ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީން ނިންމައިފި

ޤާސިމް ރައީސް ޑރ. މުޢިއްޒާ ސަލާމްކުރައްވަނީ: ޖޭޕީން ނިންމީ ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ތާއީދުކުރަން -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އޭޕްރިލް މަހު އޮންނަ ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން މިއަދު ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން 'ސަން'އަށް މިއަދު ބުނީ، އެ ޕާޓީގެ ކައުންސިލުން ނިންމީ އދ. މާމިގިލީގެ ކައުންސިލަށް ވާދަކުރުމަށް އެކަނި ކަމަށާއި، އެހެނިހެން ރަށްރަށުން ޕީއެންސީން ނެރޭ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ތާއީދުކުރުމަށް ކަމަށެވެ.

މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޤާސިމް އިބްރާހީމްގެ ރަށެވެ.

އެ ނިންމުން ޕީއެންސީއަށް ރަސްމީކޮށް އަންގާނެ ކަމަށް ވެސް، ޖުމްހޫރީ ޕާޓީން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކައުންސިލް އިންތިޚާޞުގައި ޕީއެންސީއަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން ނިންމި ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު، ޤާސިމް ދަނީ ޕީއެންސީއާއެކު މަސައްކަތްކުރައްވަމުންނެވެ. ސަރުކާރާއެކު ހުންނަވާކަން ހާމަކުރެއްވުމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވަމުންނެވެ.

އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލު އިންތިޚާބުގައި ދެން ވާދަކުރަނީ އިދިކޮޅު އެމްޑީޕީއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އޭރު ތިއްބެވި ދަ ޑިމޮކްރެޓްސްއިން ވެސް ކައުންސިލު އިންތިޚާބުގައި ވާދަކުރާނެކަން އެ ޕާޓީން ވަނީ އިއްޔެ ހާމަކޮށްފައެވެ.

comment ކޮމެންޓް