"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕެއްގެ ގޮތުގައި ޚާއްސަ އިގުތިޞާދީ ސަރަހައްދެއް (އެސްއީޒެޑް) އެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން، 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ.
ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.
ރައީސްގެ ގަރާރުން އެ ޒޯނުގައި އަށް ކަމެއް ކުރުމަށް ހުއްދަދީފައިވެއެވެ. އެއީ:
- އެންމެ މަތީ ފެންވަރުގެ ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް
- ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ މަރުކަޒެއް ގާއިމުކުރުމަށް
- ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުމަށް
- ބޮޑެތި މުއްސަނދިންނާއި މަހުޖަނުންނަށް އަމާޒުކޮށް އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިސޯޓާއި ހޮޓެލާއި މެރީނާއެއް ގާއިމުކުރުމަށް
- އެ ޒޯނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު މަދުވެގެން އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް
- ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ވަސީލަތްތައް ގާއިމުކުރުމަށް
- އެ ޒޯނުގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް
- ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން ސަރުކާރުން ނ. އަތޮޅުން ދޫކޮށްފައިވަނީ ދިގުފަރާއި ދިގުފަރުގެ އިރުމަތީގައި އޮތް ދެކެނަންފަރާއި ދިގުފަރުގެ ދެކުނުގައިވާ ކުރަމާދުއާއި ކުރަމާދޫ ފަޅެވެ. އެއީ ނ. އަތޮޅުގެ އެންމެ ހުޅަނގު އުތުރު ސަރަހައްދެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުވަނީ، "އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"އިން، ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ޓައުންޝިޕްގެ ސަބަބުން ދިވެހި ވަޒީފާގެ ބާޒާރުގައި ވަޒީފާ އިތުރުވެ، އިގުތިޞާދު ކުރިއަރައިދާނެ ކަމަށެވެ. މި މަޝްރޫއު ވީ އެންމެ އަވަހަށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.