ހަގީގަތަކީ ރާއްޖެ އޮތީ ބޭހަށް ވެސް ޖެހިފައެވެ. އެއީ ވަރަށް މުހިންމު ބޭސްތަކެއް ނުލިބޭތީއެވެ. މިއީ ގައުމެއް ގޮސްގެން ވާނެ ހާލަތެއް ނޫނެވެ. ދެން އޮތީ ޑޮކްޓަރަށް ދެއްކުމުގެ ދަތިތަކެވެ. އަނެއްކޮޅުން ފަރުވާގެ ފެންވަރާ މެދު އެ ކުރާ ގިނަ ޝަކުވާތަކުގެ ފަހަތުގައި ހަގީގަތްތަކެއް އެބައޮތެވެ. ބައެއް އާއްމު ފަރުވާތައް ވެސް އެކަށީގެންވާ ގޮތެއްގައި ރާއްޖޭން ނުލިބެއެވެ. އެކަމަކު މި ހަގީގަތް މިހެން އޮއްވައި އެ ކަންކަން ރަނގަޅު ނުކޮށް, އަނެއްކާވެސް ސަރުކާރުން މި ވަނީ ސިއްހީ ނިޒާމަށް ބުރަ ބޮޑުވާނެ ފިޔަވަޅުތަކެއް އަޅައިފައެވެ.
އަހަރުގެ ފަހު ދުވަހު ސަރުކާރުން މި ވަނީ, ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންގެ ބޭސް ފަރުވާގެ ކަންކަން އާސަންދައިން ހަމަޖައްސައި ދޭން ފެށިކަން އިއުލާން ކޮށްފައެވެ. ފިލިޕީންސްގައި އާއްމުކޮށް ދިވެހީން އުޅެނީ ޕައިލެޓް ކަމާއި ޑޮކްޓަރުކަން ކިޔެވުމަށެވެ. އެ ގައުމުގައި 700 އެއްހާ ދިވެހީން އުޅެއެވެ. އެ ގައުމަށް ވުރެން ގިނައިން އެހެން ގައުމުތަކުގައި ދިވެހީން އުޅެނިކޮށް ކުއްލިއަކަށް މި ލިސްޓަށް ޕިލިޕީންސް މި އައި ގޮތެއް ނޭނގެއެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ދޭން ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. 'މެރަނާ' ނަމުގައި ސްކީމެއް ތައާރަފުކޮށް, ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން އެ ގައުމުތަކުން ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. 'މެރަނާ' ގެ ކޮންމެ ބައިވެރިއަކަށް، ޖުމްލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖައްސައިދެއެވެ. އެނދުމަތި ނުކޮށް ނަގާ ޚިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10,000 ރުފިޔާއެވެ. އަދި އެނދުމަތިކޮށްގެން ދޭ ޚިދުމަތުގެ މިންވަރަކީ، އައުޓްޕޭޝަންޓް ކަވަރޭޖް ހިމަނައިގެން، ޖުމުލަ 150،000 ރުފިޔާއެވެ. ޕިލިޕީންސްގައި ނަމަ ބޭސްފަރުވާގެ 65 ޕަސެންޓެވެ.
https://www.sun.mv/216121
އެމްޑީޕީ ސަރުކާރުން މިކަން މިގޮތަށް ހަމަޖެއްސިއިރު އެންމެ ދެކޮޅު ނުޖެހޭ ކަމަކީ ފަގީރެއް, ނިކަމެއްޗެއް, ތަނަވަސް މީހެއް, މިލިއަނަރެއް ރަނގަޅަށް ބެލުމެއް ނެތި ދައުލަތުން މި ޚަރަދު ކޮށްދިނުމެވެ. މި ސަރުކާރުން އަނެއްކާ މި ވަނީ މިކަން އިސްލާހު ކުރުމުގެ ބަދަލުގައި އެ ލިސްޓަށް ޕިލިޕީންސް އިތުރު ކޮށްފައެވެ. މިއީ މިހާރުވެސް އައިސީޔޫގައި އޮތް އާސަންދައަށް އިތުރު ބޮޑު ބުރައަކަށް ނޫނީ ނުވާނެއެވެ.
ހަގީގަތަކީ ރާއްޖެ ދޫކޮށް ބޭރު ގައުމުތަކުގައި ގިނައިން ދިރިއެއުޅޭ ދިވެހީންނަކީ ވަރަށް ތަނަވަސް މީހުންނެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި, އަގު ބޮޑު ދިރިއުޅުމެއް އޭގެ ތެރެއިން ގިނަ މީހުން އެ އުޅެނީ އެ ތަނަވަސްކަން ހުރީމައެވެ. އެ މީހުންގެ ޚަރަދުތައް އެ ގައުމުތަކުގައި ކޮށް, އެ ގައުމުތަކަށް ޓެކްސް ދައްކައިގެން އެ އުޅެނީ ގިނަ މީހުންނަށް އެހެން އުޅެވެން އޮތީމައެވެ. އަނެއްކޮޅުން ބޭރުގެ ގައުމަކުން ތައުލީމު ހާސިލު ކުރަން ދާއިރު ޔުނިވާސިޓީތަކުން ފުރުސަތު ދެނީ މެޑިކަލް އިންޝްއަރެންސް އޮތްކަން ޔަގީން ކޮށްފައެވެ. މި ހަގީގަތް މިހެން އޮއްވައި, އެންމެނަށް ދޭ އުސޫލުން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ދޭން ޖެހޭތޯއެވެ؟
މި ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެކެވެ. އެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ ހުރިހާ ދިވެހީންނަށް މި ޚިދުމަތް ދިނުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
https://www.sun.mv/215331
އެކަމަކު އިންޑިއާ އާއި ލަންކާ ފަދަ ގައުމުތަކަށް ބަލާއިރު ބައެއް ކަހަލަ ތެރަޕީތައް ރާއްޖޭން ނުލިބޭތީ އެ ގައުމަށް ދިރިއުޅުން ބަދަލުކޮށްގެން, މާ ތަނަވަސް ކަމެއް ނެތި އުޅޭ ދިވެހީން ވެސް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާލުގައި ތިބި މީހުންގެ ބޭސްފަރުވާއަށް ދައުލަތުން ޚަރަދު ކުރުން ރަނގަޅު ކަމަށާއި އެކަމަކު އެންމެނަށް ކޮށްދޭކަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަނެއްކާ ބަންގްލަދޭޝް ނޫނީ އެހެން ގައުމެއްގައި އުޅޭ ބަޔަކު ޑިމާންޑް ކުރާނެ އެ ގައުމަކުން އާސަންދަ ދޭން. އެހެން ގޮސް މިހާރު ވެސް ބުރަބޮޑު މި ނިޒާމަށް އިތުރު ބުރައަކަށް ކަންކަން ވާނެ މި އުސޫލުން ދާނަމަ," އޭނާ ވިދާޅުވިއެވެ.
މި އިޝޫގައި ސުވާލު ކުރުމުން އާސަންދައިގެ ކަންކަމުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅުން ވެސް ވިދާޅުވީ މިއީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތަށް ބުރަ ވާނީ އިތުރު ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ މިހާރު މެރަނާ ސްކީމް އޮތްގޮތަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ އުސޫލެއް ނޫންކަން އެ ތަޖުރިބާކާރުން ފާހަގަ ކުރެއްވިއެވެ.
"މިހާރު މި އޮންނަ ގޮތުން އިންޑިއާ އާއި ލަންކާގައި އުޅޭ ދިވެހީންނަށް ފަރުވާ ކުރެވޭނެ ކޭޝްލެސްކޮށް. މާނައަކީ އަތުން އެއްވެސް ފައިސާއެއް ނުދައްކާ. އެކަމަކު މެލޭޝިއާ ޕިލިޕީންސް ފަދަ ގައުމުތަކުގައި މި ޖެހެނީ އަމިއްލައަށް ޚަރަދުކޮށްގެން ފަރުވާ ކޮށްފައި, ރީއެމްބާންސް ކޮށްގެން ފައިސާ ހޯދަން. މިއީ އެއް ސްކީމަކުން ހުރި ތަފާތެއް," މި މަސައްކަތުގައި އުޅުއްވާތާ ގިނަ ދުވަސްވީ މުވައްޒަފަކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ވަކި ފެންވަރެއް ބެލުމެއް ނެތި އެންމެނަށް މި ސްކީމު ތައާރަފު ކުރުމަކީ ސިޔާސަތު ކަނޑައަޅާ ބޭފުޅުން ހެއްދެވި ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި މީހާގެ ނިކަމެތި ހާލަތާއި އޭނާ ބޭރުގައި ދިރިއުޅޭ ސަބަބު ބެލުމަށް ފަހު އޭނާއަށް ހައްގު ނަމަ ދައުލަތުން ބޭސް ފަރުވާ ހިލޭ ކޮށްދޭ ގޮތަށް އޮތުން މާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.
"ޖުމުލަކޮށް އެންމެނަށް ދޭކަށް ރަނގަޅެއް ނޫން. މެލޭޝިއާ ފަދަ ގައުމުތަކުން ހޯދާ ފަރުވާ އަދި ވަރަށް އަގު ބޮޑު. މި ޚަރަދު ދައުލަތުން ދޭން ވާނީ އެ ފޯރުންތެރިކަން ނެތް މީހުންނަށް އެކަނި." އެ ތަޖުރިބާކާރު ބޭފުޅާ ވިދާޅުވިއެވެ.
"އަދިވެސް އަދިވެސް ފުޅާ ކުރަނީ, މީތި ދަމަހައްޓާނީ ކިހިނެއް؟ މިއީ މިކަން ކުރެވޭނެ ގޮތެއް ނޫން,"
އާސަންދައިން އަނެއްކާ ވެސް ޚަރަދު ކުރާ ވާހަކަ ދައްކާއިރު އެ ނިޒާމު އޮތް ހާލަތާ މެދު ވިސްނާލަށް ޖެހެއެވެ. އަހަރަކަށް ވުރެން އަހަރެއް އެ ނިޒާމު ދައުލަތަށް ވަނީ ބުރައަކަށެވެ. މި އަހަރަށް އާސަންދައަށް 1.8 ބިލިއަން ރުފިޔާ ކަނޑައެޅިއިރު މިދިޔަ މަހުގެ 18ގެ ނިޔަލަށް ވަނީ 2.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ހަމަ ހާލެވެ. އަހަރު ފެށި ދެތިން މަސް ނުވެ އާސަންދަ ބަޖެޓް ހުސްވެއެވެ. އެކަން ވަނީ ދަރައި ވިކިފައި އޮތް މި ގައުމަށް ބޮޑު ބުރައަކަށެވެ.

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ
ތަޖުރިބާކާރުން ގަބޫލު ކުރާގޮތުގައި ބޭނުން ވަރަކަށް ބޭނުން ކުރެވޭ ނިޒާމެއްގެ ގޮތުގައި އާސަންދަ ބޭއްވުމުގެ ބަދަލުގައި އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމެވެ. މާނައަކީ އާސަންދައިގެ ޚިދުމަތް ހޯދާ މީހުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނުވަތަ "ކޯ ޕޭމަންޓެއް" ނެގުމެވެ. އަދި އާސަންދައިގެ ތެރެއިން ލިބޭ ޚިދުމަތްތަކަށް ލިމިޓްތަކެއް ލުމެވެ.
މި ރިޕޯޓަށް އާސަންދަގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް, ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތެއް ނުވިއެވެ.
އާސަންދަ ނިޒާމު ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ގެންދަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ ދޭތާ އެތައް އަހަރެއް ވެއްޖެއެވެ. އާސަންދަ އިސްލާހު ކުރާނެ ވާހަކަ މި ސަރުކާރުން ދެއްކި ނަމަވެސް އެކަމެއް ނުކުރެއެވެ. ރަނގަޅު ނުކުރާތާ މިވަނީ ގޯސް ކުރަން ފަށައިފައެވެ. މިއީ ގޯހެކެވެ. އާސަންދައިން ރާއްޖޭން ބޭރަށް މި ކުރާ ބޮޑު ހޭދަ މި ގައުމުގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން ކޮށްފިނަމަ ގައިމު ވެސް ފައިދާ މާ ބޮޑުވާނެއެވެ. ރާއްޖޭގައި ތިބެ ފަރުވާ ލިބޭ ނަމަ ބަލި މީހާ އާއި އާއިލާއަށް ވެސް ތަކުލީފު ކުޑަވާނެއެވެ. އަދި ދައުލަތަށް ޚަރަދު ވެސް ކުޑަ ވާނެއެވެ.
ރާއްޖޭގައި ބޭސް ނެތްއިރު, އެކަށީގެންވާ ފަރުވާ ނުލިބޭއިރު, އަނެއްކާ ވެސް އާސަންދައަށް ބާރު ބޮޑުވާ ގޮތަށް ސަރުކާރުން މި ކުރާ އަމަލު ދެކޮޅެއް ނުޖެހެއެވެ. އާސަންދަ އިސްލާހު ކުރަން ޖެހެއެވެ. ދައުލަތުން ބޮޑު ހޭދަ ކުރަން ވާނީ އެ ޚަރަދު ނުކުރެވޭ ހާލަތުގައި ތިބި މީހުންނަށެވެ. އެންމެނަކަށް ނޫނެވެ.