ބޯހިޔާވަހިކަމާ ގުޅުވައިނުލެވޭނެ އިޖުތިމާއީ އެހެން އެއްވެސް މައްސަލައެއް މި ރާއްޖޭގައި ނޯންނާނެއެވެ. ޑުރަގުގެ ވަބާ ވިޔަސް، ޖިންސީ ގޯނާ ކަމަށް ވިޔަސް، ކޮންމެ ވެސް ހިސާބަކުން ބޯހިޔާވަހިކަމުގެ ދަތިކަމާ ނުގުޅޭ ހެއްޔެވެ؟ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އެހާ ސީރިއަސް މައްސަލައެކެވެ.
އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނޫން ހެއްޔެވެ؟
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެރިކަން ލިބިވަޑައިގަތުމުން ހައުސިން މިނިސްޓަރުކަމަށް ހަމަޖެއްސެވީ، މިހާރު ރައީސް ކަމުގައި ހުންނެވި މުއިއްޒެވެ. ފަހުން، 2013 ގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައި ވެސް އެ މަގާމުގައި އެ މަނިކުފާނު ބެހެއްޓެވިއެވެ. އެހެންވެ، 2018 ގައި އެ މަގާމުން ވަކިވެވަޑައިގެންއިރު ރައީސް މުއިއްޒަށް ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވިއްޖެއެވެ.
އަދާލަތު ޕާޓީން ވަކިވެވަޑައިގެން، އެމްޑީއޭއިން ޕީޕީއެމަށް ދަތުރުކުރެއްވީ ވެސް މަގާމުގައި ދެމިހުންނަވައިގެންނެވެ. އެއަށް ފަހު، 2022 ވަނަ އަހަރު މާލޭގެ މޭޔަރުކަމަށް ވެސް ވަޑައިގަތެވެ.
އެ ހުރިހާ ތަޖުރިބާއެއް ހާސިލުކުރައްވައިގެން، ރައީސް ކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރެއްވިއިރު ވެސް އޭރުގެ ކެންޑިޑޭޓު މުއިއްޒު އެންމެ ގިނައިން ދެއްކެވީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. އެ މައްސަލަ ހައްލުކޮށްދެއްވުމަކީ އެ މަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެ މަނިކުފާނަށް ވެރިކަން ދެއްވައިފި ނަމަ، ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ނެތް އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވައުދުވެލެއްވިއެވެ. އެ ވާހަކަ ޗާޕުކުރި ވައުދު ފޮތުގައި ވެސް އޮންނާނެއެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓުވީ ދޮގަކަށް
ބޯހިޔާވަހިކަމަށް މި ސަރުކާރުން ބޭނުން ގޮތަކަށް ހަދަން ލިބުނު ފުރަތަމަ ބަޖެޓުގައި ބިލިއަނުން ފައިސާ ޖެހިއެވެ. އާ މަޝްރޫއުތައް ހިންގަން އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ޖެހިއެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް ބުނެ މިދިޔަ އަހަރު ނިމެންދިޔައިރު އެ ފޮނި ވެސް ކެނޑިއެވެ. މި އަހަރަކީ ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' ވާނެކަމުގެ ހުވަފެން ދެއްކިއެވެ.
އެކަމަކު، އަހަރު ނިމުންއިރު އެ ބަޖެޓު އޮތީ އަތްނުލައެވެ.
ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެންބަރު 18 އާ ހަމައަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚަރަދުކުރީ 197 މިލިއަން ރުފިޔާއެވެ. އެއީ ޚަރަދުކުރަން ވައުދުވެ، ބަޖެޓު ފޮތުގައި ލިޔުނު 1.8 ބިލިއަން ރުފިޔާގެ އެންމެ 11 އިންސައްތައެވެ. ބާކީ 98 އިންސައްތައިގައި އަތް ވެސް ނުލައެވެ. ނަމެއްގައި ބަޖެޓު ފޮތުގައި ލިޔެފައި އޮތީއެވެ.
އެހެންވެ، ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވައުދުވި ބަޖެޓުވީ ބޮޑު ދޮގަކަށެވެ. އޮޅުވާލުމަކަށެވެ.
އެ ބަޖެޓުން ބޯހިޔާވަހިކަމެއް ނުލިބުނެވެ. ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ޖެހިފައި އޮތް މާލޭ ސަރަހައްދުގައި ގަލެއް ވެސް ނުބެހެއްޓެއެވެ. ނުވިތާކަށް ކުރީ ސަރުކާރުގައި ބޮޑުބައި ނިންމާފައި ހުރި ފުލެޓުތައް އަދިވެސް އެ އުޅެނީ އެއްކޮށް ނުދެވިގެންނެވެ. ރިޔާސީ އިންތިޚާބަށް ވެގެން ބަހާލި ގޯތިތައް ގެދޮރަށް ބަދަލުކުރެވޭނެ އެއްވެސް ގޮތެއް އެ މީހުންނަކަށް ނެތެވެ.
މިނިސްޓަރަށް ފެނިވަޑައިގަންނަވަނީ އެހެން މަންޒަރެއް
"ހަމައެކަނި ތި ބޭފުޅުންނަށް ނުފެންނަނީ މާލޭ ސަރަހައްދުގައި ބޮޑު މަޝްރޫއެއް ފެށިގެން ނުދާތަން. އެހެންނަމަވެސް ރާއްޖޭގައި އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރަށްތަކުގައި އިމާރާތްނުކުރާ މިންވަރަށް މި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތް އެބަ ކުރިއަށްގެންދޭ،"
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ އެ ސުވާލުކުރުމުން ދެއްވި ޖަވާބަކީ އެއީއެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުން މަޝްރޫއުތަކުގެ ކުލަ ނުފެނުނަސް ރާއްޖެތެރޭގައި މަޝްރޫއުތައް އެބަ ހިނގައެވެ. މާލޭ ސަރަހައްދުގައި ވެސް މަޝްރޫއުތައް ފަށަން އަންނަނީ ތައްޔާރުވަމުން ކަމަށް ވިދާޅުވިއެވެ. އެގޮތުން އޭނާ ހިއްސާކުރެއްވި ބައެއް ތަފުސީލުތައް:
- ރަށްރަށުގައި 13 މަޝްރޫއު އެބަ ކުރިއަށްދޭ
- މި އަހަރު 25 މަޝްރޫއުގައި ސޮއިކުރި
- ބޭންކުން ޚަރަދުކުރާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ
- އިންޑިއާގެ އެހީގައި އިތުރު 4،000 ޔުނިޓުގެ މަސައްކަތް ފަށާނެ
- ސައުދީގެ އެހީގައި ވެސް މަޝްރޫއެއް ފަށަން އަންނަނީ ތައްޔާރުވަމުން
މީގެ އިތުރުން، ހިލޭ ބިމާއި އިތުރު އެހީތައް ވެސް ފޯރުކޮށްދީގެން ހެޔޮ އަގުގައި ގަނެވޭނެ ފުލެޓުތަކެއް އެޅުމުގެ މަޝްރޫއެއް ހިންގަން ވެސް ތައްޔާރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ 12،000 އެއްހާ ހައުސިން ޔުނިޓް ތަރައްގީކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަން ތަރައްގީކުރާނީ ހެޔޮ އަގުގައި ގަނެވޭ ގޮތަށެވެ.
"މީގެ ކުރިން އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާފައި ނެތް އަދަދަކަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" ފުރިހަމަ އިތުބާރު އެބައޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓުގައި އޮތް އެއްޗެއް ދިމާނުވަނީ ކީއްވެ؟
މި އަހަރު 49 ބިލިއަން ރުފިޔާ ޚަރަދުކުރަން ރޭވި ނަމަވެސް ޚަރަދުކުރި ކަމަށް ހިސާބުތަކުން ދައްކަނީ 39 ބިލިއަން ރުފިޔާއެވެ. އެހެންވެ، 10 ބިލިއަން ރުފިޔާގައި އަތްނުލާ އެބައޮތެވެ. އެކަމަކު، އޮޅުވާނުލާއްޗެވެ. އެއީ ފަހަށް ރައްކާކުރި 10 ބިލިއަން ރުފިޔާއެއް ނޫނެވެ. ދައުލަތުގެ ބަޖެޓުގައި 49 ބިލިއަން ޚަރަދުކުރަން ރޭވީ، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 39 ބިލިއަންގެ އިތުރަށް 10 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދޭނެ ކަމަށް ބަލައިގެންނެވެ.
ޚަރަދުކޮށްފައި އެ އޮތީ ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއެވެ. މިހާތަނަށް ލިބިފައިވާ އާމްދަނީއަށްވުރެ އިތުރަށް ދެ ބިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައި އެ ވަނީ އަހަރު ނިމެންވާއިރަށް އެބައި ލިބޭނެ ކަމަށް ބަލައިގެންނެވެ. އެ ޚަރަދު ހަމަޖައްސަނީ ފަހުން ދައްކާ ގޮތަށް ދިވެހި މާކެޓުން ދަރަނި ހޯދައިގެންނެވެ. އާމްދަނީ ލިބުމުން އެބައި ދައްކާ ގޮތަށެވެ.
ނުލިބި، އަދި ޚަރަދު ވެސް ނުކުރެވި އެ އޮތީ އާމްދަނީގެ އިތުރަށް ހޯދަން ޖެހި އަދަދެެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެ އަދަދު ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައާ ހަމައިގައެވެ. އެއީ، ރަތްރޮނގެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ރަނގަބީލު އަޅާތާ ގިނަ ދުވަސްވެ، ދިވެހީން މި ތިބީ އެ ރަނގަބީލަށް ހޭނިފައެވެ. އެކަމަކު، އެއީ ކަމުގެ ސީރިއަސްކަން ކުޑަވާނެ ކަމެއް ވެސް ނޫނެވެ.
ރާއްޖެއަށް ވަންނަ 40 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ އެއްކޮށްހެން ޚަރަދުކުރަން ޖެހެނީ ހިންގުމުގެ ކަންކަމަށެވެ. މުސާރަ ދިނުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދައެވެ. އެހެންވެ، ކިތަންމެ ކުޑަ މަޝްރޫއެއް ވިޔަސް ހިންގަންޏާ ޖެހޭނީ ދަރަނި ހޯދާށެވެ.
ބޯހިޔާވަހިކަމަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކުރަން ލިޔުނު ނަމަވެސް، އެ ޚަރަދު ނުކުރެވުނު ސަބަބަކީ އެއީއެވެ.
އެއްވެސް ތާކުން ދަރަނި ހޯދަން ރާއްޖެއަށް ފަސޭހައެއް ނުވާނެއެވެ. މި ފެށުނު ދަރަނީގެ ބިޔަ އަހަރާ ހެދި ރާއްޖެ އޮތީ 'ޖަންކް' ރޭޓިންގައި ތާށިވެފައެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން އެ ގޮތަށް ބުނެފައި އޮއްވާ ހެޔޮ އަގުގައި ދަރަންޏެއް ހޯދަން ވަރަށް ދަތިވާނެއެވެ. މި ފެށުނު އަހަރު އަދި މާ އުނދަގޫވާނެއެވެ.
ދެން އޮންނާނެ ގޮތަކީ ސަރުކާރު ކުންފުނިތައް ލައްވާ އެކަން ކުރުވުމެވެ.
ސަރުކާރުން މިހާރު އެ ހިނގަނީ މި މަގުންނެވެ. 'ލެގަސީ'އެއްގެ ގޮތުގައި ދޫކޮށްލަން ތައްޔާރުކުރާ ރަސްމާލެ ވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ވެސް ހިއްކޭ ގޮތް ނުވީމާ، އެކަން ހަވާލުކުރީ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްއާއެވެ. ގެދޮރު ބިނާކުރަން އެ ހަވާލުކުރީ ބޭންކް އޮފް މޯލްޑިވްސްއާއެވެ. އެއީ، ސަރުކާރަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ. ދަރަންޏަށް ފައިސާ ނުލިބޭނެތީއެވެ. އެ ކުންފުނިތަކަށް ފައިސާ ނުދެއްކުނަސް، ދެންމޭނެތީއެވެ.
އެކަމަކު، އޭގެ ނަތީޖާއަކީ އެ ކުންފުނިތަކަށް ގެއްލުންވުމެވެ. އަސްލު ކުރަންޖެހޭ މަސައްކަތް ނުކުރެވުމެވެ.
މި ނިމުނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ނޫނެވެ. އަން ޒަމާނެވެ. ބޯހިޔާވަހިކަމަށް ޚާއްސަ ކުރި ބަޖެޓު ނިމުނީ ދޮގަކަށް ވެގެންނެވެ. އަސްލު ކުރި ކަންކަމަށް ބަލައިގެން މި ބަޖެޓަށް ނަމެއް ކިޔަންޏާ ކިޔަންޖެހޭނީ މުސާރައިގެ ބަޖެޓެވެ.