ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރުމުން ބުނީ ވާހަކަ ދައްކަން ބޭނުމެއް ނޫނޭ!

ކުށެއްގެ ތުހުމަތުގައި ފުލުހުން ކުރިން ހައްޔަރު ކުރި ބައެއް: ފޮޓޯ: ސަން

ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެއްސަކު, އޭނާ އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ކޯޓުގައި އިއްޔެ ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ, ލ. މުންޑޫއަށް ނިސްބަތްވާ, 43 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމުގެ މައްސަލައާ ގުޅިގެން 15 ދުވަހަށް ޖަލުގައި ބަންދު ކުރަން އަމުރު ކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް ޖިނާއީ އިޖުރާއަތާ ގުޅޭ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާތްތަކާ އެއްގޮތަށް ކަމަށް އަމުރުގައިވެއެވެ.

ކޯޓުގައި އޭނާ ބުނެފައިވަނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

މީނާ ކުރި ކަމަށް ބުނާ ވައްކަމާއި ނެގި ތަކެތީގެ ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތަކެވެ. ގިނަ ވައްކަންތައް ގުޅިފައި ހުންނަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާއެވެ.

comment ކޮމެންޓް