އެންމެން 2016އިގެ ފޮޓޯތައް ޕޯސްޓުކުރަނީ ކީއްވެ؟

2016 ވަނަ އަހަރުގެ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ވަރުގަދަ ޓްރެންޑެއް ވަނީ ފެށިފައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު މިދިޔަ ހަފްތާގައި މުޅިން ވެސް ފެނުނީ މީގެ 10 އަހަރު ކުރީގެ ހަނދާންތައް އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަން ފެށި ތަނެވެ.

ގިނަ ބަޔަކު 2016އިގެ އެކި ހަނދާންތައް އާ ކުރަމުން އެ އަހަރުތެރޭ ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކުރަން ފެށީ '2026 އިޒް ދަ ނިއު 2016' މި ކެޕްޝަނާ އެކުއެވެ. މިކަން އެންމެ ފަހުން ޓްރެންޑްވެ، ވަރަށް ގިނަ ފިލްމީ ފަންނާނުން ވެސް ވަނީ އެ މީހުންގެ 2016 ވަނަ އަހަރުގެ ހަނދާންތައް އިންސްޓަގްރާމްގައި އާކޮށްފައެވެ.

ގިނަ ބަޔަކު އެމީހުންގެ ކުރީގެ އައިފޯންއިން ނަގާފައިވާ ނުސާފު ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން މީގެ 10 އަހަރު ކުރިން އެ މީހުން ތިބި ގޮތާއި މިހާރު އައިސްފައިވާ ބަދަލުތައް އަޅާކިޔާފައިވެއެވެ.

ބޮލީވުޑް ބަތަލާ އާލިއާ ބަޓް 2016ވަނަ އަހަރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި--ފޮޓޯ/ހިންދުންސްތާން ޓައިމްސް

ހަމައެއާއެކު މީގެ އެތައް އަހަރެއް ކުރިން ސްނެޕްޗެޓްގެ އިހުގެ ފިލްޓާތައް ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތައް ފެނުމުން މިހާރު ހިނި އަންނަ ކަމަށާއި ނަމަވެސް އެއީ އުފާވެރި ފޮނި ހަނދާންތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މިހާރު ކޮންޓެންޓް އުފައްދަމުން އަންނަ ގިނަ ބަޔަކު ވެސް މީގެ 10 އަހަރު ކުރީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އެއީ މާ ބޮޑު ހާސްކަމެއްނެތި ވަރަށް 'ކެއާ ފްރީ' ދިރިއުޅުމެއް އުޅުނު އަހަރެއް ކަމަށެވެ.

ހަމައެއާއެކު އޭރު އެކީގައި އުޅުނު ރަހްމަތްތެރިންނާއި ހަޔާތުގައި 2016 ވަނަ އަހަރު ހިނގާފައިވާ އުފާވެރި އަދި ހިތާމަވެރި ހަނދާންތައް އާ ކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ ނޭނގި ތިއްބާ ދިރިއުޅުމަށް އަންނަ ބަދަލު އިހުސާސް ވެސް ކޮށްނުލެވޭ ކަމަށާއި އެފަދަ ހަނދާންތައް އާކޮށްލަން މިހާރު ބޭނުންވަނީ ބަޔަކު މީހުން އީޖާދުކުރާ ޓްރެންޑެއް ކަމަށެވެ.

ބޮލީވުޑް ބަތަލާ އަނަނިޔާ ޕާންޑޭ 2016ވަނަ އަހަރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި--ފޮޓޯ/ހިންދުންސްތާން ޓައިމްސް

މި ޓްރެންޑަށް ލިބުނު ތާއީދު ހާމަކުރަމުން ބީބީސީއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ހަފްތާގެތެރޭ ޓިކްޓޮކް ބޭނުންކުރާ މީހުންގެ 452 އިންސައްތަ މީހުން ވަނީ "2016"ގެ ވީޑިއޯތައް އެ ޕްލެޓްފޯމްއިން ހޯދަން މަސައްކަތްކޮށްފައި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް