މި ފެންނަނީ އަނެއްކާ ވެސް އަވައްޓެރިއަކާ ގުޅުން ގޯސްވުމުގެ ކޮޅުމަތިތަ؟

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ނުރުހުމާއި ރުޅިވެރިކަން ވަނީ އުފެދިފައި --

ދިވެހި ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ހަމަ ކުއްލިއަކަށް މި ވިދާޅުވީ ހާދަހާ ބޮޑު ވާހަކަފުޅެކެވެ. ދިގު މުއްދަތަށް ލަންކާގައި އުޅެން ބޭނުންވެގެން އަންނަ ދިވެހީންނަށް ވިސާ ހޯދުމުގައި އެތައް ތުރާލެއް ކުރިމަތިކުރުވާ ވާހަކައެވެ. ދިވެހީންނާ މެދު "ދޮންމަންމަ"އެއް ކަންކުރާ އުސޫލުން އަމަލުކުރާ ވާހަކައެވެ.

ދިވެހީންނަށް އެ ދަތިތައް ތަކުރާރުކުރުވާނަމަ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ހަރުކަށި ކުރާނެ ކަމުގެ އިންޒާރެވެ.
އިއްޔެ ނޫސްތަކުގެ ފަލަ ސުރުޚީގައި މުޅިން އޮތީ އެ ވާހަކައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަވައްޓެރި ސްރީލަންކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، ސަފީރު މަސްއޫދު އެ ދެއްވީ ހާދަހާ ބޮޑު އިންޒާރެކެވެ. އެއީ ރާއްޖެ ތަމްސީލުކުރައްވައި، ދިވެހީންގެ މަސްލަހަތު ލަންކާގައި ކުރިއަރުވަން ހުރި ދިވެހި ދައުލަތެއްގެ ޑިޕްލޮމެޓެއްގެ ވާހަކަތަކެވެ.

https://sun.mv/216434

"އިންޑިއާ އައުޓް" ކެމްޕޭނުގެ ޖަޒުބާތުގައި ތިއްބެވި މި ސަރުކާރުގެ އިސް އެކްޓިވިސްޓުންތަކެއްގެ ސަބަބުން، އަވައްޓެރި އިންޑިއާ އެކު އޮތް ގުޅުން "މޫނުކެނޑޭ" ހިސާބަށް ދިޔަ ދުވަސްވަރުގެ ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެ ލަކުނު އަދިވެސް ނުފިލައެވެ. އެ ގޯހުގެ ތެރެއަށް "ބުލީ" ގެ ވާހަކައާއެކު ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް ގޯސްތަކެއް ހެއްދެވުނެވެ.

އެ ލަކުނުގެ ކުރަމަގާލިގަނޑު ނުފިލަނީސް މި ކުރިމަތިވީ އެފަދަ އަނެއް މައްސަލައެވެ. ފަސްދޮޅަސް އަހަރުވީ ރާއްޖެ، ލަންކާ ގުޅުމުގެ ސާފު ހުދު ފޮތިގަނޑުގައި މި ޖެހުނީ ލައްގަނޑެކެވެ.

މިއީ އަނެއްކާ ވެސް އަވައްޓެރިއަކާ އެކު އޮތް ގުޅުން ހީނަރުވުމުގެ ކޮޅުމަތިތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ.

ދިވެހީންނަށް ލަންކާ ޚާއްސަ

ދިވެހީންނަށް ސްރީލަންކާއަކީ އަަބަދުވެސް ޚާއްސަ ގައުމެކެވެ. ނައު ބައްތެލީގައި ދިވެހީން ކޮޅުނބަށް ދަތުރުކުރި ޒަމާނުގެ ވާހަކައަކީ ތާރީޚުގައި ފެންނަން ހުރި ވާހަކަތަކެވެ. ކުރީއްސުރެ، ވިޔަފާރީގެ ގުޅުން އެ ގައުމާ އެކު އައީ ބާއްވަމުންނެވެ. ތައުލީމަށް ބެލި ނަމަވެސް، ލަންކާއަށް ގޮސް އެ ގައުމުގެ ސްކޫލުތަކާއި ޔުނިވާސިޓީތަކުން ކިޔެވި އެތައް ދިވެހީންނެއް އެބަތިއްބެވެ. ދިވެއްސެއްގެ މަދަރަސީ ދައުރު ނިމޭނީ ލަންކާ ޓީޗަރެއްގެ ފަރާތުން ކޮންމެވެސް އިލްމެއް އުނގެނިގެންނެވެ. ފަތުރުވެރިންގެ ގޮތުގައި އެ ގައުމުގެ ސައިފަތް ދަނޑުތައް ބަލައިލަން ނުދާ ދިވެހީން މަދުވާނެއެވެ.

ސަގާފީ ގޮތުންނާއި، ވިޔަފާރިއާއި ތައުލީމާއި ސިއްހަތުގެ ރޮނގުން ދިވެހީންނާއި ލަންކާ ރައްޔިތުން ދެމެދު ވެސް އޮތީ ވަރަށް ގާތް އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.

ދިތުވާ ތޫފާނާއެކު ދިވެހީންވީ އެހީއަށް ޓަކައި ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އިޔާދު

މި ޒަމާންވީ ގުޅުމުގެ ވަރުގަދަކަމުގެ ހެކި ވަރަށް ފަހުން ވެސް ފެނިއްޖެއެވެ. ލަންކާގެ ބޮޑު ސަރަހައްދެއް، ތޫފާން ދިތުވާގައި ފެނު އަޑިއަށް ދިއުމުން އެންމެ ބޮޑު އެހީތެރިކަމެއްވީ ހަމަ މި "ކުޑަކުޑަ" ރާއްޖެއެވެ. އެންމެ ފުރަތަމަ އެކަމަށް އިސްނަގައި ދުނިޔެއަށް މިސާލު ދެއްކީ ވެސް ރާއްޖެއެވެ. އެކަން ޚުދު ލަންކާ ރައްޔިތުން ވެސް ބަލައިގަތީ ޝުކުރުވެރިކަމާ އެކުގައެވެ. މިއީ މި ޒަމާންވީ ގުޅުމުގެ ވަރުގަދަކަމުގެ ހެއްކެކެވެ.

ޖިއޯޕޮލިޓިކަލް ނަޒަރަކުން ވިސްނާއިރު ސްރީލަންކާއަކީ ރާއްޖެއިން ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެއް، ނުވަތަ ސިފަތަކެއް ވެސް ފެންނަ ގައުމެއް ނޫނެވެ. އަވައްޓެރި ބައެއް ބޮޑެތި ގައުމުތަކާ ޚިލާފަށް އެއީ ދުނިޔޭގެ އާރާއިބާރު ހޯދައި، ބޮޑު ބާރަކަށްވުމުގެ ބޮޑު ހުވަފެން ދުށުމުގެ ބަދަލުގައި އަމިއްލަ އިގްތިޞާދު ކޮޅަށް ޖަހައި، ސަރަހައްދީ ގައުމުތަކާ ގާތް ގުޅުން ބާއްވަން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. އެއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ.

ޚާރިޖީ ސިޔާސަތުގެ މައި އަސާސަކީ، "ފްރެންޑްޝިޕް ޓޮވާޑްސް އޯލް، އެނެމިޓީ ޓޯވާޑްސް ނަން،" ނުވަތަ އެންމެންނާ ވެސް އެކުވެރިކަން ބާއްވައި، އެކަކާ ވެސް ރުޅިވެރިކަން ނުބޭއްވުމުގެ އަސާސެވެ. ވަކި ކޮޅަކަށް ބުރަނުވުމުގެ "ނޮން އެލައިންމަންޓް" ސިޔާސަތަކީ ހަމަ ލަންކާގެ ވެސް ސިޔާސަތެވެ. އެހެންކަމުން މިއީ ވެސް ދިވެހިރާއްޖެއާއި، ލަންކާއާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ކުރިއަރުވަން ފަހިވާ ކަމެކެވެ. ދެ ގައުމުގެ ގުޅުން ޚާއްސަވާ ސަބަބެކެވެ.

މިހާ އެކުވެރި، ސުލްހަވެރި، ހިމޭން އޮމާން ފެންގަނޑެއްގެ ތެރެއަށް ހިލަގަނޑެއް ވައްޓައިލުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ފެންގަނޑުގައި ރާޅު ބާނިތަކެއް އުފެދޭނީއެވެ.

ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތަށް ތޫފާން ދިތުވާއާ ގުޅިގެން ދިވެހި ސަރުކާރުގެ އެހީ ހަދިޔާކުރަނީ --- ފޮޓޯ: ވިޖިތާ ހެރަތު / އެކްސް

ސަފީރުގެ މި ވާހަކަތަކާއެކު ޔަގީނުން ވެސް ނުތަނަވަސްކަމެއް އުފެދިއްޖެ

ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީއެވެ. ސަފީރުގެ މި ސީދާ އިންޒާރާ އެކު ދެ ގައުމުގެ ސަރުކާރުގެ މެދުގައި ޔަގީނުން ވެސް ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. އަމުދުން ދިވެހީންގެ މެދުގައި މި ވާހަކަ ދެކެވުނު މިންވަރާއެކު ދިވެހީން މާ ކަންބޮޑުވެއްޖެކަން ޔަގީނެވެ. އިހަކަށް ދުވަހު އަހަރެމެން ވީ ވަރަކުން އެހީވެދިނީމާ އެ މީހުން އަހަރެމެންނާމެދު، މި ހިތަނީ ކިހިނެއްބާއޭ ހިތަށް ނާރާނީ ކޮން ދިވެއްސެއް ހެއްޔެވެ؟ މިއީ ދިވެހީންގެ ހެޔޮކަމަށް އިޖާބަދޭ ގޮތް ހެއްޔޭ ހިތަށް ނާރާނީ ކޮން ދިވެއްސެއް ހެއްޔެވެ؟ މި ސުވާލުތައް އުފެދޭނީ ވެސް ޔަގީނުން ވެސް ނުތަނަވަސް ކަމެއް އޮތުމުންނެވެ.

"ލަންކާ މީހުންނަށް ވިސާ ނުދިނީމަ ނިމުނީއެއްނު ކޮން ބަޔަކަށްތޯ ގެއްލުންވަނީ ބަލަން،"

"ލަންކާ އައުޓް ގޮވަން ވީނު،"

މިއީ ސަފީރުގެ ވާހަކަތަކާ ގުޅުވައި "ސަން"އިން ޝާއިއުކުރި ޚަބަރަށް ސޯޝަލް މީޑިއާގައި އާންމު ދެ މީހަކު ކޮށްފައިވާ ދެ ކޮމަންޓެވެ.

މަޝްވަރާގެ އުސޫލު އިސްކޮށް، ސުލްހަވެރިކަމާއެކު ފެށިނަމަ، މިހެނެއް މިކަމެއް ނުވާނެއެވެ. ނަމަވެސް މިހާރު, ކުރިން ނެތް ރުޅިވެރިކަމަކާއި، ނުރުހުންވެރިކަމެއް މިއޮތީ އުފެދިފައެވެ.

ޚާރިޖީ މައިދާނުގައި ދިމާވާ ހަމަ ކޮންމެ މައްސަލައެއް މުޅި ދުނިޔެއަށާއި، އާންމުންނަށް އެންގުމަކީ އެއްވެސް ގައުމަކުން އަމަލުކުރާ ގޮތެއް ނޫނެވެ. އަމުދުން އެ ކަމެއްގެ އެންމެ ފުރަތަމަ މަރުހަލާގައި، ވަކި ގޮތަކަށް ކަންކަން ނުނިމި އޮއްވައި މިފަދަ ކަންކަން މީޑިއާގައާއި، އާންމުންނަށް ތިލަކުރުމަކީ ބޮޑެތި ނުރަނގަޅު ނަތީޖާތައް ނިކުންނަ ފަދަ ކަންކަމެވެ. ވާން ނުޖެހޭ ވަރަށް ކޫސަނި މައްސަލަތަކަށް ހުޅުވޭ ދޮރެއް ވެސް މެއެވެ.

"ދެ ގައުމުގެ ދެމެދުގެ މައްސަލައަކާ މެދު މިހެން ކަންކުރުން ބަލައިނުގަނެވޭ"

ޚާރިޖީ މައިދާނުގެ ބަހުރުވައިން ނަމަ މިއީ "ބައިލެޓެރަލް" މައްސަލައެކެވެ. ނުވަތަ ދެ ފަރާތެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލައެކެވެ. ވިސާ ފަދަ ކޮންސިއުލާ ޚިދުމަތްތައް ދިނުމުގައި ޖެހޭ މައްސަލަތަކަކީ، 1967ގައި އަމަލުކުރަން ފެށި، ވިއެނާ ކޮންވެންޝަންގެ ކޮންސިއުލާ ރިލޭޝަންސްއާބެހޭ މާއްދާގެ ދަށުން ހައްލަކަށް މަޝްވަރާ ކުރެވޭ ކަންކަމެވެ.

މިފަދަ ކަންކަމަކީ ދެ ފަރާތުގެ ކަމާބެހޭ މަސްއޫލުވެރިން އެއްތަންވެ، މަޝްވަރާގެ އުސޫލުން، ދެ ފަރާތް އެއްބަސްވާ ހަމަތަކެއްގެ މަތީން ހައްލު ކުރެވޭ ކަންކަމެވެ. ދިގުލައިގެންދާ ފަހަރު ފަަހަރު ވެސް އަންނާނެއެވެ. ނުވަތަ އަވަހަށް ނިންމުމަކާ ހަމައަށް ވާސިލުވެ ތަންފީޒުވާ ފަހަރު ވެސް އާދެއެވެ. ނަމަވެސް މި ހުރިހާ ކަމެއްގައި ވެސް ބޭނުންވަނީ ކެތްތެރިކަމެވެ.

މައްސަލައަކަށްވީ "ޖަޒުބާތުގައި" ޖެހިވަޑައިގެން ކޮންމެހެން ދެއްވަންނުޖެހޭ ހަރުކަށި އިންޒާރެއް ދެއްވުންކަމަށް ޚާރިޖީ ބައެއް ޚިދުމަތްތެރިން ވެސް ދެކެވަޑައިގަންނަވައެވެ.

އިނގިރޭސިވިލާތުގައި ރާއްޖޭގެ ސަފީރުކަން ކުރެއްވި ޑރ. ފަރަހަނާޒް ފައިސަލް -- ފޮޓޯ/ ދިވެހި އެމްބަސީ ޔޫކޭ

"މިއީ ޑިޕްލޮމެޓެއްގެ 'ބްރެޑް އެންޑް ބަޓާ ޖޮބް'. އެމްބެސެޑަރަކަށް މިފަދަ ކަންކަން މީޑިއާއާ ހަމައަށް ތިލަނުކޮށް، ޑިޕްލޮމެޓިކަލީ ހައްލުކުރެވެންވާނެ. މިހެން މި ކަން ކުރުމުން ހާމަވަނީ އަޅުގަނޑުމެންގެ ހުރި ނާގާބިލްކަން. ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހިތާމަވެރި ދުވަހެއް،" ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަން ވެސް އަދި ޚާރިޖީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި ފަރަހަނާޒް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު، ދައުލަތުގެ ބަންޑާރަނައިބުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މިފަދަ މައްސަލައެއްގައި ސަފީރަކު އަމަލުކުރައްވަން ވާނެ ގޮތެއް ނޫނެވެ. "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ތަޖުރިބާކުރި ހިތިކަން ނުފުދޭތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑު ހަަމަ އަސްލު ވެސް އުންމީދުކުރަން އަޅުގަނޑުމެން 'ޕޯޑިއަމާއި މީޑިއާ ޑިޕްލޮމެސީ، އަޅުގަނޑުމެންނާ އެންމެ ކައިރި އެއް ގައުމާ އެކު އަނެއްކާ ވެސް ނުފަށާނެ ކަމަށް،" އާޒިމާ، އޭނާގެ ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ.

މިއީ ޚާރިޖީ ދާއިރާގައި މިހާރުގެ ސަރުކާރުން ހަދަމުން އަންނަ ގޯސްތަކަށް އިތުރުވި ބޮޅެެކެވެ. މިހާރު ވެސް މި އުޅެނީ ކުރިން ލިބެމުން އައި ހިލޭ އެހީތައް ފަދަ ކަންކަން ނުވާތީއެވެ. ގައުމުތަކާ ގުޅުން ރަނގަޅު ނުވާތީއެވެ.

ޑިޕްލޮމެސީއަކީ ހުނަރެކެވެ. އެއީ އަދި މޮޅަށް ވާހަކަދައްކަން، ނުވަތަ ޒުވާބުކުރަން އެނގުމެއް ވެސް ނޫނެވެ. އެއީ ބައިނަލްއަގްވާމީ މައިދާނުގައި އަމިއްލަ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށް, ދެ ބައެއްގެ ދެމެދު ވާހަކަދައްކައި މަޝްވަރާކުރުމާއި، އަރައިރުންވުމަކަށް ނުގޮސް ސުލްހަވެރިކަމާ އެކު ކަންކަން ހައްލުކުރުމާއި، ދެ ފަރާތަށް ވެސް ގެއްލުން ނުވާނެހެން ކަންކަން ނިންމުމުގެ ހުނަރެކެވެ. މިއީ އިންތިހާއަށް ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ވަގުތު ދޭންޖެހޭ ކަމެކެވެ. އަނެކާގެ ފަރާތުން އިވޭ ހިތި ހަގީގަތްތަކާއި، ނުރުހުންތައް އަޑުއެހުމުގެ ގާބިލްކަން ހުރެގެން މެނުވީ ދަސްނުވާނެ ހުނަރެކެވެ.

އަވައްޓެރިއަކާ އެކު އޮތް ގުޅުން ހީނަރުވުމުގެ ހިތި ތަޖުރިބާ ދިވެހީން ދެކިއްޖެއެވެ. އަލުން ހިތި ރަހަ އަރުބުޑަށް ލުމަކީ ޔަގީނުން ވެސް ދިވެހީން އެދޭނެ ކަމަކަށް ނުވާނެއެވެ. ސުވާލަކީ މި ފަހަރު މި ޖެހުނު މައްސަލަ ކޮޅެއްގައި ޖެއްސުމު ގާބިލުކަން ދިވެހި ޚާރިޖީ ދާއިރާގެ ބޭފުޅުންގެ ކިބައިގައި ހުރީ ކިހާ މިންވަރަކަށްތޯއެވެ.

comment ކޮމެންޓް