ނެޓްފްލިކްސްއިން ގެނެސްދިން ދެކުނު ކޮރެއާގެ މަޝްހޫރު ވެބް ސީރީސް "ސްކްއިޑް ގޭމް"ގެ މޭސްތިރިޔާ ހުވަންގް ޑޮންގް-ހީކް މުޅީން އާ ސީރީސްއަކަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ދަ ހޮލީވުޑް ރިޕޯޓާގައި ބުނެފައިވާ ގޮތުން ހުވަންގް ޕްރޮޑިއުސްކޮށް އަލަށް ޑައިރެކްޝަނަށް ނުކުންނަ ޗޮއި ޔަންގް-ވަން އުފައްދާ މި ސީރީސްގެ ނަމަކީ "ދަ ޑީލާ"އެވެ.
ކުރިން ސިނެމަޓޮގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޗޮއި ޔަންގް މަސައްކަތްކޮށްފައިވާ މަގުބޫލު ކޮރެއަން ފިލްމުތަކުގެ ތެރޭ "ސްމަގްލާސް"، "ވެޓަރަން" އަދި "ތައްޒާ: ދަ ހައި ރޯލާސް އެންޑް ތީވްސް" ހިމެނެއެވެ. ހުވަންގް އާ ސީރީސްއަކަށް ތައްޔާރުވަމުން އަންނަކަން މިދިޔަ ބުދަ ދުވަހު ނެޓްފްލިކްސްއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

"ދަ ޑީލާ" ގެ ކާސްޓުން--ފޮޓޯ/ދަ ހޮލީވުޑް ރިޕޯޓަ
"ދަ ޑީލާ" ސީރީސްގެ ވާހަކަ ބިނާކޮށްފައިވަނީ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކެސީނޯ ޑީލަރަކު ހައުސިންގް ފްރޯޑް ސްކީމެއްގެ މަޅީގައި ޖެހި އެކަމުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ސީރީސްގެ ކާސްޓުގައި ސައުތު ކޮރެއާގެ ހައި ޕްރޮފައިލް ފިލްމީ ތަރިން ހިމެނޭނެއިރު އޭގެތެރޭގައި ޖަގް ސޯ-މިން، ރިއޫ ސިއަންގް-ބަމް، ލީ ސޫ-ހީކް އަދި ރިޔޫ ކިޔުންގް-ސޫ ހިމެނެއެވެ.
މި ސީރީސް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް ނެޓްފްލިކްސްއިން އިއުލާންކޮށްފައި ނެތް ނަމަވެސް ސީރީސްގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ތިން ސީޒަނަކަށް ބަހާލައިގެން ހުވަންގް ޑޮންގް-ހީކް ނެޓްފްލިކްސްއަށް ތައްޔާރުކޮށްދިން "ސްކްއިޑް ގޭމް"އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ސީރީސްއެކެވެ.
އެންމެ ފަހު ސީޒަން ނެރުނު ފުރަތަމަ ތިން ދުވަހުގެ ތެރޭ 60.1 މިލިއަން ވިއުސްއާ އެކު ނެޓްފްލިކްސްގެ ޓޮޕް 10 ޗާޓުން "ސްކްއިޑް ގޭމް" ޖާގަ ހޯދައި އާ ރިކޯޑެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ހުވަންގް ޑޮންގް-ހީކް އަލަށް އުފައްދާ "ދަ ޑީލާ"އަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.