ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން މި އަހަރުގެ އޮގަސްޓް މަހު މުޅިން އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ ހުނަރުވެރި ފިލްމު އުފެއްދުންތެރިން ކަމަށްވާ ރާޖް އާއި ޑީކޭ ގުޅިގެން ގެނެސްދޭ އެކްޝަން ކޮމެޑީއެއް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.
މައިތްރީ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ސުލްތާން މީޓްސް ޕުޝްޕާ" ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވެއެވެ.
އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީސްތައް ކަމަށްވާ "ފެމިލީ މޭން" އަދި "ފަރުޒީ" ފަދަ މަގުބޫލު ވެބް ސީރީސް ގެނެސްދީފައިވާ ރާޖް އާއި ޑީކޭއާ އެކު މިއީ ސަލްމާން މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.

ސަލްމާން ޚާން ފިލްމު "ދަ ބެޓްލް އޮފް ގަލްވާން"ގައި ކުޅޭ ކެރެކްޓާ ދައްކާލި ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ފިލްމު "ސުލްތާން މީޓްސް ޕުޝްޕާ"ގެ ސްކްރިޕްޓް އަޑު އެހުމަށްފަހު ފިލްމުގެ ނެރޭޝަން ސަލްމާނަށް ވަރަށް ބޮޑަށް ވަމީ ކަމުގޮސްފައެވެ. އެހެންވެ ވަގުތީގޮތުން ސަލްމާން ވަނީ ފިލްމަށް ވަގުތު ހުސްކުރުމަށް ވެސް އެކްޓަރުގެ ކަލަންޑަރުގެ ބައެއް ދުވަސްތައް ހުސްކޮށްފައި ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.
މި ފިލްމަކީ މައިތްރީ ޕްރޮޑަކްޝަންސްއިން ގެނެސްދޭ ފިލްމަކަށްވީ ނަމަވެސް ރާޖް އާއި ޑީކޭއާ އެކު ފިލްމު ގެނެސްދިނުމުގައި ސަލްމާން ވެސް ހިއްސާވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ފިލްމާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިމި ފިލްމާ ބެހޭގޮތުން ރަސްމީ ބަހެއް އެކްޓަރުގެ ފަރާތުން ލިބޭނީ މި އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ސަލްމާންގެ ފިލްމު ބެލުންތެރިންނަށް ގެނެސްދެވުމުން ކަމަށް ބޮލީވުޑް ހަންގާމާގައި ބުނެފައިވެއެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ދަ ބެޓްލް އޮފް ގަލްވާން" ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ.