ޒަކާތު ފަންޑުން 2022އާއި 2023ގައި، ފުދުންތެރިކަން ނެތް މީހުންގެ ބޭސްފަރުވާއަށް އެހީވާން 45.9 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އެ ފަންޑުގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރަށް، ޒަކާތު ފަންޑުގެ އޮޑިޓްތައް ހާމަކޮށްފައެވެ. އޭގެ ތެރެއިން 2022 ވަނަ އަހަރުގެ އޮޑިޓުގައި ވަނީ، އެ އަހަަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ފަންޑުގެ މަގުސަދުތައް ހާސިލުވާ ގޮތަށް، ބަޖެޓުގައި ކަނޑައަޅައިފައިވާ ކަންތައްތަކަށް ކަމަށް ބުނެފައެވެ. އަދި ޚަރަދުކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅައިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާއި ޒަކާތު ފަންޑުގެ ޓްރަސްޓް ސްޓޭޓްމެންޓާ އެއްގޮތަށް ކަމަށް އޮޑިޓުގައިވެއެވެ.
އެ ދެ އޮޑިޓުގައިވާ ގޮތުން، 2022އާއި 2023ގައި ފިތުރު ޒަކާތުގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބުނެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 182 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހަމައެއާއެކު، 2022 ވަނަ އަހަރު ފެށުނުއިރު ޒަކާތު ފަންޑުގައި 159 މިލިއަން ރުފިޔާ ހުރިއިރު، އެ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 186 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޖެހިގެން އައި އަހަރު ލިބުނު ފައިސާއާއެކު، 2023 ވަނަ އަހަރު ނިމުނު ފަންޑުގައި ހުރި ފައިސާގެ އަދަދު 204 މިލިއަން ރުފިޔާއަށް އެރި ކަމަށް މާލީ ބަޔާންތަކުން ދައްކައެވެ.

ފުދުންތެރިކަން ކުޑަ އާއިލާތަކަށް ގިފްޓް ކާޑުތަކެއް ދިނުން: 2022އާއި 2023ގައި މުދަލު ޒަކާތުން 53.8 މިލިއަން ބަހައިފައިވޭ -- ފޮޓޯ/ ޒަކާތު ހައުސް
ޒަކާތު ފަންޑުން އެ ދެ އަހަރު ފޯރުކޮށްދީފައިވާ އެހީއަށް ބަލާއިރު، 2022 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް 7.68 މިލިއަން ރުފިޔާ ބެހިއެވެ. އަދި 2023 ވަނަ އަހަރު 9.01 މިލިއަން ރުފިޔާ ބެހިއެވެ.
މުދަލު ޒަކާތަށް ފަގީރުންނާއި މިސްކީނުންނަށް ބެހި ފައިސާއަށް ބަލާއިރު، 2022ގައި 26.87 މިލިއަން ރުފިޔާ އަދި 2023ގައި 26.89 މިލިއަން ރުފިޔާ ބަހައިފައިވެއެވެ. އެއީ ޖުމްލަ 53.8 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތުން، ފުދުންތެރިކަން ނެތް މީހުންނަށް ބޭސް ފަރުވާ ކުރުމަށް 2022ގައި 21.4 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިންއިރު، 2023ގައި 24.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެއީ ޖުމްލަ 45.9 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެ ދެ އަހަރު، ފަގީރުންނާއި މިސްކީނުންގެ ތެރެއިން ޚާއްސަ ހާލަތްތައް މެދުވެރިވި މީހުންނަށް ޖުމްލަ 381،237 ރުފިޔާގެ އެހީ ދީފައިވެއެވެ.
ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ފޯރުކޮށްދޭއިރު، ހޮސްޕިޓަލުގެ ބިލުތައް ދެއްކުމަށާއި ބަލިމީހާއާއި ބަލިމީހާގެ އެހީތެރިޔާގެ ހުރުމާއި، ކެއުމާއި، ޓިކެޓަށް ޚަރަދުކޮށްދެއެވެ. އަދި ބަލީގެ ބާވަތުން ކޮންމެހެން ބޭނުން ކުރަންޖެހޭކަމަށް ޑޮކްޓަރު ލަފާދީފައިވާ ތަކެތި ނުވަތަ ވަސީލަތްތައް ގަތުމަށް ވެސް އެހީ ފޯރުކޮށްދެއެވެ.
ރާއްޖޭގައި ސިއްހީ ފަރުވާ ހޯދުމަށް ގިނަ ބަޔަކަށް އެހީ ބޭނުންވާއިރު، އެކަމަށް ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމުން ވެސް ބޮޑު ޚަރަދެއް ކުރެއެވެ. ނަމަވެސް އެ ނިޒާމު ކުރިއަށްގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށް ބުނެ ބޭރުގެ މާލީ އިދާރާތަކުން ފާޑުކިޔައިފައިވާއިރު، އެ ސްކީމުގެ އޮޑިޓުގައި ވެސް ވަނީ، އިސްލާހުތައް ގެނައުމަށް ލަފާދީފައެވެ.
ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށް ޓަކައި ޒަކާތާ ގުޅޭ ބިލެއް އެކުލަވާލައި، މިދިޔަ މަހު އެ ބިލް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އެ ބިލާއެކު، ޒަކާތު ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައި ކަމަށް ވަނީ ކަނޑައަޅައިފައެވެ.