ބައްޕަ ނިޔާވުމުގެ ކުރިން ދޮންމަންމަ ވަރިކުރިކަން ސާބިތުކުރަން އެންމެ ފަހުން ސުޕްރީމް ކޯޓަށް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައްޕަ ނިޔާވިއިރު ދޮންމަންމަ ހުރީ ވަރިކޮށްފައިކަން ސާބިތުކުރަން ދަރިއަކު އެންމެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއްކަމުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތުވަނީ ސިއްރުކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ މައްސަލަ ނިންމިއިރު، ރައުޔު ތަފާތުވެފައެވެ.

މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ. އެކަމަކު، ސުޕްރީމް ކޯޓަށް މި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ.

ފެމެލީ ކޯޓަށް 2024 ވަނަ އަހަރު ހުށަހެޅި މި މައްސަލައަކީ، 2021 ވަނަ އަހަރު، ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ ނިޔާވުމުގެ ހަތް ދުވަސް ކުރިން ދެ ފިރިހެނުން ހެކިކޮށް އޭނާގެ އަންހެނުން ވަރިކޮށް އަދި އެކަން ޑޮކިއުމެންޓްކޮށް، ލިޔެ ސޮއިކޮށްފައިވާ މައްސަލައެކެވެ.

ނިޔާވި މީހާގެ ދަރިން، މި މައްސަލައިގައި ސިވިލް ކޯޓަށް ދިޔައީ އެ ލިޔުމަށް ރިއާޔަތްކޮށް އޭނާގެ ބައްޕަ، އަނބިމީހާ ވަރިކޮށްފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށެވެ. އެއީ ނިޔާވި ބައްޕަގެ ތަރިކައިގެ މައްސަލަ ހިނގަމުން ދިޔަ ދުވަސްވަރެވެ. އެހެންވެ، ބައްޕަ ނިޔާވިއިރު، އަންބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުން އޮތީ މުހިންމުވެފައެވެ.

ނަމަވެސް، މައްސަލަ ރައްދުވާ އަންހެން މީހާ ފެމެލީ ކޯޓުގައި ބުނީ ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފިރިމީހާ ނިޔާވި ފަހުން، އޭނާގެ ތަރިކައިން އަންހެން މީހާއަށް ނުދިނުމުގެ ބޭނުމުގައި ކަމަށެވެ.

ފެމެލީ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ދައުވާ ފޯމް ބާތިލުކޮށްގެނެވެ. އެއީ، އެ މައްސަލައަކީ މީހަކު ނިޔާވުމަށް ފަހު، ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގު ފަހިވެދާނެކަމެއް ކަމަށް ބުނެއެވެ.

އެ ނިންމުން ދަރިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން ނިންމީ، ފެމިލީ ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.

comment ކޮމެންޓް