ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން، ޚާއްސަ އެހީ ބޭނުންވާ ކުދިންނަށް ގދ. ތިނަދޫގައި ކުޅިވަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިއުލާންކޮށްފިއެވެ.
ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް އަކީ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މީހުން ބާރުވެރިކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި މި ހަރަކާތްތައް ގައުމީ ފެންވަރުގައި ހިންގާ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.
ދިރާގުން ބުނީ، އެ ޖަމިއްޔާއާ ގުޅިގެން ހިންގާ ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން ބާރުވެރިކުރުވައި، މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕްރޮގްރާމް ތިނަދޫގައި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނެއެވެ. އަދި އެ ހަރަކާތުގައި 60 އެތްލީޓުންނަށް "ސްޕެޝަލް އޮލިމްޕިކްސް ފިޓް5" ކަރިކިއުލަމްގެ ދަށުން ކޮންމެ ހަފުތާއަކު ވެސް ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ، އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސިއްހަތަށް ރަނގަޅު ކާނާގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން، އިބްރާހިމް ރަމީޒު ވިދާޅުވީ، 'ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށާއި، ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމަށެވެ.
އެ ފެސްޓިވަލްތަކުން ބިންގާ އެޅުނު އެތައް އެތުލީޓުންނެއް ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނަތައް ހާސިލް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރާގުގެ އެހީތެރިކަމާއެކު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިމިވާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މި ކަމަށް މުޖުތަމައު އިތުރަށް އަހުލުވެރިވެގެންދާނެ، އަދި މި މަސައްކަތަށް އިތުރު ހިތްވަރެއް ލިބި ގިނަ ބަޔަކަށް ފައިދާތަކެއް ކުރާނެ،" ރަމީޒު ވިދާޅުވިއެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ، އެ ޕްރޮގްރާމް ކުރިއަށްގެންދަނީ، ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމަކީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާއި ގުޅިގެން، މުޖުތަމައުގައި އެންމެންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލުން ދިނުން." މިރުޝާން ވިދާޅުވިއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފާއިތުވެ ދިޔަ އަށް އަހަރު ވަނީ މާލޭގައި ބާއްވައިފައެވެ.