އެފްރިކާގެ ޗެމްޕިއަންކަން ސެނެގޯލަށް، މޮޅު ކުޅުންތެރިއަކަށް މާނޭ

އެފްރިކަން ކަޕުގެ ޓްރޮފީއާއެކު މާނޭ--

އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގޯލުން ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެ ގައުމު ތަރި ސަޑިއޯ މާނޭ ހޮވިއްޖެއެވެ.

މުބާރާތް ބޭއްވި ގައުމު މޮރޮކޯއާ ވާދަކޮށް ސެނެގޯލުން ވޭތުވެދިޔަ ފަސް އަހަރުގެތެރޭ ދެވަނަ ފަހަރަށް އެފްރިކާގެ ތަށި އުފުލާލީ 1-0 ގެ ނަތީޖާއަކުން އެ ގައުމު ބަލިކޮށްގެންނެވެ.

ސެނެގޯލުން ވަނީ މީގެކުރިން 2021 ވަނަ އަހަރު ބޭއްވި މުބާރާތުގައި މިސްރު ބަލިކޮށް ތަށި އުފުލާލާފައެވެ.

މިއީ މޮރޮކޯއަށް ހިތްދަތި ނަތީޖާއެކެވެ. ބައި ގަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެފްރިކާގެ ތަށި އުފުލާލުމުގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ފުރުސަތު ލިބުމަަށްފަހު އެ ފުރުސަތު އަތުން ދޫވީއެވެ.

ސެނެގޯލުން ރޭގެ ފައިނަލު މެޗުން މޮޅުވެފައިވަނީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ.

އެފްރިކަން ކަޕުގެ ޗެމްޕިއަންކަން ހޯދި ސެނެގޯލް ޓީމު--

މޮރޮކޯއަށް މެޗު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް ވަނީ ލިބިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅޫނު އިތުރުވަގުތުގެ ތެރޭގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އެ ޕެނަލްޓީ ލިބުމާއެކު ސެނެގޯލުގެ ކުޅުންތެރިން ދަނޑު ދޫކޮށްދިޔައެވެ. އަދި ސެނެގޯލުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގިއެވެ.

އޭގެފަހުން އާންމު ހާލަތަކަށް ދިޔައީ ރެފްރީ ޕެނަލްޓީ ދިންތާ 24 ވަރަކަށް މިނެޓުފަހުންނެވެ. އެއީ ސެނެގޯލް ޓީމު އެނބުރި ދަނޑުމައްޗަށް އައުމާއި އެކުގައެވެ. ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަލްޓީ ދިޔައީ ސެނެގޯލްގެ ކީޕަރު އެޑުއާޑް މެންޑީ އަތަށެވެ.

މެޗުން ސެނެގޯލް މޮޅުވި ލަނޑުޖެހީ އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުރީކޮޅު ޕާޕޭ ގާއި އެވެ. އޭގެފަހުން މޮރޮކޯއަަށް ނަތީޖާ ހަމަހަމަކުރުމުގެ ފުރުސަތެއް ލިބުނެވެ. ނައީފް އެގާޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މޮރޮކޯއިން އެންމެފަހުން އެފްރިކަން ކަޕު އުފުލާލީ 1976 ގައެވެ. އެ ގައުމަށް ވަނީ މިފަހަރުގެ ފެއާޕްލޭ ޓީމުގެ މަގާމު ލިބިފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަޑިއޯ މާނޭ އެވެ. އެއާއެކު އޭނާ ވަނީ މިއީ އެންމެ ފަހު އެފްރިކަން ކަޕް ކަމަށް އިއުލާނުކޮށްފައެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު