކު ހުރި ސަރަހައްދަކަށް މި ޕްރޮމޯޝަން ލިބޭގޮތް ދަނީ ހަދަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

މިޚިދުމަތް ލިބިގަތުމަށް ކްރެޑިޓްކާޑުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ---
މި ޕްރޮމޯޝަންގެ ދަށުން ކުރިން ސަބްސްކްރިޕްޝަން ބޭނުންކޮށްފައިވާ ފަރާތްތަކާއި އަލަށް ބޭނުންކުރަން ފަށާ ފަރާތްތަކަށް ވެސް އެއް މަސް ދުވަހަށް ހިލޭ ޗެޓްޖީޕީޓީ ޕްލަސްގެ ފައިދާ ލިބޭނެއެވެ. ނަމަވެސް، އިންޑިއާގައި 'ޗެޓްޖީޕީޓީ ގޯ' ޕްލޭން އެއް އަހަރަށް ހިލޭ ބޭނުންކުރާ ފަރާތްތަކުން ޕްލަސްއަށް އަޕްގްރޭޑް ކޮށްފިނަމަ، އެއް މަސް ފަހުން އަލުން ކުރީގެ ޕްލޭނަށް ނުދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހިލޭ ޓްރަޔަލް ހޯދުމަށްޓަކައި ކްރެޑިޓް ކާޑު ނުވަތަ ފައިސާ ދައްކާ އެހެން ވަސީލަތެއްގެ މައުލޫމާތު ހިއްސާކުރަން ޖެހެއެވެ. މިގޮތަށް މައުލޫމާތު ހިއްސާކުރުމުން، އެއް މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސަބްސްކްރިޕްޝަން ކެންސަލް ނުކޮށްފިނަމަ، ދެން އަންނަ މަހުގެ ފީ އޮޓޯއިން ކަނޑާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.
ޗެޓްޖީޕީޓީ ޕްލަސް ސަބްސްކްރިޕްޝަނަކީ އާންމުކޮށް މަހަކު ގާތްގަނޑަކަށް 300 ރުފިޔާއަށް ނުވަތަ 20 ޑޮލަރަށް ވިއްކާ ޕްލޭނެކެވެ. މީގެ ދަށުން އެންމެ ފަހުގެ އޭއައި މޮޑެލްތަކާއި، ސޯރާ މެދުވެރިކޮށް ވީޑިއޯ އުފެއްދުމުގެ ފުރުސަތާއި، ކޯޑު ކުރުމަށް އެހީތެރިވާ ކޯޑެކްސް ފަދަ ޚާއްސަ ފީޗާތައް ބޭނުންކުރެވޭނެއެވެ.
މި ޚަބަރު ފުރަތަމަ އާންމުކުރީ އޭއައިޕީއާރުއެމްގެ އިންޖިނިއަރެއް ކަމަށްވާ ޓިބޯ ބްލާހޯ އެކްސް މެދުވެރިކޮށެވެ. މިއީ އޯޕަންއޭއައިއިން އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ގިނަ ބަޔަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.