ރުގްޔާގެ ނަމުގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހާ 25 އަހަރަށް ޖަލަށް، ކުދިން ރަހީނުކުރި މީހާ ހަ އަހަރަށް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ރުގްޔާގެ ނަމުގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހުންގެ މައްޗަށް ވަނީ ޖަލު ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހެއްގެ މައްޗަށް ދައުވާ ސާބިތުވެ، ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ، 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ދައުވާކުރީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ.

އެ މީހުންނަށް ދަޢުވާކުރުމަށް ފޮނުވީ ޑިސެންބަރު 30، 2020ގައެވެ. މިއަދު އެ ކޯޓުން ވަނީ، އެ މައްސަލައިގައި ހުށެހެޅި 12 ދަޢުވާވެސް ސާބިތުވާކަމަށް ހުކުމްކޮށް އަދަބު ކަނޑައަޅައިފައެވެ.

އޭގެ ތެރެއިން މުހައްމަދު އަސީލްގެ މައްޗަށް އެންމެ ދިގު ޖަލު ހުކުމްކޮށްފައިވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާއަށް އޭނާއަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އަދި ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވުމުން އޭނާއަށް ވަނީ، ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކުރި ޖަލު ހުކުމްތަކުގެ ތެރޭގައި:

  • ޖިންސީ ގޯނާކުރުން - ތިން އަހަރަށް ޖަލަށްލުން
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން - ތިން އަހަރަށް ޖަލަށްލުން
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • އަނިޔާއެއް ދިނުން - ދެ މަހާއި 12 ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން

އެ ދައުވާތަކާއެކު، މުހައްމަދު އަސީލްގެ މައްޗަށް ވަނީ ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ދެން ދައުވާކުރި، އިސްމާއީލް ވަހީދުގެ މައްޗަށް، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެ ކުށް ރިޕޯޓްނުކުރުމުގެ ދައުވާ ސާބިތުވުމުން، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމްކުރިއެވެ.

އޭނާގެ މައްޗަށް އިތުރަށް ސާބިތުވި ދައުވާތަކާއި ހުކުމަކީ:

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން - އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން

އެހެންވެ، އިސްމާއީލް ވަހީދުގެ މައްޗަށް ކުރި ޖަލު ހުކުމްތަކުގެ ޖުމްލައަކީ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހެވެ.

ރާއްޖެއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެއް ނަމަވެސް، އެފަދަ މައްސަލަަތައް ހިނގާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދުވުމުގެ ކަންބޮޑުވުން އޮވެއެވެ.

https://sun.mv/216067

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މުއައްސަސާއިން ވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކުރުން އިތުރުވެފައިވާކަން ފާހަގަކޮށް، އެފަދަ މައްސަލަތައް ވީހާ ވެސް އަވަހަށް ހުށަހަޅަން އެދިފައެވެ.

comment ކޮމެންޓް