ނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު، އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދަން ބޮޑު ދައުރެއް އަދާކުރާނެ: ސަޢީދު

އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ސަޢީދާއި ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕެރަޓް ސަލާމްކުރައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ރިޔާޒް

"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ތަރައްގީކުރާ ދެމެހެއްޓެނިވި ޓައުންޝިޕް ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕު ތަރައްގީކުރަން 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު ކުރިއަރުވަން މި ސަރުކާރު، ވަކިން ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުރުވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ.

"[ނ. އަތޮޅުގައި ތަރައްގީކުރާ މި] ޓައުންޝިޕް މުހިއްމު ދައުރެއް އަދާކުރާނެ ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދަން،" ސަޢީދު ވިދާޅުވިއެވެ.

https://sun.mv/216102

ޓައުންޝިޕްގެ ސަބަބުން ދިވެހި ވަޒީފާގެ ބާޒާރުގައި ވަޒީފާ އިތުރުވެ، އިގުތިޞާދު ކުރިއަރައިދާން ލިބޭ ފުރުސަތު ބޮޑު ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މި މަޝްރޫއު ވީ އެންމެ އަވަހަށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕެރަޓް ކްރިސްޓިކް ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން ފުރުސަތު ލިބުނު ފުރަތަމަ އިންވެސްޓަރަކަށް އޭނާގެ ކުންފުނި ވުމުން ފަޚުރުވެރިވާ ކަމަށެވެ.

ޕެރަޓް ވިދާޅުވީ، ދިވެހި ސަރުކާރުން ވިޔަފާރިތަކަށްދޭ އަހައްމިއްޔަތުކަން ފެނިވަޑައިގެންފައިވާ ކަމަށާއި، މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.

"ޝައްކެއްނެތް، އަދި އިތުބާރާއި ޔަގީންކަން އެބައޮތް، ފޮރިން އިންވެސްޓަރުންނަށް ރަނގަޅަށް އިންވެސްޓްކުރެވޭނެ މަންޒިލަކަށް ރާއްޖެ ވާނެ،" އޭނާ ވިދާޅުވިއެވެ.

ނ. އަތޮޅުގައި ޓައުންޝިޕް ތަރައްގީކުރަން ސަރުކާރުން ކްރިސްޓަލް ހޯލްޑިންސްއާ ހަވާލުކުރީ އެކަމަށްޓަކައި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'ފޭސްބުކް'ގައި އެ ދުވަހު ލިޔުއްވާފައިވަނީ، ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ މި ޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާ އެކު އިންޑިއާ ކަނޑުގެ އިތުރުން ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ތަފާތު މަޝްރޫއަކަށް ކަމަށެވެ.

މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްހީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ގާއިމުކުރެވޭނެ ކަމަށާއި މި ޓައުންޝިޕްގައި އިއާދަކުރުވަނިވި ހަކަތައިން 60 ޕަސެންޓު ކަރަންޓު އުފައްދައި ބޭނުންކުރުން ލާޒިމުވާނެ ކަމަށް ސައީދު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، މި ޓައުންޝިޕްގައި ދަނޑުވެރިކަމުގެ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު އެކުއަކަލްޗާއާއި މެރިކަލްޗާގެ ޒޯނެއް ހިމެނޭނެ ކަމަށް ވެސް ސައީދުގެ ޕޯސްޓުގައިވެއެވެ. މި މަޝްރޫއުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް އޭނާ ލިޔުއްވިއެވެ. އަދި، މި މަޝްރޫއުން ޒުވާނުންނަށް ފުރިހަމަ މަންފާ ލިބޭނެ ކަމަށް ސިފަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމުކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ފުރަތަމަ ހުއްދަ ދިނީ މިދިޔަ މާރިޗު މަހުގައެވެ.

comment ކޮމެންޓް