ހުޅުމާލެ ސިނާއީ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީ

ހުޅުމާލެއިން އުޅަނދެއް ޓޯކުރުން: އެޗްޑީސީން ބުނީ މި ފެށޭ މަހުގެ އަށެއްގެ ކުރިން ސިނާއީ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ނަގަންވާނެކަމަށް --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ހުރި އުޅަނދުތައް ނަގައި، ތަން ސާފުކުރުމުގެ މަސައްކަތް ކުރަން ނިންމައިފައިވާކަމަށް ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

ހުޅުމާލެ ސިނާއީ ސަރަހައްދަކީ ހައިވޭއިން ހުޅުމާލެ އަރައިގެން އަންނައިރު އެންމެ ފުރަތަމަ އޮންނަ ސަރަހައްދެވެ. ގިނަ އަދަދެއްގެ ގަރާޖާއި، ގުދަންތަކާއި، ފެކްޓްރީތައް އެ ސަރަހައްދުގައި ހުރެއެވެ. އަދި ބޮޑެތި ލޮރީތަކާއި، ހަލާކުވެފައި ހުރި ބާ ކާރާއި ޕިކަޕު ވެސް އެކި ހިސާބުތަކުގައި ހުރެއެެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކިން ޒޯނުގެ ބޭރުން ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އަންނަ މި ފެށޭ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުގެ ކުރިން ނަގަން ވާނެ ކަމަށެވެ.

ނުނަގާ އުޅަނދުތައް، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ނަގާނެ ކަމަށް ވެސް ބުންޏެވެ.

އަދި އެ ކަމުގައި އުޅަނދަކަށް ނުވަތަ އޭގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ.

ވަރަށް ފަހުން ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ޕާކިންއަށް ޚާއްސަ ވަގުތީ ބިންތަކެއް އެޗްޑީސީން ވަނީ ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރަން ދީފައެވެ. އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި އެ ބިންތައް ތަރައްގީކުރާނީ ޕާކިން ބިލްޑިންގުގެ ގޮތުގައެވެ.

އެކި ފްލޯތަކަށް އުސްކޮށް ހުންނަ ޕާކިން ބިލްޑިންއެއް ހެދުމުން، އެއް ބިމެއްގައި މަދު ވެހިކަލްތަކެއް ޕާކު ކުރުމުގެ ބަދަލުގައި ގިނަ ވެހިކަލްތަކެއް ޕާކުކުރަން ފަހިވާނެއެވެ. އަދި ބިމުގެ ބޭނުން ވެސް ފުރިހަމައަށް ހިފޭނެއެވެ.

comment ކޮމެންޓް